( 23 ނޮވެންބަރ 2020 އާ ގުޅޭ)
“އިނާން އެއީ ކާކު؟” އިޒާނީ ފާހާނާއިން ނިކުތުމާއެކު ޒަޔާން ސުވާލު ކުރިއެވެ. އެވަގުތު އެގޮތަށް ސުވާލު ކުރުމުން އިޒާނީއަށް ހިސާބަކަށް ސިހުން ލިބުނުވެސްމެއެވެ. “އެބަ މެސެޖް ކުރޭ.” ޒަޔާންގެ އަޑުންވެސް އޭނާ އެހުރީ ހިތްހަމަ ނުޖެހިފައިކަން އިޒާނީއަށް އެނގުނެވެ.
“އެއީ ސްކޫލް…” އިޒާނީ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުވަނީސް ޒަޔާން ގޮސް ފާހާނާއަށް ވަނެވެ. އޭނާއަށް އިތުރު އެއްޗެއް ބުނާނޭ ފުރުސަތެއް ނުދޭން އުޅުނު ކަހަލައެވެ. “ޔާން…” ފާހާނާ ދޮރާއި ކައިރިވެލަމުން އިޒާނީ ޒަޔާންއަށް ގޮވާލިއެވެ. އަދި އިނާން އަކީ ކާކުތޯވެސް ބުނެދިނެވެ. ޒަޔާންގެ ހަބަރެއް ނުވުމުން އޭނާ ގޮސް އަލަމާރިން ޓީޝާޓަކާއި ސޯޓެއް ނަގާ ގަޔަށް ހެޔޮވަރުކޮށްލިއެވެ. އަދި އެނދުގައި އިށީނދެ ފޯނު ބަލާލީ އިނާން މެސެޖުކޮށްފައި އޮތީ ކީކޭތޯ ބަލާލުމަށެވެ.
“ކާން ހަދާ.” ފާނާއިން ނިކުތުމާއެކު ޒަޔާން ބުނެލިއެވެ. އެއާއެކު އެނދުގައި އިށީނދެގެން އިން އިޒާނީ ފުންމައިގެން ތެދުވެ ކޮޓަރިން ނިކުތުމަށް ހިނގައިގަތެވެ. ކިތަންމެ ލޯބިވިޔަސް ޒަޔާން ރުޅި އައުމުން އިޒާނީ ވަރަށް ޖެހިލުންވެއެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް ކާން ތައްޔާރުކުރިއެވެ. އިޒާނީ ކާން ތައްޔާރުކޮށް ނިމުނުތަނާ ޒަޔާން އައިސް ކާ މޭޒުދޮށުގައި އިށީނދެ ކާން ފެށިއެވެ. އޭނާ އަނގައިން ނުބުނެ އިންނަން ފެށުމުން އިޒާނީއަށް އުނދަގޫވާން ފެށިއެވެ.
“ޔާން..” އިޒާނީ އުޅުނީ ޒަޔާންގެ ހިތުގައި އުފެދުނު ޝައްކު ފިލުވާލަދޭށެވެ. “ހީ އިޒް ދަ ލީޑިންގ ޓީޗަރ.. މެސެޖް އެކުރީ ސިލަބަސް މެއިލް ކުރި ވާހަކަ ބުނަންވެގެން.” އިޒާނީގެ އަޑުގައިވީ މަޑުމައިތިރިކަމެވެ. ނަމަވެސް އޭނާ ދެއްކި ވާހަކައަށް ޒަޔާން މާ ބޮޑު ސަމާލުކަމެއް ދިން ހެނެއް ހިޔެއް ނުވެއެވެ. ރައްދު ނުދިން ތާނގައި އިޒާނީއަށް އޭނާ ބަލާވެސް ނުލިއެވެ. ޒަޔާން އެގޮތަށް ކަންތައް ކުރުމުން އިޒާނީގެ އަރުން އެންމެ ކާއެތިކޮޅެއްވެސް ނުދިރުނެވެ. ޒަޔާން ކައި ނިމެންދެން ސަމުސަލުން ބަތްތަށި ހާވާލަ ހާވާލާ އޭނާ އިނީއެވެ.
