ހުޅުމާލެ ބިލިއާޑް ހައުސް ނައިބް ރައީސް ފައިސަލް ނަސީމް ހުޅުވާދެއްވައިފި

ކުޅިވަރު ފަހުގެ

ސަރުކާރުން ހުޅުމާލޭގައި ތަރައްގީކުރި ބިލިއާޑް ހައުސް، ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ހުޅުވާދެއްވައިފި އެވެ. ހުޅުމާލެ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގައި ސަރުކާރުން ގައިމްކޮށްދެއްވި ބިލިއާޑް ހައުސް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއައްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމްގެ އިތުރުން، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އާއި، ކުޅިވަރާބެހޭ ވަޒީރުގެ އިތުރުން ވުޒާރާގެ ބައެއް އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ހުޅުމާލެގައި ޒަމާނީ ފެންވަރުގެ ބިލިއާޑް ފެސިލިޓީއެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ފައްޓަވާފައިވަނީ މީގެ އެއްމަސް ކުރިންނެވެ. އެގޮތުން މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންއާ ގުޅިގެން ހުޅުމާލޭ ބިލިއާޑް ހައުސް ގާއިމްކުރުމުގެ މަސައްކަތް ފަށާފައިވާކަން މިނިސްޓަރު މަހުލޫފް އިއުލާންކުރައްވާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ދިހަވަނަ ދުވަހުއެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްޕީބީއޭއިން މީގެކުރިން ބޭނުންކުރަމުން އައީ ހަމައެކަނި މާލޭގައި ސަރުކާރުން ތަރައްގީކޮށްފައިވާ ބިލިއާޑް ހައުސްއެވެ. އެ އެސޯސިއޭޝަންގެ މުބާރާތްތައް ކުރިއަށްގެންދާ މި ހޯލުގައި ބިލިއާޑް ކުޅުމަށް ހުންނަނީ ހަތަރު މޭޒެވެ. ނަމަވެސް ހުޅުމާލޭގައި ހޯލުގައި ހަ ބިލިއާޑް މޭޒު ހުންނާނެއެވެ.

މީގެ އިތުރުން ސަރުކާރުން މިހާރު އަންނަނީ މާލޭ ބިލިއާޑް ހައުސް ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ހައުސްއަކަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުނެވެ. މިމަސައްކަތް ނިމުމާއިއެކު އެތަނުގައި ވޯލްޑް ޗެމްޕިއަންޝިޕް އަދި ބައިނަލްއަގުވާމީ ފެންވަރުގެ ބިލްއާޑް މުބާރާތްތައް އެތަނުގައި ކުޅެވިގެންދާނެ ކަމަށް ޔޫތު މިނިސްޓްރީން މައުލޫމާތުދެއެވެ.

ހުޅުމާލޭ މިނީ ސްޕޯޓްސް ކޮންޕްލެކްސްގައި ބިލިއާޑް ހޯލެއްގެ އިތުރުން ޓީޓީ ހޯލެއް ހުޅުމުގެ މަސައްކަތްވެސް ޔޫތު މިނިސްޓްރީން މިހާރު އަންނަނީ ކުރަމުންނެވެ. މިއީ މާލޭ ޓީޓީހޯލުގެ އިތުރުން ޓީޓީއޭއެމްއަށް މާލެ ފިޔަވައި އެހެން ތަނެއްގައި ލިބިގެންދާ ފުރަތަމަ ޒަމާނީ ފެންވަރު ޓީޓީހޯލެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