ބާސާ އަދި ޔުވެންޓަސް މޮޅަކާއެކު ދެވަނަ ބުރަށް

ކުޅިވަރު ފަހުގެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗްތަކުން ގްރޫޕް ޖީގައި ހިމެނޭ ބާސާ މުބާރާތުގެ ގަދަ 16 ގެ ޖާގައެއް ޔަގީންކުރީ އަންގާރަ ދުވަހުގެރޭ ރަށުން ބޭރުގައި ޑީނަމޯ ކިއެވް އަތުން 4-0 ން މޮޅުވެގެންނެވެ. މި މޮޅާއެކު އެ ޓީމުން ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ސައްތަ އިން ސައްތަ ރިކޯޑު ދަމަހައްޓާފައެވެ.

ކެޕްޓަން ލިއޮނަލް މެސީ އާއި ފްރެންކީ ޑި ޔޯންއަށް އަރާމުކުރަން ފުރުސަތު ދިނުމަށްފަހު އަންގާރަ ދުވަހުގެރޭގެ މެޗަށް ބާސާއިން ނުކުތީ ޒުވާން ކުޅުންތެރިތަކަކާއެކުއެވެ. މި މެޗުގައި ބާސާއިން މޮޅު ކުޅުމެއް ދެއްކިއިރު، ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސާޖިނިއޯ ޑެސްޓެވެ. މިއީ މިދިޔަ ޓްރާންސްފާގައި ބާސާއަށް ބަދަލުވުމަށްފަހު ޑެސްޓް ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

އިޝްތިހާރު
އިޝްތިހާރު

އޭގެ ފަހުން މެޗުގެ 57 ވަނަ މިނެޓުގައި މާޓިން ބްރެތުވެއިޓް ބާސާއަށް ލީޑު ފުޅާކޮށްދިންއިރު، 70 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބްރެތުވެއިޓް ވަނީ ބާސާގެ ތިންވަނަ ލަނޑު ޖަހާފައެވެ. އަދި މި މެޗުގައި ބާސާއިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު އިތުރު ވަގުތުގައި އެ ޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެންޓޮއިން ގްރީޒްމަނެވެ.

ދެން ގްރޫޕް ޖީގައި ހިމެނޭ ޔުވެންޓަސް މުބާރާތުގެ ގަދަ 16 ގެ ޖާގައެއް ޔަގީންކުރީ އަންގާރަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ފެރެންސްވަރޯސް އަތުން 2-1 ން މޮޅުވެގެންނެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ފެރެންސްވަރޯސްއިންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މީރްތޯ އުޒުނީއެވެ. އެކަމަކު މެޗުގެ 35 ވަނަ މިނެޓުގައި އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ލަނޑެއް ޖަހާ ޔުވެންޓަސްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. އަދި މި މެޗުން ޔުވެންޓަސް މޮޅުވީ މެޗުގެ އިތުރު ވަގުތުގައި އަލްވާރޯ މޮރާޓާ ޖެހި ލަނޑުންނެވެ.

TURIN, ITALY – NOVEMBER 24: Cristiano Ronaldo of Juventus F.C. high fives team mate Alex Sandro of Juventus F.C. whilst celebrating scoring their team’s first goal during the UEFA Champions League Group G stage match between Juventus and Ferencvaros Budapest at Allianz Stadium on November 24, 2020 in Turin, Italy. Sporting stadiums around Italy remain under strict restrictions due to the Coronavirus Pandemic as Government social distancing laws prohibit fans inside venues resulting in games being played behind closed doors. (Photo by Valerio Pennicino/Getty Images)

މިި ނަތީޖާތަކާއެކު ގްރޫޕް ޖީގައި ހިމެނޭ ބާސާ އާއި ޔުވެންޓަސް ދެވަނަ ބުރަށް ދަތުރުކުރިއިރު، އެއްވަނައިގައި އޮތް ބާސާއަށް ވަނީ ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައެވެ. އަދި ދެވަނައިގައި އޮތް ޔުވެންޓަސްއަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ވަނީ ލިބިފައެވެ. ތިންވަނައިގައި އޮތް ކިއެވް އާއި ފުލުގައި އޮތް ފެރެންސްވަރޯސްއަށް ހަތަރު މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