ކައި ނިމިގެން ބޭރަށް ދިޔުމަށް ޒަޔާން ހިނގައިގަތެވެ. އިޒާނީ ގޮވާލުމުންވެސް އެ އަޑަށް އޭނާ އިޖާބައެއް ނުދިނެވެ. އެވަގުތު އިޒާނީގެ ހިތުގައި ރިހުމެއް އުފެދުނެވެ. ފިރިމީހާ އެގޮތަށް ޝައްކު ކުރަން ފެށުމުން ކޮންމެ އަންބަކަށްވެސް ވާނީ އެހެންނެވެ. ވަޒީފާއަށް ދާން ފެށުމަކީ ރަނގަލު ނިންމުމެއް ބާއޭ އޭނާ ހިތަށް އަރަން ފެށިއެވެ. އަދި ޒަޔާން ހިތްހަމަ ނުޖެހޭ ނަމަ ވަޒީފާއަށް ދިޔުން ހުއްޓާލުމަށް އިޒާނީގެ ހިތް ބުނަމުންދިޔައެވެ.
ހިޔާލުތައް އެއްފަރާތް ކޮށްލަމުން އިޒާނީ ތެދުވެ ތަށިތައް ނަގަން ފެށިއެވެ. އަދި ބަދިގެ ސާފުކޮށްލުމަށްފަހު ސިޓިންގ ރޫމުގައި މަޑުކޮށްލީ ޒަޔާން އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އެހެން އިންދާ އޭނާގެ ފޯނަށް މެސެޖެއް އައެވެ.
“މާދަމާގެ ލެސަންތައް ފޮނުވާލަ ދީބަލަ ޗެކް ކޮށްލަން.” އިނާންގެ މެސެޖެކެވެ. އެ މެސެޖު ކިޔާލުމަށްފަހު ކުޑަ މޭޒުމަތީގައި އޮތް ލެޕްޓޮޕް ނަގާ އިޒާނީގެ އުނގުމައްޗަށް ލިއެވެ. އަދި ތައްޔާރުކޮށްފައި ހުރި ލެސަން ޕްލޭންތައް އިނާންއަށް އީމެއިލް މެދުވެރިކޮށް ފޮނުވާލިއެވެ. އޭގެ އިރުކޮޅެއް ފަހުން އަނެއްކާވެސް އިނާންގެ މެސެޖެއް ލިބުނެވެ. އިޒާނީގެ މަސައްކަތަށް ތައުރީފުކޮށްފައި އޮތް މެސެޖެކެވެ.
“ތެންކްޔޫ.. ގުޑް ނައިޓް.” އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވާތީ، ބާއްޖަވެރި ރޭގަނޑަކަށް އެދެމުން އިނާންއަށް އިޒާނީ މެސެޖު ފޮނުވާލިއެވެ. އެއާއެކު އިނާންވެސް ހަމަ އެފަދައިން މެސެޖު ފޮނުވާލިއެވެެ. އިޒާނީ ބޭނުންވި ނަމަ އެ މެސެޖުތައް ފޯނުން ފުހެލެވުނީހެވެ. ނަމަވެސް އޭނާ ޒަޔާންއަށް އެއްވެސް ކަމެއް ފޮރުވާކަށް ބޭނުމެއް ނޫނެވެ. ފޯނުގެ ޕާސްވޯޑްވެސް ޒަޔާންއަށް ބުނެދީފައި އޮންނަނީ އެހެންވެއެވެ. ދެމަފިރިން ދޭތެރޭ ސިއްރު ކުރަން ޖެހޭ އެއްވެސް ކަމެއް އޮންނަން ވާނެކަމަކަށް އޭނާ ނުދެކެއެވެ. ކަންކަން ސިއްރު ކުރުމުން ހަދަން ޖެހޭ ދޮގުތައް ގިނަވެ، ދެމީހުންގެ މެދުގައި ޖެހޭ މައްސަލަތައްވެސް ވާނީ ގިނައެވެ.
އެ ހިޔާލުގައި އިންދާ އެޕާޓްމެންޓްގެ ދޮރު ހުޅުވުނު އަޑު އޭނާއަށް އިވުނެވެ. ދޮރުން ވަދެގެން އައި ޒަޔާން ދިޔަގޮތަށް ގޮސް ވަނީ ކޮޓަރިއަށެވެ. ފަހަތުން އިޒާނީވެސް ގޮސް ވަނެވެ. އޭނާ ގޮސް ވަނުމާއެކު ފޯނު ކޮބާތޯ ޒަޔާން ސުވާލު ކުރިއެވެ. އެއާއެކު އިޒާނީ އަތުގައި އޮތް ފޯނު ޒަޔާންއަށް އޭނާ ދިއްކޮށްލިއެވެ. ފޯނަށް ބަލަން އިރުކޮލަކު އިނުމަށްފަހު އެނދުމަތިން ބާލީހެއް ހިފައިގެން އައިސް ކޮޓަރީގައި ހުރި ދިގު ސޯފާގައި ޒަޔާން އޮށޯއޮތެވެ.
