މިއަދަކީ އިހުގައި ދިވެހިން ކިޔާ އުޅުނު ގޮތުން ބާރަ ދުވަހެވެ. ރަބީއުއްލައައްވަލު މަހުގެ ބާރު ދުވަހެވެ. އާދެ، ވަރަށް ގިނަ ބަޔަކި ދެކޭ ގޮތުގައި، ކީރިތި ރަސޫލާގެ (ސ) އުފަން ދުވަހެވެ. މި ދުވަސްވަރު ބާރަ ދުވަސް އައުމުން، އެންމެ ފުރަތަ ދެކެވޭ ވާހަކަތަކުގެ ތެރޭގައި މިދުވަސް ފާހަގަކުރުމުގެ ޝަރުއީ ހުކުމް ބަޔާންކުރުން ހިމެނެއެވެ. އެއްބަޔަކު ދެކެނީ އެއީ ބިދުއަތެއްގެ ގޮތުގައެވެ. ދީނުގައި އަލަށް އުފައްދައިގެން އުޅޭ ކަމެއްގެ ގޮތުގައެވެ. ކީރިތި ރަސޫލާ (ސ)އާއި އަދި ސަލަފުއްސޯލިހުގެ ދުވަސް ވަރު، އާދެ، މުސްލިމުންގެ އިހުގެ ފުރަތަ ދެތިން ޖީލުގެ ފަރާތުން މި މުނާސަބާ އެއްގޮތަކަށް ވެސް ފާހަގަކޮށްފައި ނުވާކަމެވެ. އަނެއް ބަޔަކު، މިކަން ފާހަގަކުރުމުގައި މައްސަލައެއް އޮތް ކަމަކަށް ނުދެކެއެވެ. މިއީ ދީނީ ކަމެއް، އެބަހީ، އަޅުކަމެއްގެ ގޮތުން، މާތްކަލާނގެއާއި ކުއްތަންވުމަށްޓަކައި، ކުރެވޭ ކަމެއް ނޫންކަމެވެ. ނަމަވެސް، ސަގާފީ، އެބަހީ، އާދަކާދައާ ގުޅުވައިގެން ކުރެވޭ ކަމެއްގެ ގޮތުގައި ދެކެއެވެ. ކޮންމެ އަކަސް، މި ލިޔުމުގެ ބޭނުމަކީ މި ބަހުސްގެ ތެރެއަށް ވަދެ، ޝަރުއީ ގޮތުން، މިކަމުގެ ރަނގަޅު ނުރަނގަޅު ގޮތް ކަނޑައެޅުމެއް ނޫނެވެ. މި ލިޔުމުގެ ބޭނުމަކީ އެހެން ދުވަސްތައް ފަދައިން، މިއަދުވެސް، ކީރިތި ރަސޫލާ (ސ) މަތިން ހަނދާންކޮށްލުމެވެ. އަދި، މި ގޮތުން ކޮންމެވެސް އެއްޗެއް ބުނެލުމެވެ.
ކީރިތި ރަސޫލާ (ސ) މަތިން ހަނދާންކޮށްލަން ގަސްދުކުރާއިރު، ލިޔެލާނެ ދެ ކަމެއް ހިތަށް އަރައެވެ. އެންމެ ފުރަތަމަ އެކަލޭގެފާނުގެ ސިޔަރަތެވެ. އެ ސިޔަރަތުގެ މުހިއްމު މަގުފާހަގަތަކެވެ. ދެން، އެކަމުން، މިއަދު، އަޅުގަނޑުމެންނަށް އޮތް ފިލާވަޅަކީ ކޮބައިކަމެވެ. މިއިން ކޮންމެ މައުޟޫއަކީ ވެސް، އެކަމާ ބެހޭ ގޮތުން ކުޑަވެސް ތަފްސީލެއް ލިޔާ ނަމަ، އެތައް އެތައް ހާސް ސަފުހާތަކެއް ފުރާލެވިދާނޭ މައުޟޫއުތަކެކެވެ. ނަމަވެސް، އަޅުގަނޑުމެން ކަހަލަ، ކިޔުންތެރިކަމުގެ އާދަ ވަރަށް ވެސް ކުޑަކޮށް އޮތް ތަނެއްގައި، ދިގުކޮށް ލިޔަން ވެއްޖެ ނަމަ، ގިނަބަޔަކަށް، ލިޔުން ބަލާލުން އޮންނާނީ ދަތިކަމަކަށް ވެފައެވެ. އެހެންވެ، ކުރުކޮށް ނަމަވެސް، މިނަންގަތް ދެކަމުގެ މައްޗަށް އަލިއަޅުވާލެވޭތޯ މަސައްކަތްކޮށްލާނަމެވެ. ކުރުކޮށޭ ބުނި ކަމުގައި ވިޔަސް، ގިނަ ބަޔަކަށް މިވާނީ ދިގު ލިޔުމަކަށެވެ. އެކަމަށް މާފަށް އެދި، ލިޔަން ފަށަމެވެ.
ކީރިތި ރަސޫލާގެ (ސ) ސިޔަރަތަކީ އަޅުގަނޑުމެން އެހާ ބީރައްޓެހި ސިޔަރަތަކަށް ނުވާނެއެވެ. ކޮންމެ ރޯދަ މަހެއްގައި އެ މާތް ސިޔަރަތު، ދިވެހި ރޭޑިޔޯގެ ޒަރިއްޔާއިން، އަޅުގަނޑުމެންނަށް އިއްވެމުންދާތާ ފަސްދޮޅަސް އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެހެން ހީވެއެވެ. އާދެ، މަރްހޫމު ސަލާހުއްދީނު ދިވެހި ބަހުން ލިޔުއްވި ކީރިތި ރަސޫލާގެ (ސ) ސިޔަރަތުގެ ވާހަކަތަކެވެ. އެހެންވެ، މިވާހަކަތަކަކީ މުޅިން އާ ވާހަކަތަކަކަށް ނުވާނެއެވެ. ނަމަވެސް، ވާހަކަތަކުގެ ހުށަހަޅާލުމާއި އަމާޒު، އާންމުކޮށް އިވޭ ސިޔަރަތުގެ ވާހަކަތަކާ ތަފާތުވުން އެކަށީގެން ވެއެވެ.
ކީރިތި ރަސޫލާގެ ސިޔަރަތުގެ ވާހަކަ ދައްކާއިރު، އެ ސިޔަރަތު ދެބަޔަކަށް ބަހާލެވިދާނެއެވެ. ފުރަތަމަ ބަޔަކީ ނަބަވީ ދައުވަތުގެ ކުރީ ދައުރެވެ. ދެވަނަ ބަޔަކީ ނަބަވީ ދައުރެވެ. ނަބަވީ މި ދައުރުވެސް ދެ މަރުހަލާއަކަށް ބަހާލެވިދާނެއެވެ. ނަބަވީ ދައުވަތުގެ މައްކީ މަރުހަލާއާއި ނަބަވީ ދައުވަތުގެ މަދަނީ މަރުހަލާއެވެ.
ކީރިތި ރަސޫލާގެ (ސ) ސިޔަރަތުގެ ނަބަވީ ދައުރުގެ ކުރިއަށް ނަޒަރު ހިންގާލާއިރު، ލިބެން ހުރި މައުލޫމާތު ވަރަށް ވެސް ކުޑައެވެ. ފަހުގެ ނަބަވީ ދައުރާ އަޅާ ކިޔާއިރުއެވެ. އެނގެން އޮތް މިންވަރަކީ އެކަލޭގެފާނު އުފަންވެވަޑައިގަތީ ‘އެތުގެ ހަނގުރާމައިގެ ހާދިސާ’ ހިނގި އަހަރުއެވެ. އެކަން ހިނގީ މީލާދީ ސަނަތުން 570 ނުވަތަ 571 ވަނަ އަހަރުއެވެ. އެއަހަރު، ޔަމަނުކަރައިން ގެފުޅު ތަޅާލައި ނެތިކޮށްލަން، އެތްތަކެއްގެ މަތީ ލަޝްކަރެއް އައެވެ. ނަމަވެސް، އެމީހުންގެ މަގުސަދު ހާސިލު ނުވެ، އެމީހުން ހަލާކުވެދިޔައީއެވެ. ކީރިތި ގުރުއާނުގައި ފީލު ސޫރަތުގައި މި ހާދިސާއަށް އިޝާރަތްކުރެވިފައިވެއެވެ. ދެން އެނގެނީ އެކަލޭގެފާނު އުފަންވެ ވަޑައިގަތީ މައްކާގައި ކަމެވެ. ގުރައިޝެއޭ ކިޔުނު ގަބީލާގެ ވަންހަތަކުގެ ތެރެއިން ހާޝިމުވަންހައިގެ ތެރެއަށެވެ. ހާޝިމު ވަންހައަކީ ގުރައިޝީ ގަބީލާގެ ބަނޑު ތަކުގެ، އެބަހީ، ބައިތަކުގެ، ތެރެއިން، ބަނޑެކެވެ، ނުވަތަ ބައެކެވެ. އެކަލޭގެފާނުގެ މަންމާފުޅަކީ އާމިނަތު ބިންތު ވަހަބު ކަމާއި ބައްޕާފުޅަކީ އަބްދުލް މުއްތަލިބުގެ ފުތް އަބްދުﷲ ކަމެވެ. އަދި، އެކަލޭގެފާނު އުފަންވެވަޑައިގަތުމުގެ ކުރިން، ބައްޕާފުޅު އަވަހާރަވިކަމާއި އަދި މަންމާފުޅު ވެސް އެކަލޭގެފާނުގެ އުމުރުފުޅުން ހަ އަހަރުފުޅުގައި އަވަހާރަވިކަމެވެ. އެކަލޭގެފާނު އެންމެ ތުއްޕުޅުއިރު ބެއްލެވީ އެކަލޭގެފާނުގެ ކިރުމައިކަމަނާ ކަމުގައިވާ ޘުވައިބަތުގެފާނެވެ. ދެން، އެއަށްފަހު އެކަލޭގެފާނުގެ މަންމާފުޅެވެ. އެކަލޭގެފާނުގެ މަންމާފުޅު އަވަހާރަވުމުން އެކަލޭގެފާނުގެ ކާފާފުޅެވެ. އެކަލޭގެފާނުގެ އުމުރުފުޅުން އަށް އަހަރުފުޅުގައި އެކަލޭގެފާނުގެ ކާފާފުޅު އަވަހާރަވުމުން، ބޮޑުފުޅުވަންދެން އެކަލޭފެފާނު ބެއްލެވީ ބޮޑުބޭބޭފުޅު އަބޫ ތޯލިބެވެ.
