ހޯރަފުއްޓަށް ޝެޑިއުލް ދަތުރުތައް މިމަހު 26ގައި ފަށަނީ!

ޚަބަރު ފަހުގެ

ހއ. ހޯރަފުއްޓަށް މޯލްޑިވިއަންގެ ޝެޑިއުލްގެ ދަތުރުތައް އަންނަ ބުރާސްފަތި ދުވަހު ފަށަން ނިންމައިފިއެވެ.

އައިއޭއެސްގެ މިީޑިއާ ޑިރެކްޓަރ މޫސާ ވަސީމް ވިދާޅުވީ އެ ރަށުގެ އެއާޕޯޓު ރަސްމީކޮށް ހުޅުވުމާއެކު ޝެޑިއުލް ދަތުރުތައް ފަށަން އެ ކުންފުނިން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހަފުތާއަކު ތިން ދަތުރުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
“މި ރަށުގެ އެއާޕޯޓު ހުޅުވުމާއެކު ޝެޑިއުލް ދަތުރުތައް ފެށުމަށް މިއަންނަނީ ތައްޔާރުވަމުން. އެގޮތުން މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ކުރާނެ،” މޫސަ ވިދާޅުވި އެވެ.

އިޝްތިހާރު
އިޝްތިހާރު

އޭނާ ވިދާޅުވީ ހޯރަފުއްޓަށް ކުރާ ދަތުރުތަކުގައި ޓިކެޓް ވިއްކާނީ ހދ. ކުޅުދުއްފުއްޓާއި ހދ. ހަނިމާދުއަށް ކުރާ ދަތުރުތަކުގައި ނަގާ ރޭންޖްގައި ކަމަށެވެ.

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ފަޅުން ބައެއް ހިއްކައިގެން، ކުރު މުއްދަތެއްގައި މި ސަރުކާރުން ތަރައްޤީކުރި ހޯރަފުށީ ޑޮމެސްޓިކް އެއާޕޯޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހް އިއްޔެ ވަނީ ރަސްމީކޮށް ހުޅުވައިދެއްވައިފައެވެ.

ހޯރަފުށީ އެއާޕޯޓް ތަރައްޤީ ކޮއްފައިވަނީ 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީ ވޭގެ އިތުރުން ޓާމިނަލާއި، ފަޔަރ ބިލްޑިންއާއެކުގައެވެ.

ބޮޑުތިލަދުންމަތީގެ ތިންވަނަ އެއާޕޯޓް ހުޅުވުމުގެ މި ކުލަގަދަ ރަަސްމިއްޔާތުގައި ރައީސްޖުލްޖުމްހޫރިއްޔާގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި، މަޖިލިސް މެންބަރުންގެ އިތުރުން، ސަރުކާރު ކުންފުނިތަކުގެ ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