އުތުރާއި މެދު ރާއްޖެތެރެއަށް ނެރުނު ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފި

ޚަބަރު ފަހުގެ

މޫސުން ގޯސްވެ ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ނެރިފައިވާ ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފިއެވެ.

މިއަދު މެނދުރު 02:00 އިން އިރުއޮއްސި 06:00 އާ ހަމައަށް ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފައިވަނީ ރާއްޖޭގެ އެންމެ އުތުރުން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއިހަމައަށެވެ.

ކުރިއަށް އޮތް ވަގުތުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި އަދި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

“ހުޅަނގާއި ހުޅަނގުއުތުރުން، މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވޭ.” މެޓް އޮފީހުން ވިދާޅުވިއެވެ.

މީގެ އިތުރުން މެޓް އޮފީހުން ވިދާޅުވީ، މެދުރާއްޖެތެރެއާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އުތުރުގެ ކަނޑުތަށް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި ދެކުނު އަތޮޅުތަކަށް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށާއި ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެެއްވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