އުމުރުން ވަރަށް ހަގުފުޅުއިރުއް ސުރެން އެކަލޭގެފާނު މަސައްކަތްޕުޅު ކުރައްވަން ފެއްޓެވިއެވެ. އެންމެ ފުރަތަމަ، ބޮޑުބޭބޭފުޅަށް އެހީވެވަޑައިގެން ބަކަރި ހުއިހެއްޕެވުމުގައެވެ. ފަހުން ވިޔަފާރީގައި އެހީވެދެއްވުމުގައެވެ. އެކަލޭގެފާނުގެ އުމުރުފުޅުން ވިހީގެ އަހަރުތަކަށް އެޅުނުއިރު، މައްކާގައި އެކަލޭގެފާނު މަޝްހޫރުވެފައިވަނީ ވިޔަފާރީގެ މައިދާނުގައި މަސައްކަތްކޮށްދެއްވާ ވަރަށް ވެސް ތެދުވެރި ބޭކަލެއްގެ ގޮތުގައެވެ. އާދެ، އަލްއަމީނުގެ ގޮތުގައެވެ. އެހެންވެ، މައްކާގެ މުއްސަނދި ބޭކަނބަލެއް ކަމުގައިވާ ޚަދީޖަތުގެފާނު އެކަމަނާފާނުގެ ވިޔަފާރީގައި އެހީވެދެއްވުމަށް ކީރިތި ރަސޫލާގެ އަރިހުން އެދިވަޑައިގަތެވެ. އަދި، އެކަލޭގެފާނު އެކަން ގަބޫލުފުޅުކުރައްވައި އެކަން ކޮށްދެއްވިއެވެ. މިކަމުގެ ނަތީޖާއަކަށްވީ ޚަދީޖަތުގެފާނު ކީރިތި ރަސޫލާގެ އަރިހުން ކައިވެންޏަށް އެދިވަޑައިގަތުމެވެ. ދެން، އެދެބޭފުޅުން ކައިވެނި ކުރެއްވިއެވެ. ތާރީޚީ މަސްދަރުތައް ބުނާ ގޮތުން، އެއިރު އިތުރުއެކަލޭގެފާނުގެ އުމުރުފުޅުން ފަންސަވީސް އަހަރެވެ. ޚަދީޖަތުގެފާނުގެ އުމުރުފުޅުން ސާޅީސް އަހަރެވެ. ބައެއް އިލްމުވެރިންގެ ނަޒަރުގައި އެކަމަނާ އެއަށް ވުރެ ތަންކޮޅެއް ހަގުވެސް ވެދާނެއެވެ. އެކަމަނާއަށް ލިބިލެއްވި ދަރިކަލުންނާއި ދަރިކަނބަލުންގެ އަދަދުގެ މައްޗަށް ބަލައި، އަދި އާންމު ގޮތެއްގައި އަންހެނަކު ދަރިމައިވުމުގެ އުމުރަށް ވެސް ރިއާޔަތްކޮށް، އެކަމާނގެ އެއިރުގެ އުމުރުފުޅަކީ، 35ކަމުގައި ވެސް، މި ނަންގަތް އިލްމުވެރިން ލަފާކުރައްވައެވެ. ސުންނީ މުއައްރިޚުން ދެކެވަޑައިގަންނަވާ ގޮތުގައި އެކަމަނާފާނު، ކީރިތި ރަސޫލާ (ސ)އާ ކައިވެނި ބައްލަވައި ގަތުމުގެ ކުރިން ދެކައިވެންޏެއް ކުރައްވައި، ދަރިކަލުން ލިބިވަޑައިގަތެވެ.
ކީރިތި ރަސޫލާގެ ތުއްޕުޅުއިރާއި އަދި ޅަ ޒުވާންއިރުގެ ދުވަސްތަކަށް ބަލާލާއިރު، އެ ދުވަސްތަކަކީ އެއްގޮތަކަށް ވެސް މުއްސަނދި ހަޔާތެއްގެ ދުވަސްވަރެކޭ ނުބުނެވޭނެއެވެ. އެދުވަސް ވަރު ސިފަކުރުން ގާތީ ފަގީރު ދުވަސްވަރެކޭ ބުނުމާއެވެ. ނަމަވެސް ޚަދީޖަތުގެފާނާއި ކައިވެނި ބައްލަވައިގެން، އެކަމަނާގެ މުދާ އިސްތިސްމާރުކުރައްވައި ވިޔަފާރިގެ މަސައްކަތްޕުޅުގައި އުޅުއްވުމުގެ ނަތީޖާއަކަށްވީ އެކަލޭގެފާނުގެ އާންމު ދިރިއުޅުއްވުން، މީހުންގެ އެހީއަށް ބޭނުން ނުވާ ފުދިވަޑައިގެންފައިވާ ދިރިއުޅުއްވުމަކަށް ބަދަލުވުމެވެ. އެކަލޭގެފާނުގެ ހަޔާތްޕުޅުގެ މިދުވަސްވަރަށާއި އަދި އެކަލޭގެފާނުގެ މިދުވަސްވަރުގެ މައީޝަތަށް ޟުޙާ ސޫރަގުގައި އިޝާރަތްކުރެވިފައި ވެއެވެ. ފަގީރު ހާލުކޮޅެއްގައި އުފަންވެ ބޮޑުފުޅުވުމާއި އަދި ފަހުން އެ ހާލަތު ބަދަލުވެގެން ދިޔަ ގޮތުގެ މައްޗަށެވެ.
މި ނަންގަތް ގޮތަށް އެކަލޭގެފާނުގެ މައީޝީ ހާލަތު ބަދަލުވުމުން، މައްކާގެ އާންމު ހާލަތާ މެދު ވިސްނާލެއްވުމުގެ ފުރުސަތު އެކަލޭގެފާނަށް ލިބިވަޑައިގަތެވެ. މައްކާގެ ދީނީ ހާލަތުގެ މައްޗަށެވެ. އެމީހުންގެ ދީނީ އިއުތިގާދުތަކާއި ދީނީ ރަސްމުތައް، އެބަހީ އެއިތުގާދުތަކާއި ގުޅިފައި އޮންނަ ދީނީ އަޅުކަމުގެ ކަންކަމުގެ މައްޗަށެވެ. މިކަންކަމުން، އެމީހުންގެ ފަރުދީ އަޚުލާގަށް ކުޑަކޮށް ވެސް އަސަރުނުކުރާ ކަމުގެ މައްޗަށެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ މުއްސަނދިކަމެއް ހޯދުމުގެ ރޭހުގައި އަވަދި ނެތި އުޅެ މުޖުތަމައުގެ އެހެން ފަރުދުންނަށް އަޅާނުލުމުގެ މައްޗަށެވެ. ކީރިތި ގުރުއާނުގެ މައްކީ މަރުހަލާގެ ކުރީ ކޮޅުގެ ސޫރަތްތަކުގައި މިކަން ކަމަށް އިޝާރަތްކުރެވިފައި ވެއެވެ. މިސާލަކަށް، ތަކާޘުރު ސޫރަތާއި ޟުޙާ ސޫރަތުގެ އެންމެ ފަހު ތިން އާޔަތާއި، އަދި މާޢޫން ސޫރަތަށް ބައްލަވާލައްވާށެވެ. މައްކާގެ ފަރުދިއްޔަތުގެ މި ގޮތް ނިޔާކުރީ މައްކާގެ މުޖުތަމައު ގިންތިތަކަކަށް ބެހިފައި އޮތުމެވެ. ފައިސާވެރި މުދާވެރި ލިބޭ ބަޔަކާއި ފަގީރު ނިކަމެތި ބަޔަކަށެވެ. މި ދެވަނަ ބައިގެ ތެރޭގައި އެއްވެސް ހައްގެއް ނެތް، އަޅުންވެސް ހިމެނުނެވެ.
