ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް އިތުރު ފުރުސަތަކަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ހުޅުވާލުމުން 3 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިޔަށް ދަނިކޮށް، ބައެއް ފަނޑިޔާރުންނާއި ގުޅޭގޮތުން ފެންމަތި ކުރި ސުލޫކީ މައްސަލައާއި އެކު ފަނޑިޔާރުކަމުން ހުސްނުއް ސުއޫދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރު މިވަގުތު ތިއްބެވީ ސަސްޕެންޝަނުގަ އެވެ.
ހުސްވެފައިވާ ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ޖޭއެސްސީން މީގެ ކުރިން ހުޅުވާލި ފުރުސަތުގައި ދީފައި ވަނީ ދެ ދުވަހެވެ. އަދި މުއްދަތު ހަމަވީއިރު ފަނޑިޔާރުކަމަށް ކުރިމަތިލެއްވީ ކުރީގެ ޑެޕިއުޓީ ޕްރޮަސެކިއުޓަރ ޖެނެރަލް މަރިޔަމް ނިހާޔަތެވެ.
ނިހާޔަތުގެ އިތުރުން، އެއްވެސް ބޭފުޅަކު މަގާމަށް ކުރިމަތިލާފައި ނުވާތީ ޖޭއެސްސީން އައު އިއުލާނެއް ކުރީ އެވެ. ސަބަބަކީ ކުރީގެ އިއުލާނުގެ ސުންގަޑި ހަމަވީއިރު، އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައި ނުވާތީއެވެ.
އެހެންވެ އަލުން ހުޅުވާލި ފުރުސަަތުގައި ހަމަވެފައިވަނީ ހޮނިހިރު ދުވަހުގެ 10:00 އަށެވެ.
ސުންގަޑި ހަމަވިއިރު ނިހާޔަތުގެ އިތުރުން ދެން ކުރިމަތިލައްވާފައިވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން، ގާނޫނީ ވަކީލު ރުސްދުﷲ އިބްރާހީމްއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެވޭ ޝަރުތުތަކުގެ ތެރޭގައި 30 އަހަރުވެފައިވުމާއި، އިސްލާމީ ޝަރީއާ ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން ހިމެނެ އެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެކަން ކުރުމުގައި މަދުވެގެން 7 އަހަރު ހިދުމަތް ކުރުމުގެ ތަޖުރިބާ ލިބުން ހިމެނެ އެވެ.