ވީ.އައި.އޭގެ ސަލާމަތީކަންކަން ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ޚަބަރު ފަހުގެ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަލާމަތީކަންކަން ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރައްވާފައި ވަނީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީގެ އަރިހަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރ ގޯޑަން އެންޑްރޫ ސްޓީވަރޓް ކުރެއްވި ޒިޔާރަތެއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

ބަންޑާރަ ކޮށީގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި މިކަމުގައި ދެ ފަރާތުން މިހާރަށްވުރެ ބޮޑަށް ގުޅިގެން ކުރެވިދާނެ ކަންކަމާގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. ވިއައިއޭގެ ސެކިއުރިޓީ ބަލަހައްޓަމުން ގެންދަނީ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުންނެވެ.

މިބައްދަލު ކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަކީ ދިވެހިރާއްޖޭގެ މައި ދޮރާއްޓެވެ. ވީއައިއޭ މެދުވެރިކޮށް ކޮންމެ އަހަރަކުވެސް އެތައް ހާސް ފަތުރުވެރިންނެއް ރާއްޖެ ޒިޔާރަތްކުރަމުންދެއެވެ. އަދި ރާއްޖޭގައި އެންމެ ގިނަ ބަޔަކު ޙިދުމަތް ހޯދަމުންދާ އެއަރޕޯޓަކީވެސް ވީ.އައި.އޭއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