ޚަދީޖަތުގެފާނާ ކައިވެނިބައްލަވައިގަތުމަށް ފަހު، އިތުރު އެކަލޭގެފާނުގެ މައީޝީ ހާލަތު ރަނގަޅުވުމުން، މައްކާގެ މި ނަންގަތް މައްސަލަތަކުގެ މައްޗަށް ވިސްނުމުގެ ފުން ނަޒަރެއް ހިންގަވައި އެކަންކަމަށް ހައްލެއް ހޯއްދެވުމާ ބެހޭ ގޮތުން މަސައްކަތްކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތެވެ. އަދި، މުޖުތަމައުއާ އެކަހެރިވެވަޑައިގެން، މައްކާގެ ރަށްބޭރުގެ ފަރުބަދައަކަށް އަރާވަޑައިގެން އެކަނި އިންނަވައި ތައައްމުލުކޮށް، ފިކުރުކުރައްވަން ފެއްޓެވިއެވެ. ކީރިތި ޤުރުއާނުގެ އިންޝިރާހު ސޫރަތުގައި މިފިކުރުއްވުމުގެ މަސައްކަތަށް އިޝާރަތްކުރެވިފައިވެއެވެ. އެ ސޫރަތުގައި އެކަލޭގެފާނުގެ މި ފިކުރުކުރެއްވުމަކީ އެކަލޭގެފާނުގެ ބުރިކަށިފުޅު ‘ބިންދާލި’ކަމެއް ކަމުގައި ސިފަކުރެވިފައި ވެއެވެ. އާދެ، އެކަމުގެ ތެރެއަށް ވެދެވަޑައިގެން، އެކަމާގެން މަޝްޣޫލުވެލެއްވި ބޮޑުކަމުން އެކަލޭގެފާނަށް ކުރި އަސަރު ބަޔާންކޮށްދިނުމުގެ ގޮތުންނެވެ.
އެކަލޭގެފާނު ކަންބޮޑުވެވަޑައިގެން އެކަންކަމާ މެދު ފިކުރުކުރެއްވި މައްސަލަތައް – މައްކާގެ މީސްތަކުންގެ ފަރުދީ ހަޔާތް އިސްލާހުކުރުމުގެ މައްސަލައާއި އަދި މައްކީ މުޖުތަމައު އަލުން ތަންޒީމުކުރާނޭ ގޮތުގެ މައްސަލަ – މި މައްސަލަތަކުގެ ހައްލު އައީ އިލާހީ ރިސާލަތެއްގެ ސިފައިގައެވެ. އާދެ، ކީރިތި ގުރުއާނުގައެވެ. ކީރިތި ގުރުއާނުގެ ރިސާލަތުގެ ފެށުން އައީ ހިރާ ފަރުބަދައިގައި އެކަލޭގެ ފާނުގެ ތަހައްނުސުގެ އަމަލުގައި – ވިސްނާ ފިކުރުކޮށް، ތައައްމަލު ކުރުމުގެ އަމަލުގައި – އިންނަވަނިކޮށެވެ. އެއިރު އެކަލޭގެފާނުގެ އުމުރުފުޅުން ސާޅީސް އަހަރުފުޅެވެ. އާދެ، އެކަލޭގެފާނުގެ ސިޔަރަތުގެ ނަބަވީ ދައުރުގެ ފުރަތަމަ މަރުހަލާ ފެށުނީއެވެ.
އެކަލޭގެފާނުގެ ނަބަވީ މަރުހަލާ ފެށުނީ ‘اقرأ’، ކަލޭގެފާނު ކިޔުއްވާވިދާޅުވާށެވެ!، މި އިބާރާތުންނެވެ. އާދެ، ކިޔުމާއި ކިޔެވުމަށް ބާރުއަޅަމުންނެވެ. ނޭނގޭ ކަންކަމަށް އުނގެނުމަށް ބާރުއަޅަމުންނެވެ. އެހެން އިބާރާތަކުން ބުނާ ނަމަ، ވިސްނާ ފިކުރުކޮށް، ސިކުނޑީގެ ބޭނުންކުރުމަށް ބާރުއަޅަމުންނެވެ. މައްކީ ސޫރަތްތަކުގައި އިންސާނުންގެ ނަފްސަށާއި އަދި އޭނާގެ ވަށައިގެންވާ ބިމުގެ ތަބީއީ މަންޒަރުތަކަށާއި، އުޑުގެ ފަލަކީ މަންޒަރުތަކަށް ވެސް ވިސްނާ ފިކުރުކުރަން ގޮވާލެވިފައިވެއެވެ. މިކަންކަމަކީ އެއްކައުވަންތަ އިލާހެއް ވޮޑިގެންވާކަން އިންސާނާގެ ސިކުނޑި މެދުވެރިކޮށް ދެނެގަނެވޭނޭ، ކަމަކަށްވާތީއެވެ. މިސާލަކަށް ނާޒިޢާތު ސޫރަތާއި ޢަބަސަ ސޫރަތާއި ޠާރިޤު ސޫރަތަށް ބައްލަވާލައްވާށެވެ. މިކަންކަމުގެ މައްޗަށް ނަޒަރު ހިންގުމަށް ގޮވާލެވިފައިވާތަން ފެންނާނެއެވެ.
ނަބވީ ދައުރުގެ މައްކީ މަރުހަލާގައި އިތުރުއެކަލޭގެފާނުގެ އަމާޒަކަށްވީ ފަރުދީ އިސްލާހެވެ. ވަކި ޚާއްސަ އަގުތަކެއްގެ މައްޗަށް ބިނާވި ފަރުދީ އިސްލާހެކެވެ. މި އަގުތަށް ޚުލާސާވެފައިވަނީ ‘ތަޤުވާވެރިވުމުގެ’ މަފްހޫމުގެތެރޭގައެވެ. މާތްކަލާނގެ ވޮޑިގެންވުމާއި އެކަލާނގެ އައްކައުވަންތަކަން ގަބޫލުކުރުމެވެ. އަދި، މިކަން ގަބޫލުކުރާ މީހާ، އާދެ، މުއުމިނާގެ ނަފްސުގައި، މާތްކަލާނގެ މި ތަސައްވުރު، އެއްކައުވަންތަ ކަމުގެ ތަސައްވުރު، އަށަގަންނަވައި، އެގޮތުގެ މަތީގައި ނަފްސު ހޭލައްވައި، ރަނގަޅާއި ނުރަނގަޅެއް، ހެވާއި ނުބައެއް އޮތްކަން ދެނެގަނެ، ރަނގަޅުކަންތައް ކުރުންމަތީ ދެމިހުންނަށް މަސައްކަތްކޮށް، އޭނާގެ ނަފްސު އިސްލާހުކުރުމާއެވެ.
މި ގޮތުން، އެންމެ ފުރަތަމައިންވެސް ކުރަންޖެހޭނޭ ކަންތައްތަކާއި ކޮށްގެން ނުވާނޭ ކަންތައްތަކެއް ކަނޑައަޅާލެވުނެވެ. މާތްރަސްކަލާނގެއަށް އީމާންވެ އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކުނުކުރުމެވެ. ދޮގު ހެދުމާއި ވައްކަންކުރުމުން، މުޅިން، ދުރުވުމެވެ. ޒިނޭފަދަ ފާޙިޝް އަމަލުތަކާ ގާތްވެސް ނުވުމެވެ. ސިހުރު ހާހޫރައާ ދުރުވުމެވެ. އަދި، ކެރިފޯދިވީ ވަރަކުން ނިކަމެތިންނަށް އެހީވުމެވެ. ކުރުގޮތަކަށް، ކީރިތި ޤުރުއާނުގެ އިބާރަތުން، ބުނާނަމަ ‘އިސްތިގާމާގެ’ މީހަކަށް، އެބަހީ، ‘ސީދަލަށް’، ނުވަތަ ‘ތެދަށް’ ހުންނަ މީހަކަށް ވުމެވެ. އާދެ، ހެޔޮލަފާ މީހަކަށް ވުމެވެ. އަޅުގަނޑުމެން މުސްލިމުން މިއަދުވެސް، ކޮންމެ ދުވަހަކު މަދުވެން ސަތާރަ ފަހަރު، އެކަމަށް އެދި މާތްރަސްކަލާނގެ ހަޒުރަތުގައި ދަންނަވާ ކަންތައް، ‘އަޅަމެނަށް ސީދާ މަގު ދައްކަވާފާނދޭވެ’، މިކަން ހާސިލުވެ، މިފަދަ ހެޔޮލަފާ މީހަކަށް ވުމެވެ.
