ދިވެހިރާއްޖޭގައި އެއް ދުވަސްވަރެއް ދިޔައެވެ. ރާއްޖޭގެ ބޮޑެތި ހުރިހާ އަތޮޅެއް ހުންނަނީ މާލޭގެ ބޮޑެތި ބޭފުޅުންނަށް ނޫނީ މާލޭގެ ބޮޑެތި އާއިލާތަކަށެވެ. ތިލަދުންމަތި އޮންނަނީ އަތިރީގެއަށެވެ. އައްޑު އަތޮޅު އޮންނަނީ ސައްޔިދު ކިލެގެފާނަށެވެ. ފެލިދެ އަތޮޅު އޮންނަނީ ކަޅުހުރާގެއަށެވެ. އެ ދުވަސްވަރު އެ އަތޮޅުތަކުގެ ބޮޑެތި ބޭފުޅުންނާ މާލޭގެ އެ އާއިލާތަކާ ވެސް ގާތް ގުޅުމެއް އޮތެވެ. އެ ގުޅުމުގެ ތެރެއިން ހިނގި އެއް ހާދިސާއަކީ ތިލަދުންމަތީ މީހުން އޮޑިދޯނިފަހަރުގައި މާލެ އައިސް ބުންބާ މީހުން (ވޯރާ ފިޔަފާރިވެރިން) މިނެކިރަން ގެންގުޅުނު ތުޅުތައް މުގުރި ހާދިސާއެވެ. އެކަމުގެ އަޑީގައި ހުންނެވީ އަތިރީގޭ ސުމުއްވުލްއަމީރު ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނެވެ.
ވޯރާ ވިޔަފާރިވެރިންގެ މަކަރުވެރިކަމާއި ހީލަތްތެރިކަން އިންތިހާއެވެ. މިނެކިރުމުގައި އޮޅުވާލުމާއި މަކަރު ހެދުމުގެ ސަބަބުން އެކަމުގެ ގެއްލުން ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑެވެ. ދިވެހި ވިޔަފާރީގެ ކޮންޓްރޯލް އޮތީ އެމީހުންގެ އަތްމަތީގައެވެ. އެހެން އެކަން އޮއްވައި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3ވަނަ) ދެވަނަ ފަހަރަށް 1903 ވަނަ އަހަރު ރަސްކަމަށް އިސްވެވަޑައިގެންފިއެވެ. އެ ރަދުންގެ ރަސްކަމުގައި ދައުލަތުގެ ނިކަން ގިނަ ބާރުތަކެއް ލިބިވަޑައިގެން ހުންނެވި ޢަބްދުމަޖީދު ރަންނަބަނޑޭރި ކިލެގެފާނަށް 12 ރަމަޟާން 1343 (06 އެޕްރީލް 1925) ގައި ދިވެހިރާއްޖޭގެ ބޮޑުވަޒީރުކަމާއި ބޮޑުބަޑޭރިކަން ވެސް ލިބިވަޑައިގެންނެވިއެވެ. އޭގެ ހަތަރު ވަރަކަށް އަހަރު ފަހުން ރަންނަބަޑޭރިކަމަށް ކޮލިވެސް ލެވިއްޖެއެވެ. އެ ދުވަސްވަރު އެ މަނިކުފާނަށް އެންމެ ބޮޑު ވެފައި އޮތް ކަމަކީ ވޯރާ ވިޔަފާރިވެރިންގެ ކަންތަކެވެ. ޚާއްޞަކޮށް އެބައި މީހުން ކިރަން ގެންގުޅޭ ތުޅުގެ ކަންތަކެވެ.
ތުޅަށް ތުޅުދަނޑިއޭ ވެސް ކިޔައެވެ. އެއީ ވައް މޫނު މައްޗެގައި ކައްޓެއްލައި، މަތީގައި އެލުވާ ގޮތަށް ބޮޅެއް ހަރުކޮށް ތިރީގައި ބުޅިގަނޑެއް ލައިފައި ހުންނަ އެއްޗެކެވެ. އެ ޒަމާނުގައި ތަކެތި ކިރާއިރު ތަނެއްގައި އެލުވައިގެން ނޫނީ ބޮޅުގައި އަތުން ހިފައިގެން ވެސް ބުޅިގަނޑުގައި އެއްޗެހި އެލުވައިގެން ބަރުދަން ބަލައި ހަދައެވެ. ފަހަރަކު އެންމެ ގިނަ ވެގެން ކިރޭނީ 28 ރާތާ އެވެ. އެއީ ފައުލާއެކެވެ. އޭގެން ކިރާއިރު ވޯރާއިން މަކަރު ހަދަނީ މާގިނައިންނެވެ. އެ މައްސަލަ ހައްލުކުރެއްވުމަށް ރަންނަބަޑޭރި ކިލެގެފާނަށް ފެނިވަޑައިގަތް އެންމެ ރަނގަޅު ގޮތަކަށްވީ ތިލަދުންމަތީ މީހުން މާލެ ގެންނެވުމެވެ. މުޒާހަރާކޮށް އިހުތިޖާޖު ކުރުމަށެވެ. މިއީ ތާރީޚުގައި މަޝްހޫރު އުތުރުގަޑުބަޑެއް ނޫނެވެ.
