މ.ރޯޒުބުޝް ޝަހީދު އަލްމަރްހޫމް އިސްމާއިލް ހަލީމަކީ ދިވެހިރާއްޖޭގެ އަޑުގެ އޮޕަރޭޓަރެކެވެ.
1988 ނޮވެމްބަރު 3 ވަނަ ދުވަހުގެ ފަތިހު ސިފައިންގެ މައި މަރުކަޒަށް ހަމަލާދެމުން ދަނިކޮށް ދިވެހިރާއްޖޭގެ އަޑު ހުޅުވުމަށްޓަކައި އަޑުގެ ތަޅުދަނޑިބަލާ ބަނޑޭރިގެއަށް ދަނިކޮށް ދުޝްމިނުން ބަޑީގެ ހަމަލާއެއްގައި ހަލީމް ގަޔަށް ވަޒަން އެރި އެވެ.
އަމީރު އަހުމަދު މަގުން ހުޅަނގުން އިރަށް ދަނިކޮށް ސިފައިންގެ މައި ގޭޓުގައި ހުޅަނގުން ގާތްގަނޑަކަށް 50 ވަރަކަށް ފޫޓް ދުރުން އޭނާގެ ގަޔަށް ވަޒަން އަރައި ބައިސްކަލާއިއެކު ސިފައިންގެ ކުރިމައްޗަށް އަމީރު އަހުމަދު މަގަށް ވެއްޓުނެވެ.
ވަޒަން އަރައިގެން ވެއްޓެމުން ބައިސްކަލް ދޫކޮށްލާފައި ތެދުވެ އަމީރު އަހުމަދު މަގުން އިރަށް ހިނގާފައި ގޮސް ޑިފެންސް ގޭޓް ތެރެއަށް ވަދެގެން ގޮސް ފުލުސް އޮފީސް ގޭޓްގެ ކުރިމަތީގައި ހުރެ ފެން ފޮދެއް ދޭށޭ ބުނުމަށްފަހު މަޑުނުކޮށް ނިކުތީ އެވެ.
އެއަށްފަހު ބަނޑޭރިގޭ ހިނގުމުން ދެކުނަށް ހިނގާފައި ގޮސް މެދުޒިޔާރަތް މަގުން ހުރަސްކޮށް މުލިޔާގެ ހުޅަނގުން އޮތް އަލިމަސް ގޯޅިއަށް އެޅި އެވެ. އަލިމަސް ގޯޅިން ދެކުނަށް ގޮސް މަލިންގޭ ކަންމައްޗަށް ވެއްޓުނީ އެވެ. އެވަގުތު މަލިންގޭ މީހުން ގާތުގައި ފެން ފޮދެއްދީ އެގެއަށް ވައްދައި ދިނުމަށް އެދުމުން މަލިންގެ އާދަމް ޝަރީފާއި ޕްރައިވެޓް މުހުތާރު މޫސާ އާއި ދެބޭކަލުން ވެގެން އިސްމާއިލް ހަލީމަށް ފެންދިނެވެ.
ފެންދިންތަނާ ޕޯސްޓަލް ކައިރިން ދުޝްމިނުން ބަޑި ތަޅައިގަތް އަޑަށް ޕްރައިވެޓް މުހުތާރު މޫސާ ދުވެފައި ގޮސް އެރީ ކަޅުވަކަރު މިސްކިތަށެވެ. ޕްރައިވެޓް މުހުތާރު މޫސާއަކީ އެރޭ ފަތިހު ދުޝްމިނުން ހަމަލާދޭ އަޑު އިވިގެން ސިފައިން ގެއަށް ދާންދިޔަ މީހެކެވެ.
އިސްމާއިލް ހަލީމް ޝަހީދުވެފައި އޮތީ ގ.މަލިންގެ ކަންމަތީގައި އެވެ.
ޝަހީދު އަލްމަރްހޫމް އިސްމާއިލް ޝަހީދުކޮށްލިއިރު އުމުރަކީ 35 އަހަރެވެ. ޝަހީދުވިއިރު ތިން ކުދިންނާއި އަންބަކު ދުނިޔޭގައި އިންނެވި އެވެ.
މައުލޫމާތު: އެމްއެންޑީއެފްއިން ނެރުނު 3 ނޮވެމްބަރު ފޮތުން