ނަބަވީ މައްކީ ދައުރުގައި ފަރުދީ އިސްލާހުގެ މި މަސައްކަތުގައި ތޭރަވަރަކަށް އަހަރު އިތުރު އެކަލޭގެފާނު ދެމިހުންނެވިއެވެ. ނަމަވެސް މާބޮޑު ކާމިޔާބެއް ލިބިވަޑައެއް ނުގަނެއެވެ. މައްކާގެ އަހުލުވެރިންގެ މަދު ބަޔަކު ފިޔަވައި، އެކަލޭގެފާނުގެ ދައުވަތާ އިދިކޮޅު ހެދިއެވެ. އަދި، އެކަލޭގެފާނަށާއި އަދި އެކަލޭގެފާނަށް ތަބާވީ މީހުންނަށް ދަތިއުނދަގޫތައް މެދުވެރިކުރިއެވެ. މުސްލިމުންގެ ނިކަމތެންނަށް ޖިސްމާނީ އަނިޔާކޮށް އަދި ބައެއް މުސްލިމުން މެރިވެސް މެއެވެ. ނަމަވެސް، މިއިން އެއްވެސް ކަމެއްގެ ސަބަބުން، ކީރިތި ރަސޫލާގެ އަޒުމަކަށް ކުޑަވެސް ގުނޑުމެއް ނާދެއެވެ. އަދި އެކަލޭގެފާނުންނަށް ތަބާވީ މީހުންގެ އީމާންކަމަކަށް އެއްވެސް ހީނަރުކަމެއް، ބަދަލެއް ނާދެއެވެ. ބިލާލުގެފާނަށް އަނިޔާކުރެވެމުން ދިޔައިރު، ‘އަހަދް، އަހަދޭ؛ (އެކަލާނގެއީ އެއްކައުވަންތަ އިލާހޭ) ވިދާޅުވަމުން ގެންދެވި މަންޒަރު ހިތަށް ގެންނަވާށެވެ.
މައްކާގެ އަހުލުވެރިން އެކަލޭގެފާނުގެ ދައުވަތު ބަލައިނުގަންނާނޭކަން އެނގިވަޑައިގަތުމުން، ދެން އިތުރު ރަސޫލާގެ (ސ) ދައުވަތުގެ މަސައްކަތް އެހެން ދިމާއަކަށް އަމާޒުކުރެއްވިއެވެ. އެންމެ، ފުރަތަމަ މައްކާގެ ކައިރީ އޮންނަ ކުޑަ ރަށެއްކަމުގައިވާ ތާއިފުގެ އަހުލުވެރިންނަށެވެ. އެރަށުންވެސް އެކަލޭގެފާނުގެ ދައުވަތަށް އެއްވެސް ކާމިޔާބީއެއް ލިބިވަޑައި ނުގަތުމުން، އެނބުރި މައްކާއަށް ވަޑައިގަތެވެ. އަދި، އެއަށްފަހު، ހައްޖު މޫސުމުގައި މައްކާއަށް އަންނަ އަރަބި އެހެން ގަބީލާތަކަށް ދައުވަތު ދެއްވަން ފެއްޓެވިއެވެ. މިތާ ހަނދާންކޮށްލަން ޖެހެނީ ހައްޖަކީ އިސްލާމް ދީނުގެ ކުރިންވެސް ކުރެވެމުން އައި އަޅުކަމެވެ.
ހައްޖުގެ ދުވަސްވަރު މައްކާއަށް ޒިޔާރަތް ކުރި ޔަޘްރިބުގެ ބަޔަކާ ބައްދަލުވެވަޑައިގެން އެމީހުންނަށް ދައުވަތު ދެއްވިއެވެ. އަދި އެމީހުން އިސްލާން ދީން ގަބޫލުކޮށް، އެނބުރި މަދީނާއަށް ގޮސް، މަދީނާގައި އެމީހުން އިސްލާން ދީނުގެ ދައުވަތުގެ މަސައްކަތްކުރިއެވެ. އަދި، މަދީނާގެ ބައެއް މީހުން އެދައުވަތު ގަބޫލުކޮށް އިސްލާންވިއެވެ. ދެން، ވިދިގެން އައި އަހަރުތަކުގައިވެސް، ހައްޖު މޫސުމުގައި، މީގެ ތެރެއިން ބައެއް މީސްމީހުން މައްކާއަށް ދިޔައެވެ. އަދި، ޔަޘްތިބަށް ހިޖުރަކުރެއްވުމަށް، ކީރިތި ރަސޫލާއަށް ދައުވަތު އެރުވިއެވެ. ދެން، އެކަލޭގެފާނު އެ ދައުވަތު ގަބޫލުކުރައްވައި އެކަލޭގެފާނަށް ތަބާވި މީހުންނަށް ޔަޘްރިބަށް ހިޖުރަކުރެއްވުމަށް އެންގެވިއެވެ. އަދި އެއަށް ފަހު، އެކަލޭގެފާނުވެސް ޔަޘްރިބަށް ހިޖުރަކުރެއްވިއެވެ. ދެން ޔަޘްރިބު ވެގެން ދިޔައީ ކީރިތި ރަސޫލާގެ ރަށަށެވެ. އާދެ، ޔަޘްރިބުގެ ނަން، މަދީނާގެ ނަމަށް ބަދަލުވެގެން ދިޔައީއެވެ. އަދި، މިހިސާބުން ނަބަވީ މައްކީ މަރުހަލާ ނިމި ނަބަވީ މަދަނީ މަރުހަލާ ފެށުނީއެވެ.
ނަބަވީ މަރުހަލާގެ އަމާޒަކަށްވީ އިސްލާމީ މުޖުތަމައެއް ބިނާކުރުމަށެވެ. މިކަމުގެ އަސާސަކަށް، ބިންގަލަކަށް، ދެ އަގެއް، ކަނޑައަޅާލެވުނެވެ. ހަމަހަމަކަމާއި އަދުލު އިންސާފުގެ ދެ އަގެވެ. މަދީނާގައި ގާއިމުކުރެވުނު އިސްލާމީ ފުރަތަމަ ދައުލަތުގެ ބިނާކުރެވުނީ މިދެކަމުގެ މައްޗަށެވެ. މިސާލަކަށް، ޙުޖުރާތު ސޫރަތުގެ ފަހުބައިންނާއި މާއިދާ ސޫރަތުގެ އަށްވަނަ އާޔަތުން މިކަން ފެނިގެންދާނެއެވެ.
މިތަނުގައި، ކުޑަކޮށް މަޑުޖައްސާލައި، މުހިއްމު ކަމެއް ފާހަގަކޮށްލަން ޖެހެއެވެ. ކީރިތި ރަސޫލާގެ (ސ) ސިޔަރަތުގެ ވާހަކަދައްކާއިރު ހަނދާންކޮށްލުން ވަރަށް ވެސް މުހިއްމު ވާހަކައެކެވެ. އެއީ، ޙުޖުރާތު ސޫރަތުގައި ބަޔާންކުރެވިފައިވާ ގޮތުން، ހުރިހާ އިންސާނުންނަކީ ހަމަހަމަ ބައެއް ކަމުގައި ކަނޑައަޅައި ގޮވާލި ގޮވާލުމުގެ ވާހަކައެވެ. މިއީ ކީރިތި ގުރުއާނުގެ ތައުލީމާތުތަކުގެ ތެރެއިން، އެންމެ އަސްލީ، (އޮރިޖިނަލް)، އެބަހީ މުޅިން އަލަށް، ގޮވާލައި އިއުލާނުކުރެވުނު ކުރެވުމެކެވެ.
މިކަމުގެ އަމަލީ ސިފަ މަދީނާގެ ގާނޫނު އަސާސީއޭ ކިޔުމު ވަސީގާއިން، ރަސްމީ ލިޔުމުން ވެސް، ފެނިގެންދެއެވެ. ހުރިހާ ގަބީލާތަކުގެ މީހުންނަކީވެސް، އެއީ މުސްލިމުން ކަމުގައި ވިޔަސް، ނޫނީ މުސްލިމުން ނޫންކަމުގައި ވިޔަސް، އެއްކަހަލަ ހައްގުތަކެއް ލިބިފައިވާ ބައެއްކަން އެ ލިޔުމުގައި ވެއެވެ. ދީނީ މިނިވަންކަމެވެ. ގާނޫނުތައް ހިންގުމުގެ މިނިވަންކަމެވެ. މަސައްކަތްކޮށް ހެޔޮ ދިރިއުޅުމެއް ލިބުމުގެ މިނިވަންކަމެވެ. މިއާ ވިދިގެން ވަރަށް ބޮޑު މަސްއޫލިއްޔަތެއްވެސް ކަނޑައެޅިފައި އޮތެވެ. މަދީނާއަށް އެއްވެސް ކަހަލަ ނުރައްކަލެއް ކުރިމަތިވެއްޖެ ނަމަ، އެންމެން އެކުގައި، އެބަހީ މުސްލިމުންނާއި ޣައިރު މުސްލިމުން އެކުގައި، މަދީނާ ދިފާއުކުރުމުގެ މަސްއޫލިއްޔަތެވެ. އަދި މިކަމުގެ ޚަރަދުގައި ވެސް އެންމެ އެކުގައި ހަމަހަމަ ގޮތެއްގައި ހިފުމެވެ.