މާލޭ މީހުން ބަލަބަލާ ތިއްބައި ތިލަދުންމަތީ މީހުން ދެ ބަނޑޮސް ދޭތެރެއިން ވަދެގެން އައިސް މާލޭ ފަޅަށް ރިޔާ ދޫކުރަން ފަށައިފިއެވެ. އޭރު ތިލަދުންމަތި އޮންނަނީ އެއް އަތޮޅަށެވެ. ބައިކޮށްފައެއް ނޫނެވެ. ތިލަދުންމަތީ އޮޑިދޯނިފަހަރު މާލޭ ފަޅަށް އެއްފަހަރާ އައުމުން އެއީ ކުޑަކަމަކަށް ނުވިއެވެ. ފެންނަ ފެނުމަށް ސަރުކާރުން އުޅުއްވަނީ ސުލުހަވެރިކަމާއެކު އެ މައްސަލަ ހައްލުކުރެވޭތޯއެވެ. ބާރުގެ ބޭނުންކުރަން ޖެހިއްޖެނަމަ ބާރުގެ ބޭނުން ވެސް ކުރައްވާށެވެ. އިނގިރޭސި ރައްޔިތުން ކަމަށްވާ ވޯރާ ވިޔަފާރިވެރިންނަށް ގެއްލުމެއް އަނިޔާއެއް ނުވެވޭތޯއެވެ. އެ މައްސަލަ ހައްލުކުރުމަށް ސިފައިން ވެސް ނެރުއްވިއެވެ. އޭރު ސިފައިންގެ ތެރޭގައި ތިއްބަވަނީ އެންމެ 25 ބޭކަލުންނެވެ. އެހެންވެ ރަށުތެރެއިން ގައިބާރުގަދަ ސަމައްތަރު ހެޔޮ އިތުރު 25 މީހުން ނަންގަވައި ސިފައިންނާއެކު ނެރުއްވިއެވެ. އެ މީހުންގެ ކޮމާންޑަރަކަށް ހަމަޖެއްސެވީ މީރުބަހުރު އިސްމާޢީލް ދީދީއެވެ. އެއީ ސިފައިންގެ ފުރަތަމަ ކޮމާންޑަރެވެ. ކޮމާންޑަރ އިސްމާޢީލް ދީދީގެ ކޮމާންޑަރުކަމުގައި ސިފައިން ބާޒާރުމައްޗަށް ދިޔައިރު ތިލަދުންމަތީ މީހުން މާލެ ފައިބައިފިއެވެ.

އެ މީހުން ބުނަމުން ދިޔައެވެ. ރަށުގައި ނުތިބެވިގެން މާލެ މިއައީ ވޯރާ ވިޔަފާރިވެރިން ތުޅުން ހަދާ ހީލަތާއި މަކަރުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ގެއްލުން ބޮޑުކަމުންނެވެ. ކީރިތި މަހާރަދުންނަށާއި ބޮޑުވަޒީރަށް ދަންނަވައިގެން ތުޅުދަނޑިން ކިރުން ހުއްޓުވައިދޭށެވެ. އެ ވާހަކަތަކެއް ދެކެވެމުން ދަނިކޮށް ތިލަދުންމަތީ މީހުން ދަންނަވަންފަށައިފިއެވެ. އެ ތުޅުދަނޑިތައް ބިންދާނީ ވެސް އަޅުގަނޑުމެންނެވެ. އެހެން ކިޔަފައި ވޯރާއިންގެ ފިހާރަތަކަށް ވަދެ ތުޅުދަނޑިތައް ބިންދަން ފަށައިފިއެވެ. ކޮމާންޑަރ އިސްމާޢީލް ދީދީ އާއި ސިފައިން އެކަން މަނާކުރަން ވެސް އުޅުއްވައެވެ. އެކަމަކު ހިތްހަމަނުޖެހިފައި ތިބި ތިލަދުންމަތީ މީހުން މައިތިރި ކުރެވޭގޮތެއް ނުވިއެވެ. އެކަމާ ވޯރާއިން ގަތީ އަމަށަކު ބިރެއް ނޫނެވެ. އެ މީހުން އައިސް ބުނަން ފަށައިފިއެވެ. އެހެން ކަހަލަ ކިރާ ކައްޓާއެއް ގެނައުމަށް ތިމަންނަމެންނަށް ތިން މަސް ދުވަސް ދެއްވާށެވެ. ވޯރާއިން ތުޅުދަނޑީގެ ބަދަލުގައި ކިރާ ކައްޓާ ގެންނަން ސަރުކާރުގައި އެއްބަސްވުމުން އެކަމާ ތިލަދުންމަތީ މީހުން ވެސް ރުހިއްޖެއެވެ. މައްސަލަ ހައްލުކޮށްފައި ތިލަދުންމަތީ މީހުން އަތޮޅަށް ފުރައިފިއެވެ.