“ސާބަހޭ، ޔާން.. ތި ދެން ކޮން ކަމެއް؟” ހިތް ހަމަ ނުޖެހުމުގެ ރާގަކަށް އިޒާނީ ބުނެލިއެވެ. އަދި ގޮސް ޒަޔާންގެ ގައި މައްޗަށް އެރިއެވެ.
“ބަ*އެއްނު!” އިޒާނީ ގައިގައި އަޅާ ކޮށްޕާލަމުން ޒަޔާން ބުނެލިއެވެ. އެފަދަ ކަމަކަށް ތައްޔާރުނުވެ އޮތް އިޒާނީ ވެއްޓުނީ މުށިތައް މަތީގައި އަޅާފައި އޮތް ކާޕެޓް މައްޗަށެވެ.
“ފިރިހެނަކު އަނގައިން ނުބުނެގެން ދޯ އިޒާނީ ހުންނަނީ. ހަމަ ފެންނަ ކޮންމެ މީހަކާ ވާހަކަ ދައްކަން ޖެހޭތަ؟” ޒަޔާންގެ ނުރުހުމުގެ ބަސްތައް އިޒާނީއަށް އަމާޒުވަމުންދިޔައެވެ. އެބަސްތަކުން އިޒާނީގެ ހިތް ކުދިކުދި ވަމުންދިޔައެވެ. ހިތުގައި އަޅަމުން ދިޔަ ވޭނުން އޭނާގެ ދެލޯ ތެމިގެންދާކަށް މާ ގިނަ އިރެއް ނުނެގިއެވެ.
“މަށަށް ހެޔޮ ލީޑިން ޓީޗަރު ވިޔަސް.. ނުޖެހޭ ގުޑް ނައިޓް މެސެޖު ފޮނުވާ ހަދާކަށް. ގެއަށް އައީމަ ދެން ކޮން އިތުރު ކަމެއް އޮންނާނީ އޭނަ މެސެޖު ކުރަން ޖެހޭ.” ޒަޔާން އޮތީ ސީލިންގއަށް ބަލަހައްޓައިގެންނެވެ. އިޒާނީގެ ސޫރަވެސް ދެކެން ބޭނުން ނުވާ ކަހަލައެވެ. “ދެން އިޒާނީވެސް ހުންނަނީ ފިރިހެނެއް އަނގައިން ބުނެލާއިރަށް ހޭބަލިވެފަ. އެހެންވީމަ އެމީހުންވެސް މޮޔަ ނުވާ ވަރެއް ނޫނޭ.” އެހިސާބުން އިޒާނީގެ ގިސްލުމުގެ އަޑު ކޮޓަރިތެރޭ ގުގުމާލިއެވެ. އިޒާނީއާއި ދިމާލަށް ޒަޔާން ބަލާލީ އެވަގުތެވެ. ކާޕެޓް މަތީގައި ކުރުގެޅިފައި އޮތް އިޒާނީ ފެނުމުން ޒަޔާންއަށް ވީ ގޮތްވެސް ނޭނގުނެވެ. އެހިތުގައި އަނދަމުންދިޔަ ހުޅުގަނޑު އެއްފަހަރުން ނިވުނުކަހަލައެވެ. އޭނާ ފުންމައިގެން ތެދުވެ އިޒާނީ އެތަނުން ނެގިއެވެ.