މީގެ އިތުރުން، ހަމަހަމަކަން އަމަލީ ސިފައެއްގައި ހިންގާލުމުގެ ގޮތުން، ޒަކާތުގެ ތަފްސީލުތައް، މަދަނީ ދައުރުގައި ބަޔާންކުރެވި، މުޖުތަމައުން ފަގީރުކަމާއި މުހުތާދުކަން ނައްތާލުމުގެ މަސައްކަތް ފެށުނެވެ. އަދި، ކީރިތި ރަސޫލާއަށް ފަހު ވެސް، ދެން އައި ފަނަރަވަރަކަށް އަހަރު ވަންދެން މިކަން ތަރައްގީކުރެވުނެވެ. ޒަކާތް ނެގުމުގެ ތަކެތީގެ ދާއިރާ ފުޅާކޮށް، އަބޫބަކުރުގެފާނުގެ ޚިލާފަތުގައި ފެންޝަނުގެ ނިޒާމެއްގެ ބިންގާ ވެސް އެޅި، އަދި އުމަރުގެފާނުގެ ޚިލާފަތުގައި އެކަން އިތުރަށް ތަރައްގީކުރެވުނެވެ. އަދި، ބޭނުން ޖެހިއްޖެ ނަމަ، ޒަކާތުގެ ނިސާބަށް ބަދަލު ގެނައުމުގެ ޚިޔާލުވެސް އުމަރުގެފާނު ފާޅުކުރެއްވިއެވެ. މީގެ އިތުރުން، ހަމަހަމަކަން ނިޔާކުރި އަނެއްކަމަކީ އަދުލު އިންސާފުގެ ކަންކަން އެންމެންގެ ތެރޭގައި، އެއްވެސް މީހެއްގެ މޫނަށް ބެލުމެއް ނެތި، ހަމަހަމަ ގޮތެއްގައި، ހިންގާލުމުވެ. މިކަމުގެ އެންމެ ބޮޑު ހެކި އިތުރު އެކަލޭގެފާނުގެ ބަސްފުޅަކުން ފެނިގެންދެއެވެ. “ތިމަންގެ ދަރިކަނބަލުން ފާތިމަތުގެފާނުގެ ވައްކަންކުރެއްވިޔަސް، އެކަމަނާގެ އަތްޕުޅުވެސް ތިމަންކަލޭގެފާނު ކެނޑުއްވީމުހެވެ’، މިބަސްފުޅުންނެވެ.
މަދީނާގައި އިސްލާމީ ދައުލަތެއް ގާއިކުރެއްވުމުގެ މަސައްކަތުގައި ކުރިއަށް ވަޑައިގެންނެވިއިރު، އެކަލޭގެފާނައި ވަރުގަދަ ދެ ގޮންޖެހުމެއް ކުރިމަތިވިއެވެ. މަދީނާގެ ތެރެއިން އައި ދާޚިލީ ގޮންޖެހުމަކާއި މަދީނާގެ ބޭރުންއައި ޚާރިޖީ ގޮންޖެހުމެކެވެ. މަދީނާގެ ތެރެއިން މަދީނާގައި އުޅުނު ޔަހޫދީ ގަބީލާތައް އެމީހުންނާކުރެވުނު މުއާހަދާތަކާ ޚިލާފުވެ، މުސްލިމުންނާ ދެކޮޅުވެރިވެ ގަތެވެ. މިކަމުގެ އަސްލު ގުޅެނީ މަދީނާގައި އޮތް މަދީނާގެ ޔަހޫދީންގެ ވިޔަފާރީގެ މަގާމާއެވެ. މި މަގާމު ގެއްލި މުސްލިމުންގެ އަތް މައްޗަށް މިކަން ފުރޮޅިގެން ހިނގައިދާނެ ކަމުގެ ބިރު ހީވުމުން، މުސްލިމުންނާ ދެކޮޅުވެރިވެގަތީއެވެ. މިކަން ފެށުނީ ކީރިތި ރަސޫލާގެ ނިންމެވި ނިންމުމަކަށް އަމަލީ ސިފަ ގެންނަވާތަން ފެށުމުންނެވެ. ކުރިން ނަންގަތް، މަދީނާގެ ގާނޫނު އަސާސީގައި ކަނޑައެޅިފައި އޮތް އެއް ބަންދަކީ މުސްލިމުންނަކީ އިގުތިސާދީ ގޮތުން މިނަވަން ބައެއް ކަމުގައެވެ. އަދި އެހެންވެ، އެމީހުންނަކީ، އެމީހުންގެ މައީޝީކަންކަން ފުއްދުމުގައި އެހެން މީހުންގެ މައްޗަށް ބަރޯސާވާނޭ ބަޔަކަށް ނުވާނޭކަމެވެ. މިކަމަށް އަމަލީ ސިފަ ގެންނެވުމުގެ ގޮތުން، އިޚާއުގެ މުއައްސަސާ ގާއިމުކުރެވުނެވެ. މުހާޖިރިއްޔަ ބޭކަލުންނާއި އަންސާރިއްޔަ ބޭކަލުންނަކީ އަޚުންކަމުގައި ހައްދަވައި، މުޖުތަމައުގެ ފަގީރުކަމުގެ މައްސަލައިގެ މަސްއޫލިއްޔަތު އުފުލުން އެންމެންގެ މައްޗަށް ބައްސަވާލެއްވިއެވެ. އަދި، ސަދަގާތް ދިނުމަށް އިތުރަށް ބާރުއެޅިގެން ދިޔައެވެ. މުސްލިމުންގެ އިގުތިސާދީ ހާލަތު ރަނގަޅުވެ، ޒަކާތުގެ ތަފްސީލުތައް ހަމަޖެހިދަންދެން މިކަން ކުރިއަށް ގެންދެވުނެވެ. މިކަންވެސް ކީރިތި ރަސޫލާގެ ބަސްފުޅަކުން ފެނިގެން ދެއެވެ. ‘ކަލޭމެންގެ އަތުގައި ކަދުރެއްގެ އެތިކޮޅެއް ބާކީ އޮތް ނަމަވެސް، އެއިން ސަދަގާތްކުރާށެވެ!’، މިބަސްފުޅުންނެވެ.
މީގެ އިތުރުން، މުސްލިމުންގެ އަމިއްލަ ބާޒާރެއް ވެސް، މަދީނާގައި ގާއިމުކުރެވުނެވެ. މިކަން ވެގެން ދިޔައީ ޔަހޫދީ ގަބީލާތަކުގެ ނުރުހުން ލިބުނުކަމަކަށެވެ. އަދި، މަދީނާގެ ޔަހުދީ ގަބީލާތަކާއި މުސްލިމުންނާ ލެޑެންދިމާވި މައިގަނޑު ސަބަބަށެވެ. މިކަމަކަށް ހައްލެއް ހޯދުމުގެ ގޮތުން، އެއްކޮޅުން، މަދީނާގެ ޔަހޫދީ ގަބީލާތަކަށް އިސްލާމް ދީނަށް ވަނުމަށް ދައުވަތު ދެވުނެވެ. އެމީހުންގެ ފަރުދުންގެ އިގުތިސާދީ ހާލަތު، އޭރުން، އެމީހުން ހީކުރާ ގޮތަށް ބަދަލުނުވެ، ދެމިއޮންނާނެތީއެވެ. އަނެއްކޮޅުން، މައްކާގެ މުޝްރިކުންނާ ގުޅިގެން، މުސްލިމުންނާ ދެކޮޅަށް އެމީހުން ރާވަމުންދާ ރޭވުންތަކުން، ސަލާމަތްވުމަށް މުސްލިމުން ހޭލުންތެރިކުރުވައި އަދި، ޔަހޫދީންގެ ތާރީޚުން އިބުރަތް ލިބިގަނެ، ދީނީ އަގުތަކުގައި ހިފަހައްޓައިގެން ތިބުމަށް މުސްލިމުންނަށް އިރުޝާދު ދެވުނެވެ. މިވާހަކަތައް، ބަޤަރާ ސޫރަތުގެ ސާޅީސް ވަނަ އާޔަތުން ފެށިގެން ސަތޭކަ ސައްވީސް ވަނަ އާޔަތާ ހަމައަށް ބަޔާންކުރެވިފައިވެއެވެ.
