ޔުނައިޓެޑް ބަލިވިއިރު، ޗެލްސީއަށް ފަސޭހަ މޮޅެއް

ކުޅިވަރު ފަހުގެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ އިސްތަންބޫލް ބަޝަކްޝެހީރް އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވިއިރު، އަމިއްލަ ދަނޑުގައި ރެނެސް އަތުން ޗެލްސީ ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ޔުނައިޓެޑް ބަލިވީ ރަށުން ބޭރުގައި ބަޝަކްޝެހީރް އަތުން 2-1 ގެ ނަތީޖާއަކުންނެވެ. މިއީ ބަޝަކްޝެހީރުގެ ތާރީޚުގައި ޗެމްޕިއަންސް ލީގުގެ މެޗަކުން އެ ޓީމު މޮޅުވި ފުރަތަމަ ފަހަރެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގައި ޔުނައިޓެޑުގެ ޑިފެންޑަރުންގެ ފަރާތުން ގިނަ ގޯސްތަކެއް ފެނުނުއިރު، މެޗުގެ 12 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ޑިފެންޑަރުން ކުރިއަށް ޖެހި ތިއްބައި ބަޝަކްޝެހީރުގެ ފޯވާޑް ޑެމްބަ ބާ ވަނީ ކުރިއަށް ގޮސް ލަނޑު ޖަހާ އެ ޓީމަށް ލީޑު ނަގައިދީފައެވެ.

އަދި ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ބަޝަކްޝެހީރުގެ ކެޕްޓަން އެޑިކް ވިޝްކާ ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން ޔުނައިޓެޑަށް ފަރަގު ކުޑަކޮށްދިނީ އެންތަނީ މާޝިއަލްއެވެ.

ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފުގައި ޔުނައިޓެޑުން ކުޅުން ރަނގަޅުކުރި ނަމަވެސް، އެ ޓީމަށް ނަތީޖާ އެއްވަރުކުރެވިފައެއް ނުވެއެވެ. މެޗުގެ ފަހު ވަގުތު ޔުނައިޓެޑުން ނަތީޖާ އެއްވަރުކުރުމާ ގާތަށް ޖެހިލިއިރު، ގޯލުގެ ރޮނގުމަތިން ބަޝަކްޝެހީރުގެ ޑިފެންޑަރުން ވަނީ އެ ބޯޅަ ސަލާމަތްކޮށްފައެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ގްރޫޕް އެޗުގައި ހިމެނޭ ޔުނައިޓެޑް ބަލިވިއިރު، މި ގްރޫޕުގައި ހިމެނޭ ޕީއެސްޖީވެސް ވަނީ ރަށުން ބޭރުގައި އާރްބީ ލެއިޕްޒީގް އަތުން 2-1 ން ބަލިވެފަައެވެ.

މި ނަތީޖާތަކާއެކު މި ގްރޫޕުގެ އެއްވަނައިގައި އޮތް ޔުނައިޓެޑާއި ދެވަނައިގައި އޮތް ލެއިޕްޒީގަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ޕީއެސްޖީ އާއި ފުލުގައި އޮތް ބަޝަކްޝެހީރަށް ތިން މެޗުން ވަނީ ތިން ޕޮއިންޓް ލިބިފައެވެ.

މީގެ އިތުރުން ބުދަ ދުވަހުގެރޭ ކުޅުނު މެޗުން މި މުބާރާތުގެ ގްރޫޕް އީގައި ހިމެނޭ ޗެލްސީ ފަސޭހަކަމާއެކު މޮޅުވީ އަމިއްލަ ދަނޑުގައި ރެނެސް އަތުން 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޓިމޯ ވާނާ ވަނީ ޗެލްސީއަށް ލީޑު ނަގައިދީފައެވެ. މިއީ ވާނާއަށް ރެނެސްގެ ޑަލްބާޓް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ،އަދި ލިބުނު އިތުރު ޕެނަލްޓީއަކުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ވާނާ ވަނީ ޗެލްސީގެ ލީޑު ފުޅާކޮށްދީފައެވެ. މި ޕެނަލްޓީ ދިނީ އޭރިއާ ތެރެއިން ރެނެސްގެ ޑަލްބާޓުގެ އަތުގައި ބޯޅަ ޖެހުމުންންނެވެ. އެއާއެކު އޭނާއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ.

މި މެޗުގައި ޗެލްސީން ކާމިޔާބުކުރި ތިންވަނަ ލަނޑު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓެމީ އަބްރަހަމެވެ. މި މެޗުގައި ޗެލްސީ ކޮޅަށް ލަނޑެއް ނުވަދެ ނިމުނުއިރު، މިއީ އެ ޓީމުގެ ގޯލުގައި ހުރި ރެނެސްގެ ކުރީގެ ގޯލްކީޕަރު އެޑޮއާޑޯ މެންޑީ ކޮޅަށް ލަނޑެއް ނުވަދެ ޗެލްސީން ޖެހިގެހިގެން ނިންމާލި ފަސްވަނަ މެޗެވެ.

ގްރޫޕް އީގައި ހިމެނޭ ޗެލްސީން ބުދަ ދުވަހުގެރޭ ފަސޭހަ މޮޅެއް ހޯދިއިރު، މި ގްރޫޕްގެ އަނެއް މެޗުގައި ސެވިއްޔާ ވަނީ އަމިއްލަ ދަނޑުގައި 3-2 ން ކްރަސްނޯޑާ ބަލިކޮށްފައެވެ.

މި ނަތީޖާތަކާއެކު ގްރޫޕް އީގެ އެއްވަނައިގައި އޮތް ޗެލްސީ އާއި ދެވަނައިގައި އޮތް ސެވިއްޔާއަށް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތް ކްރަސްނޯޑާ އާއި ހަތަރުވަނައިގައި އޮތް ރެނެސްއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