“އިޒޫ.. ތަދުވިތަ، ބޭބީ؟” އިޒާނީ ނަގައިގަނެގެން ގޮސް އެނދުމަތީގައި ބޭއްވިއެވެ. އިޒާނީގެ ހިތަށް ވީ ތަދު ޒަޔާންއަށް އަންދާޒާ ކޮށްލެވޭ ނަމަ އެހެނެއް ނާހާނެއެވެ. “ސޯ ސޮރީ… އައި ލަވް ޔޫ ސޯ މަޗް. އެހެންވެ ރުޅި އާދެވުނީ. އިޒޫ އެއްވެސް ފިރިހެނަކާ ގުޅުމެއް އޮންނާކަށް ބޭނުމެއް ނޫން. އެއީ އިޒޫއަށް ޓްރަސްޓް ނުކުރާތީކީވެސް ނޫން. ފިރިހެނުންގެ ގޮތް އެނގޭތީ. އައި ލަވް ޔޫ.” އިޒާނީ ގައިގައި އޮޅުލައިގަންނަމުން ޒަޔާން ބުނެލިއެވެ. އަދި ތަކުރާރުކޮށް މައާފަށްވެސް އެދުނެވެ. އެހެނަސް އިޒާނީގެ ލޮލުން ފައިބަމުން ދިޔަ ކަރުނައަށް ނިމުމެއް ނައެެވެ. އޭނާގެ ގިސްލުމުގެ އަޑު ހައްތަހާ ވީ ބާރެވެ. އެހެންކަމުން ޒަޔާން އިތުރަށް އެއްޗެއް ނުބުނެ އެ އޮތް ގޮތަށް އޮތީއެވެ.
މެންދުރުގެ ހޫނު ގަދަ ވަގުތެވެ. އާދައިގެ މަތިން މަގުތައް ހަލަބޮލިވެފައި އޮތީ ކޮޅުކޮޅަށް ދުއްވަމުންދާ ސައިކަލު ތަކާއި ކާރުތަކުންނެވެ. ޑްރައިވަރު ސީޓުގައި އިން އަޒާންގެ ނަޒަރު ސީދާވެފައި ހުރީ މަގުމައްޗަށެވެ. ދުއްވާ އެއްޗެހި ގިނަ ކަމުން މާ ބާރަށް ދުއްވޭ ގޮތެއް ނުވެއެވެ. އެއްގޮތަކަށްވެސް ކުރިއަށް ދެވޭގޮތް ނުވުމުން އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
“ބައްޕާ.. އަޅުގަނޑު އަހާލަން ހަނދާން ނެތުނީ.. އީމާގެ ހަބަރެއް ނުވާތާ މިހާރު ހަފްތާއެއް ވީ.” އާޒިމްގެ ނޭވާ ހުއްޓުނު ކަހަލައެވެ. އޭނާ ދިޔައީ ސިހިގެންނެވެ. މަގުމައްޗަށް ބަލަން އިން އަޒާންއަށް އޭނާގެ ބައްޕައަށް ވީ ގޮތެއް ނުފެނުނެވެ. “އޭނަ ކަނޑާލަންވީނު؟ ދެދުވަހުން އެއްދުވަހު އޮފީހަށް ނާދެވޭ. އަދި އެހާ ކެއާރލެސް..” އަޒާންގެ ހިޔާލު އޭނާ ފާޅުކުރިއެވެ.
“އޭނައަށް ބައްޕަ ގުޅިން މިއަދު. ބުނީ ރަށަށް ބަދަލުވީޔޯ. ރިޒައިން ލެޓާ ފޮނުވާނަމޯ ވަރަށް އަވަހަށް.” ދެވަނަ ފަހަރަށް އީމާގެ ވާހަކަ އަޒާން ނާހާނެ ފަދަ ގޮތަކަށް އޭނާ ވިސްނާލިއެވެ. އަދި ދޮގެއް ހަދާލިއެވެ.
“އެހެންތަ.. ދެން އަނެއްކާ ޕީ.އޭ އަކަށް އިއުލާން ކުރަންވީތަ؟” ކާރު ދުއްވާލަމުން އަޒާން އަހާލިއެވެ.
“ރަނގަޅުވާނެ.” އާޒިމް އެއްބަސްވިއެވެ. “މިފަހަރު ދަރިިފުޅު ކުއްޖަކު ސެލެކްޓް ކުރަން ވާނީ.. ތަންކޮޅެއް ރަނގަޅު ކުއްޖަކު މިފަހަރު ނަގާތި.” އާޒިމް ބުނެލިއެވެ.
“ބައްޕަ މާ ބޮޑަށް ދޫ ދޭތީއޭ އެހެން ވަނީ.. ސްޓްރިކްޓް ވާން ޖެހޭނެ އެެއްނު.” އަޒާންއަށް ފެންނަގޮތް އޭނާ ހާމަކުުރިއެވެ.