ކޮންމެއަކަސް، މަދީނާގެ ޔަހޫދީންގެ ފަރާތުން ކުރިމަތިވީ ގޮންޖެހުމާއި އިތުރު އެކަލޭގެފާނު ކުރިމަތިލެއްވިއެވެ. އެމީހުންނާ ކުރެވުނު މުއާހަދާއާ ޚިލާފުވެ، މައްކާގެ މުޝްރިކުންނާ ބައިވެރިވެ، މުސްލިމުން ނެތިކޮށްލަން މަދީނާގެ ޔަހޫދީން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. އާޚިރުގައި، އެމީހުން ބަލިވެ، އެމީހުންގެ ދެ ގަބީލާއަކަށް މަދީނާއިން ބޭރުވާން ޖެހުނެވެ. އަދި، އެމީހުންގެ ތިން ވަނަ ގަބީލާއެއްގެ މީހުން، ހަނގުރާމައިގައި ބަލިވެ، އެދުވަސްވަރުގެ ހަނގުރާމައިގެ ގާނޫނާއި ގަވާއިދުތަކުގެ މަތިން، މަރަން ހުކުމްކޮށް މެރުނެވެ. މި ހަނގުރާމައަކީ ޚަންދަގު ހަނގުރާމައެވެ. އެމީހުން ތިބީ، މައްކާގެ މުޝްރިކުން ބޭރުން އައިސް މަދީނާއާ ހަމަލަދީ މަދީނާއަށް އަރައިގަތުމުން، މަދީނާގެ އެތެރެއިން މުސްލިމުންނާ ހަމަލާދޭށެވެ. ކޮންމެ އަކަސް މައްކާގެ މުޝްރިކުންގެ ރޭވުން ނާކާމިޔާބުވެ، އެމީހުން ބޭނުން ގޮތަކަށް ކަންތައް ނުވީއެވެ. އަދި، އެއަށް ފަހު، މައްކާގެ މުޝްރިކުންނާ ބައިވެރިވި މީހުން، ހިސާރުކުރެވި، ބަލިކުރެވި، އެމީހުންނަށް މަރުގެ އަދަބު ދެވުނީއެވެ.
ޚާރިޖީ ގޮން ޖެހުމަކަށްވީ ދެންމެ އިޝާރަތްކޮށްލި ފަދައިން، މައްކާގެ މުޝްރިކުންނެވެ. މައްކާގެ މުޝްރިކުންގެ ވެސް އެދުމަކަށްވީ މުސްލިމުން ނެތިކޮށްލުމެވެ. މިގޮތުން މައިގަނޑު ހަތަރު ހަނގުރާމަ ކުރެވުނެވެ. އެންމެ ފުރަތަ މައިގަނޑު ހަނގުރާމައަކީ ހިޖުރައިން ދެވަނަ އަހަރު ކުރެވުނު ބަދުރު ހަނގުރާމައެވެ. މި ހަނގުރާމައިގައި، މުސްލިމުނަށް ފުރިހަމަ ކާމިޔާބީއެއް ލިބުނެވެ. އަދި، އެކަމުގެ ނަތީޖާއެއްގެ ގޮތުން، އަރަބި ކަރައިގެ ބާރަކަށް މުސްލިމުން ވިއެވެ. ދެން، ވިދިގެން އައި އަހަރު، އުހުދު ހަނގުރާމަ ކުރެވުނެވެ. އެ ހަނގުރާމައިގައި ކޮންމެ ވެސް ވަރެއްގެ ނާކާމިޔާބީއަކާ މުސްލިމުން ކުރިމަތިލާން ޖެހުނެވެ. ނަމަވެސް، މައްކާގެ މުޝްރިކުންގެ ބޭނުން – މުސްލިމުން ނެތިކޮށްލުން – މިކަން ހާސިލެއް ނުވެއެވެ. އުހުދު ހަނގުރާމައަށް ފަހު، ހިޖުރައިން ފަސްވަނަ އަހަރު، ޚަންދަގު ހަނގުރާމަ ކުރެވުނެވެ. އެ ހަނގުރާމައިގައިވެސް މައްކާގެ މުޝްރިކުންނަށް ކާމިޔާބީއެއް ނުލިބެއެވެ.
މިހިސާބަށް އައިރު، މުސްލިމުންގެ އިގުތިސާދީ ހާލަތު ރަނގަޅުވެ، މުސްލިމުންގެ ބާރު ގަދަވެއްޖެއެވެ. މިކަން ނިޔާކުރީ، ހިޖުރައިން ހަ ވަނަ އަހަރު، ސުލްހަވެރި ކަމުގައި، މުސްލިމުން މައްކާއަށް ޒިޔާރަތްކުރުމެވެ. އުމުރާ އަދާކުރުމުގެ ބޭނުމުގައެވެ. މައްކާއަކީ ހަރަމަށް ވެފައި، އެބަހީ އަރަބިންގެ އާދަކާދައިގެ މަތިން، ހަނގުރާމަ ކުރެވިގެންވާނޭ ތަނަކަށް ނުވެފައި، ކޮންމެ އަރަތްބަކަށް ވެސް، މައްކާއަށް ޒިޔާރަތްކުރުމުގެ ހައްގު ލިބިގެން ވެއެވެ. ނަމަވެސް، އުމުރާގެ މިދަތުރު، ނިމުނީ އުމުރާ ނުކުރެވި، މައްކާގެ މުޝްރިކުންނާއި މުސްލިމުންނާ ދެމެދު ހުދުނާއެއްގެ (ޓްރޫސްއެއްގެ)، އެބަހީ ވަގުތީ ސުލްހައްގެ، އެއްބަސްވުމެއް އެއްބަސްވެވިގެންނެވެ. އާދެ، ސުލްހަލް ހުދައިބިއްޔައިގެ ހުދުނާގެ އެއްބަސްވުމެވެ. މި އެއްބަސް ވުމުގައި މުސްލިމުންނާއި މައްކާގެ ގުރައިޝުނާ ދެމެދުގައި ހުދުނައިގެ ދިހަ އަހަރު އޮތުމަށް އެއްބަސްވެވުނެވެ. އަދި، އެ އަހަރު، އާދެ، ހިޖުރީ ހަވަނަ އަހަރު، އުމުރާ ނުކޮށް މުސްލިމުން މަދީނާއަށް އެނބުރި ގޮސް، ވިދިގެން އަންނަ އަހަރު، އާދެ، ހިޖުރީ ގޮތުން ހަތް ވަނަ އަހަރު، މުސްލިމުން ބޭނުން ނަމަ، އުމުރާއަށް އާދެވޭ ގޮތަށް ވެސް އެއްބަސްވެވުނެވެ. ކޮންމެ އަކަސް، ސުލްހައިގެ އެއްބަސްވުމާ މައްކާގެ މުޝްރިކުން ޚިލާފުވިއެވެ. އެއީ މުސްލިމުންނާ އެކު ހިލްފީ އިއްތިހާދެއްގައިވި ގަބީލާއަކަށް ހަމަލާދިނުމަށް އެހެން ގަބީލާއަކަށް އެހީތެރިވުމުންނެވެ. މި ޚިލާފުވުމުގެ ނަތީޖާއަކަށްވީ މައްކާ ފަތަހަކުރެއްވުމަށް ކީރިތި ރަސޫލާ ނިންމެވުމެވެ. އަދި، ހިޖުރައިން އަށް ވަނަ އަހަރު މިކަމަށް އަމަލީ ސިފަގެނެވި، މައްކާ ފަތަހަކުރެވުނެވެ.
ނަބަވީ މަދަނީ މަރުހަލާގެ އެންމެ މުހިއްމު ހާދިސާއެއްކަމަށް ފާހަގަވަނީ މައްކާ ފަތަހަކުރެއްވުމެވެ. މިކަމުގެ މުހިއްމުކަން ދެ ސޫރަތެއްގައި ފާހަގަކުރެވިފައިވެއެވެ. ނަޞްރު ސޫރަތާއި ފަތުޙު ސޫރަތުގައެވެ. މިކަން މުހިއްމު ވެގެން ދިޔައީ މައްކާއަކީ އަރަބިކަރައިގެ މައި މަރުކަޒަށް ވެފައި، މައްކާގެ އަހުލުވެރިން އިސްލާންވުމުން، އަރަބިކަރައިގެ އެންމެންހެން އިސާލާމް ދީން ގަބޫލުކުރުމުންނެވެ. ނަސްރު ސޫރަތުގައި ފާހަގަކުރެވިފައިވާ ފަދައިންނެވެ. އަދި، މިކަން ވެގެން ދިޔައީ، އަބްދުﷲ އިބްނު އައްބާސްގެފާނު ފާހަގަކުރެއްވި ގޮތުގައި، ކީރިތި ރަސޫލާގެ ރިސާލަތުގެ ނިމުމުގެ ފެށުމާއެވެ. އަދި، އިތުރު އެކަލޭގެފާނުގެ ދުނިޔަވީ ހަޔާތުގެ ނިމުން ގާތްވުމާވެސް މެއެވެ.
މައްކާ ފަތަހަވުމަށް ފަހު، އިތުރު ދެތިން ހާދިސާއެއް، އިތުރު އެކަލޭގެފާނުގެ ސިޔަރަތުން ފެނިގެންދެއެވެ. ޙުނައިނު ހަނގުރާމައާއި ތަބޫކު ހަނގުރާމައެވެ. ޙުނައިނު ހަނގުރާމަ ކުރެވުނީ މައްކާ ފަތަހަކުރެއްވުމަށް ފަހު، ހަމަ ހިޖުރައިން އަށް ވަނަ އަހަރުއެވެ. އެއަހަރު ޝައްވާލު މަހުއެވެ. އެ ހަނގުރާމަކުރެވުނީ މައްކާގެ ވަށައިގެން އުޅުނު މުސްލިމުންނާ އަދާވަތްތެރިވި ގަބީލާތަކާއެވެ. މި ހަނގުރާމަށް، އެ ހަނގުރާމައިގެ ނަންގަނެވި، ތައުބާ ސޫރަތުގައި އިޝާރަތް ކުރެވިފައިވެއެވެ.
ތަބޫކަކީ އަރަބިކަރައިގެ އުތުރު ހުޅަނގުގައި، އަގަބާގެ ޚަލީޖު ކައިރީ، މަދީނާއާ ގާތްގަނޑަކަށް އަށެއްކަ ސަތޭކަ ކިލޯ މީޓަރު ދުރުގައި އޮންނަ ރަށެކެވެ. އަރަބި ގަބީލާއެއްކަމަށްވާ ޤަޟާޢަތުގެ ވަޒަނެވެ. އޭރު އެމީހުން އޮތީ ރޫމާނީންގެ ބާރުގެ ދަށުގައެވެ. އެ ހަނގުރާމައިގެ މައްސަލަ ކުރިމަތިވީ މި ހިސާބުގަނޑުން، ރޫމާނީންގެ ލަޝްކަރެއް މުސްލިމުންނާ ހަނގުރާމަކުރަން ތައްޔާރުވަމުންދާ ކަމުގެ ޚަބަރު ލިބުމުންނެވެ. ކޮންމެ އަކަސް، ތިރީހަކަށް ހާހުގެ ލަޝްކަރަކައިގެން، ހިޖުރައިން ނުވަ ވަނަ އަހަރު، ކީރިތ ރަސޫލާ ތަބޫކަށް ވަޑައިގެން، އެހިސާބު ގަނޑުގައި ކަންތައް އޮތް ގޮތް ބެއްލެވިއެވެ. ނަމަވެސް، ރޫމީންގެ ލަޝްކަރެއް ނައުމުން، އެހިސާބުގަނޑުގެ ގަބީލާތަކާއި މުއާހަދާތައް ކުރެއްވުމަށް ފަހު، މަދީނާއަށް އެނބުރިވަޑައިގަތީއެވެ.
ދެން އޮތް މުހިއްމު ދެ ހާދިސާއަކީ ނުވަ ވަނަ އަހަރު އަރަބިކަރައިގެ އެތައް މިތަނުން، މަދީނާއަށް ވަފްދުތައް އައުމާއި ހިޖުރައިން ދިހަވަނަ އަހަރުގެ އެކަލޭގެފާނު ކުރެއްވި ހައްޖު، އާދެ، ވަދާއީ ހައްޖުގެ ހާދިސާއެވެ.
ހިޖުރައިން ނުވަ ވަނަ އަހަރު، އާދެ، އިސްލާމީ ތާރީޚުގައި ވަފްދުތަކުގެ އަހަރުގެ ނަމުން ނަންދެވިފައިވާ އަހަރު، ހިމެނިގެން ދިޔައީ ދެންމެ ބުނިފަދައިން، އަރަބިކަރައިގެ އެކި ދިމަދިމާއިން، އެކިއެކި ގަބީލާތައް މަދީނާއަށް ޒިޔާރަތްކޮށް، އިސްލާން ދީން ގަބޫލުކުރިކަން އިއުލާނުކޮށް ކީރިތި ރަސޫލާއަށް ބައިއަތުހިފި އަހަރު ކަމުގައެވެ. އަދި، އެ ގަބީލާތަކުގެ މީހުންނަށް، އިސްލާމް ދީން އުނގަންނައި ދެއްވުމުގެ ގޮތުން، އިލްމުވެރި އަސްހާބު ބޭކަލުން ފޮނުއްވިއެވެ. މިފަދަ ބޭބޭކަލުންގެ ތެރެއިން އިސްލާމީ ތާރީޚުގައި މަޝްހޫރުވެފައިވަނީ ޔަމަނުކަރައަށް ފޮނުއްވުނު، މުޢާޛުގެފާނެވެ. މިތަނުގައި ވެސް، އިސްލާމް ދީނުގައި އިލްމު އުގެނުމަށް ދެވިފައިވާ އަހައްމިއްޔަތުކަން ފާހަގަކުރެވެއެވެ. ދީނީ އިއުތިގާދުތަކާއި ދީނީ އަމަލުތައް ބިނާވާން ޖެހޭނީ އިލްމުވެރިކަމުގެ މައްޗަށެވެ. އުނގެނުމާއި ދެނެގަތުމުގެ މައްޗަށެވެ.
ކީރިތި ރަސޫލާގެ ސިޔަރަތުގައި އެންމެ ފަހުގެ މަގުފާހަގައަކަށް އޮތީ ހިޖުރައިން ދިހަ ވަނަ އަހަރުގައި އެކަލޭގެފާނު އަދާކުރެއްވި ހައްޖުގެ އަޅުކަމެވެ. މިއީ އެކަލޭގެފާނު ކުރެއްވި ހަމައެކަނި ހައްޖެވެ. މި ހައްޖުގައި ހިނގައިދިޔަ މުހިއްމު ކަންތައްތަކުގެ ތެރެއިން ދެކަމެއް ފާހަގަކޮށްލަން ބޭނުމެވެ. ފުރަތަމަ ކަމަކީ ހައްޖުގެ އަޅުކަމުގެ ރަސްމެވެ. އެކަން، އިސްލާމީ ގޮތަށް، އަދާކުރާނޭ ގޮތުގެ އަމަލީ ސިފައެވެ. މިކަން ފުރިހަމަވުމުން، އިސްލާމް ދީނުގެ އަޅުކަންތައް ފުރިހަމަވެ، އިސްލާމްދީނުގެ ތައުލީމާތުތައް ފުރިހަމަވެގެން ދިޔައީއެވެ. އަދި މިކަން ފުރިހަމަވުމާއި ވިދިގެން، اليوم أكملت لكم دينكم وأتممت عليكم نعمتي ورضيت لكم الإسلام دينا، (މިއަދު، ކަލޭމެންނަށްޓަކައި ކަލޭމެންގެ ދީން، އެބަހީ ކަލޭމެން މާތްކަލާނގެއަށް ތަބާވެ، އެކަލާގެއާއި ގުޅުން އުފައްދައި، ކުއްތަންވާނޭ ގޮތް، ތިމަން ރަސްކަލާނގެ ފުރިހަމަ ކޮށްދެއްވައިފީމުއެވެ. އަދި، އެގޮތުން ތިމަންރަސްކަލާނގެ ނިއުމަތްތައް ކަލޭމެންގެ މައްޗަށް ފުރިހަމަކުރައްވައި، ދީނެއްގެ ގޮތުގައި، ތިމަންރަސްކަލާނގެއަށް (ކަލޭމެންގެ ނަފްސު) ދީލާލުން، ތިމަންރަސްކަލާނގެ ރުހިވޮޑިގަންފީމުއެވެ.)، މިއާޔަތް ބާވާލެއްވުނެވެ. މިއާޔަތަށް ފަހު، ޝަރީއަތާ ބެހޭ އެއްވެސް އާޔަތެއް ބާވާ ނުލެއްވެއެވެ.