އެ އިހުތިޖާޖުގައި ތިލަދުންމަތީ އެއްވެސް މީހަކަށް އެއްވެސް އަދަބެއް ނުދެއްވައެވެ. އޭގެ ބަދަލުގައި އެ މީހުންގެ އިހުތިޖާޖަށް ސަރުކާރުން ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވިއެވެ. އެގޮތުން މާލޭ ފަޅުގައި ތިބިތިބުމަށް ފަޅުކޮއްތު ދެއްވިއެވެ. ތިލަދުންމަތީ މީހުން އެ ފަހަރު މާލެ އައިސް އެ ކުރި އިހުތިޖާޖުގެ ސަބަބުން ރާއްޖޭގެ ވިޔަފާރީގައި މިނެކިރުމަށާއި މިންއެޅުމަށް ބޭނުންކުރާ ތަކެއްޗަކީ ސަރުކާރުން ބަލައި ފާސްކޮށް ސިއްކަ ޖަހަންޖެހޭ ތަކެއްޗަށް ވެގެން ދިޔައެވެ. ތިން މަސް ދުވަސްވީއިރު ވޯރާއިން ވެސް އުނދޯލި ކައްޓާ ރާއްޖެ ގެނެސްފިއެވެ. ހަންދަރު ކިރޭ އެވްރެޑީ ކުންފުނީގެ ކައްޓާއެވެ. އެ ކައްޓާތަކުގައި ސަރުކާރުން ސީލް ޖެއްސެވިއެވެ. މަދުން ހުންނަ މަސް ކިރުމަށް ފަހުން ކުދި ކައްޓާ ވެސް ގެނައެވެ. އެ ކައްޓާގައި ވެސް ސީލް ޖެއްސެވިއެވެ. މުއްއަޅާ ފަތިގަނޑުގައާއި ނާޅިއާއި ބައިބާޅި އާއި ލާހިގައި ވެސް ސަރުކާރުން ސިއްކަ ޖައްސަވަންފެއްޓެވިއެވެ. ސިއްކަ ޖަހަނީ ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެފާނުގެ އަމުރުފުޅަށް ސިއްކަގެއިންނެވެ.
ކުރިން މާލޭގެ ބޮޑުންނަށް ދީފައިހުރި އަތޮޅުތައް ސަރުކާރުގެ ބާރުގެ ދަށަށް ގެންނަވައި ކޮންމެ އަތޮޅެއްގައި އަތޮޅުގެއެއް ބިނާކުރެއްވީ ވެސް ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނުގެ ބޮޑުވަޒީރުކަމުގައެވެ. ނިކަން ބޮޑެތި ބާރުތަކެއް ދެއްވާފައި އަތޮޅުތަކަށް އަތޮޅުވެރިން ވެސް ލެއްވިއެވެ. އެ ބޭފުޅުނަށް އަތޮޅުތަކުގައި ޝަރީޢަތް ވެސް ހިންގޭގޮތަށެވެ. ދީނީ ޝަރީޢަތް ހިންގަވަނީ ކޮންމެ އަތޮޅެއްގައި ވެސް ހުންނަވާ ބޮޑު ނައިބު ބޭކަލެކެވެ. އަތޮޅުވެރިންނަށް ގިނައިން ކުރައްވަން އޮންނަނީ ސިޔާސީ ޝަރީޢަތެވެ. (ނިމުނީ)
މަޢުލޫމާތު:
ޢަބްދުލްޙަކީމް ޙުސައިން މަނިކު (2003). އަލްއަމީރު ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނުގެ ސަވާނިޙު ކުރުކޮށް. (ފަތްތޫރަ 292-293). ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.