“އެހާ ލޯބި ކުދިން އަންނަ އިރު ނުކެރޭނެ އެއްނު ސްޓްރިކްޓް ވާކަށް.” އާޒިމް އެހެން ބުނެލުމުން އަޒާން ޖަހާލީ ހިނިގަނޑެކެވެ. އޭނާ ހިތުން ބައްޕަ އެކޮށްލީ ސަމާސާއެކެވެ.
ރޭގަނޑުގެ ވަގުތެވެ. ޕަނާޝް ވިލާގެ ސިޓިންގރޫމުގައި އާޒިމްގެ އާއިލާގެ އިތުރުން ޝާނާގެ އާއިލާގެ މެންބަރުން ތިއްބެވެ. އެމީހުންނަށް ރޭގަނޑުގެ ކެއުމަށް ދައުވަތު ދިނީ ހުސްނާއެވެ. ދެ އާއިލާގެ މެދުގައި ރަނގަޅު ގުޅުމެއް އުފެދިފައިވާކަން އެމީހުންނަށް ބަލާލުމުންވެސް އެނގެއެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަން ހުރީ އުފާވެރިކަމެވެ. އެމީހުންގެ ވާހަކަ ދެއްކުމުގެ އަޑުގެ އިތުރުން ހުޅުވާފައި ހުރި ޓީވީގެ އަޑުވެސް އިވެމުންދިޔައެވެ. އެ އެންމެންގެ ސަމާލުކަން ހޯދީ ޓިވީއިން އިވުނު ކުއްލި ހަބަރުގެ އަޑެވެ.
“ކާފު ތުލުސްދޫ ބޭރުން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާދާތީ އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފި…” އާޒިމްގެ މެޔަށް ހީވީ ހޫނު ފެން އެއްޗެއް ޖެހި ހެންނެވެ. އެންމެންގެ ނަޒަރު ޓީވީއަށް އަމާޒުވެފައި ހުރި ކަމީ އެވަގުތު އޭނާގެ ނަސީބެވެ. އެހެން ނޫން ނަމަ އެތަނުގައި ތިބި މީހުންނަށް އޭނާއާއި މެދު ޝައްކުވީސްކަން ޔަގީނެވެ. އެވަގުތު އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. ބަލާލި އިރު ސްކްރީނަށް ފިރާގުގެ ނަން އަރާފައި އިނެވެ. ހަމަޖެހޭ ގޮތް ދައްކާލަމުން އާޒިމް ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. އަދި ނޫން ކަމަށް ހަދާފައި ތެދުވެ ދުރަށް ހިނގައިގަތެވެ.
“ޓީވީ ބަލާ ބަލަ ވަރަށް އަވަހަށް.” އާޒިމް ހަލޯއޭ ބުނުމާއެކު ފިރާގު ވާހަކަ ދައްކަން ފެށިއެވެ. އޭނާގެ އަޑުގައިވީ ނުތަނަވަސްކަން އާޒިމްއަށް އިވުނު ކަހަލައެވެ.
“ހޫން. ފެނިއްޖެ.. އެކަމު ކަލޭ އެއްނު ބުނީ އެހިސާބަކީ އޮއެ ގަދަ ހިސާބެކޭ.. އޭނާ ދެން ނުފެންނާނެއޭ. ނުފެނެ އެއްނު!” ފިރާގު ކުއްވެރި ކުރަމުން އާޒިމް ވާހަކަ ދެއްކިއެވެ. އަދި އޭނާގެ އެއް އަތުން ނިއްކުރިގައި ފިރުމާލިއެވެ.
“އާނ.. މަގޭ ބުނެގެން އެމަންޖެ އޯވާޑޯޒް ވާ ވަރަށް އިންޖެކްޝަން ދިނީވެސް.. މަގޭ ބުނެގެން އެމަންޖެ ކަނޑަށް އެއްލާލީވެސް ދޯ؟” ފިރާގުގެ ނުރުހުމުގެ ބަސްތައް އާޒިމްއަށް އަމާޒުވަމުންދިޔައެވެ.
“ކަލޭ ތިހުރީ މަށާ އެއްކޮޅަށްތަ ނޫނީ އިދިކޮޅަށްތަ؟” އާޒިމް އެނގެން ބޭނުންވީ އެންމެ ކަމެކެވެ. (ނުނިމޭ)