ހައްޖުގައި ހިނގި ކަންތައްތަކުގެ ތެރެއިން ދެން ފާހަގަކޮށްލަން ޖެހޭ ހާދިސާއަކީ ހައްޖުގައި އެކަލޭގެފާނުން އުއްމަތާއި މުޚާތަބުކުރައްވައި ދެއްކެވި ވާހަކަތަކެވެ. އާދެ، ވަދާއީ ހައްޖުގެ ވަދާއީ ޚުތުބާއެވެ. އެ ޚުތުބާގައި، މުސްލިމުންނާ މުޚާތަބުކޮށް މުހިއްމު ކަންތައްތަކެއް ހަނދާންކޮށް ދެއްވިއެވެ. ތަގުވާވެރިކަން މަތީ ދެމި ތިބުމަށެވެ. އާދެ، ފަރުދީ އިސްލާހުވުމުގެ މަގުގައި، ހުއްޓުމެއް ނެތި މަސައްކަތްކޮށް، މާތްރަސްކަލާނގެއަށް އީމާންވާ، ހެޔޮލަފާ ބައެއްގެ ގޮތުގައި ދެމިތިބުމަށެވެ. ތަޅާފޮޅައި ލޭ ނުއޮހުރުވަމަށެވެ. ޖާހިލީ ޒަމާނުގައި އެއްބަޔަކު އަނެއްބަޔަކާ މެދު އޮތް ދެކޮޅުވެރިކަމާއި އަދާވަތްތެރިކަން އަލުން ނުނެގުމަށެވެ. ރިބާގެ މުއާމަލާތު، އެބަހީ ދަރަނީގެ ގޮތުގައި ފައިސާދީ، މިކަމުން ނާޖާއިޒު ފައިދާތައް ނަގައި މީހުން އަޅުވެތިކުރުމުގެ، މުއާމަލާތުތައް ނުކުރުމަށެވެ. އަނބިންގެ ހައްގުތައް އަދާކޮށް އެމީހުންނަށް ހެޔޮކޮށް ހިތުމަށެވެ. އިސްލާމް ދީން ދޫކޮށް މުރުތައްދުވެ، ޖާހިލީ ޒާމާނުގައި ކަންތައް އޮތްފަދައިން އެއްބަޔަކު އަނެއްބަޔަކާ އަދާވަތްތެރިވެ ހަނގުރާމަ ނުކުރުމަށެވެ. އަދި، އެކަލޭގެފާނުގެ ރިސާލަތުގެ މަސައްކަތް ފުރިހަމަކުރައްވައި، ނިންމެވި ވާހަކަ އިއުލާނުކޮށް، “ދެން ތިމަންކަލޭގެފާނު ކަލޭމެންނާ މިހެން ބައްދުލުވެދާނެ ކަމެއް ނޭނގެއޭ ވިދާޅުވެ” އެކަލޭގެފާނަށް، މި ފަނާވަނިވި ދުނިޔޭ ދޫކުރެއްވުމުގެ ވަގުތު ޖެހިއްޖެކަމަށް ވެސް އިޝާރަތްކުރެއްވިއެވެ.
ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ފަހު، މަދީނާއަށް އެނބުރިވަޑައިގަތެވެ. އަދި، ދެމަހެއްހާ ފަހުން އެކަލޭގެފާނު މިދުނިޔެ ދޫކުރައްވައި ސުވަރުގެ ވަޑައިގަތެވެ. އެއީ ހިޖުރައިން އެގާރަ ވަނަ އަހަރުގެ ރަބީއުލް އައްވަލު މަހުގެ ބާރަވަނަ ދުވަހެކެވެ. ހައްޖުވެވަޑައި ގަތުމަށް ފަހު، ގާތްގަނޑަކަށް އަށްޑިހަ ދުވަސް ފަހުންނެވެ. އެކަލޭގެފާނު އަވަހާރުވުމުގެ ނުވަ ވަރަކަށް ދުވަސްކުރިން، ކީރިތި ގުރުއާނުގެ އެންމެ ފަހު އާޔަތްކަމުގައިވާ ބަޤަރާ ސޫރަތުގެ ދުއިސައްތަ އެކާހި ވަނަ ބާވާލެއްވުނެވެ. އެއާޔަތުގައި އަދިވެސް އެއްފަހަރު، މާތްރަސްކަލާނގެއަށް އީމާންވެ، ހެޔޮ ގޮތުގައި ތިބުމަށް މުސްލިމުންނަށް ހަނދާންކޮށްދެވުނެވެ. واتقوا يوما ترجعون فيه إلى الله ثم توفى كل نفس ما كسبت وهم لا يظلمون (އެދުވަހަކުން، ތިޔަބައި މީހުން މާތްރަސްކަލާނގެ ހަޒުރަތަށް ގެންދެވޭނޭ ދުވަހަކަށް ބިރުވެތިވާ ހުށިކަމެވެ. އެދުވަހުން، އެއްވެސް ބަޔަކަށް އަނިޔާވެރިވުމެއް ނެތި، ކޮންމެ ނަފްސަކަށް ވެސް، އެ ނަފްސެއް ލިބިގެން ކަމެއް ފުރިހަމަކޮށް ދެވޭނެއެވެ.) މިއާޔަތެވެ. އާދެ، މި ހިސާބުން ކީރިތި ރަސޫލާގެ ސިޔަރަތު ނިމުނީއެވެ.
މިއަދާއި އަދި އެހެން ދުވަސްތަކުގައި ވެސް، އެކަލޭގެފާނު މަތިން އަޅުގަނޑުމެން ހަނދާންކުރާ އިރު، ހިތަށް ގެންނަން ޖެހެނީ ކޮން ކަމެއް ހެއްޔެވެ؟ އެކަލޭގެފާނުގެ ރިސާލަތުގެ ވާހަކައެވެ. އެ ރިސާލަތު ބިނާވެފައި އޮތީ ދެކަމެއްގެ މައްޗަށެވެ. ހެޔޮލަފާ އަފުރާދުންތަކެއް އުފެއްދުމާއި އަދި ހަމަހަމަކަމާއި އަދުލު އިންސާފުގެ މައްޗަށް ބިނާވެފައި އޮތް މުޖުތަމައުއެއް އުފެއްދުމެވެ. އަޅުގަނޑުމެންގެ މުސްލިމު މުޖުތަމައުތަކަށް ބަލާލާއިރު، އަދު ފެންނަނީ ކޮން ކަހަލަ މަންޒަރެއް ހެއްޔެވެ؟ ހަމަ އެކަނި، ދީނުގެ ބޭރުފުށުގެ ކަންކަމަށް އިސްކަންދީ، ދީނުގެ ދީނީ ޖައުހަރު، އެތެރެ އިސްލާހުކުރުމުގެ މަސައްކަތް، ނެތެމުންދާ ތަނެވެ. ހަމަހަމަކަމާއި އަދުލު އިންސާފު ގެއްލި، އެކަކު އަނެކަކަށް ވުރެ، ކޮންމެ ވެސް ސިފައެއްގައި، މޮޅުކަން ދައްކައި، ޚާއްސަ އިމްތިޔާޒުތަކެއް ލިބިގެންވާ ކަން ދެއްކަމުންދާ ތަނެވެ.
ކީރިތި ރަސޫލާގެ ސިޔަރަތަށް ނަޒަރު ހިންގާލުމުން، މިއަދުވެސް އަޅުގަނޑުމެންނަށް ފެނިގެންދަނީ، އަޚުލާގީ އަގުތަކެއްގެ މަތީގައި ފަރުދީ އިސްލާހުންވުން ހަގީގަތަކަށް ހަދާލައި، ހެޔޮ މުޖުތަމައުއެއް ބިނާކުރާނޭ ގޮތުގެ އަގުހުރި މިސާލެކެވެ. އެކަލޭގެފާނަށް ހައްގު އިހުތިރާމު އަދާކޮށް، އެކަލޭގެފާނަށް ތަބާވާކަމުގެ ދައުވާ އަޅުގަނޑުމެން ކުރާ ނަމަ، މިއަދު އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބަކަށް ހަދަންވީ، އެކަލޭގެފާނު އަޅުގަނޑުމެންނަށް ދެއްކެވި އިލާހީ ހިދާޔަތުގެ މަގުގެ އަލީގައި ފަރުދީ އިސްލާހުވުން ގެންނާނީ ކިހިނެއްކަމާއި އަދި ހަމަހަމަކަމާއި އަދުލު އިންސާފުގެ މުޖުތަމާއެއް ބިނާކުރާނީ ކިހިނެއްކަމާ މެދު ވިސްނާ ފިކުރުކުރުމެވެ. އަދި، އެކަމަށް އަމަލީ ސިފައެއް ގެންނާނީ ކިހިނެއްކަން ބުނެދީ އެކަން ކުރުމުގެ މަސައްކަތް ފެށުމެވެ. މިކަން ފެށެން އަންނަނީ އަޅުގަނޑުމެންގެ ފިކުރު ތަރައްގީ ކުރެވިގެންނެވެ. އަޅުގަނޑުމެންގެ ތެރޭގައި އާ އިލްމީ އޮއިވަރެއް އުފައްދާލައި، އިސްލާމީ ފިކުރީ ހަރަކާތެއް ފެށިގެންނެވެ. ކީރިތި ރަސޫލާގެ އީދު މީލާދު ދުވަހު، ހަނދާން ކޮށްލަން ޖެހޭ މުހިއްމު އެއްކަމަކީ މިއެވެ.


