ބަޔާން އެއްވަނައިގައި، ޑޯޓްމުންޑްއަށް ބައްޔެ

ކުޅިވަރު ފަހުގެ

ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް މޮޅުވިއިރު، ކޮލޯން އަތުން ވާދަވެރި ބޮރޫޝިއާ ޑޯޓްމުންޑް ބަލިވެއްޖެއެވެ.

ބަޔާން މޮޅުވީ ރަށުން ބޭރުގައި ކުޅުނު މެޗުގައި ފަހަތުން އަރައި ސްޓުޓްގާޓް އަތުން 3-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސްޓުޓްގާޓުންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓަންގުއީ ކުލިބާލީއެވެ. އެކަމަކު މެޗުގެ 38 ވަނަ މިނެޓުގައި ކިންގްސްލީ ކޯމަން ވަނީ ލަނޑެއް ޖަހާ ބަޔާނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އޭގެ މިނެޓެއް ފަހުން ފިލިޕް ފޯސްޓާ ސްޓުޓްގާޓަށް ލަނޑެއް ޖަހައިދިން ނަމަވެސް، އޭނާ އެ ލަނޑު ޖެހުމުގެ ކުރިން ސްޓުޓްގާޓުގެ ކުލިބާލީ ފައުލްކުރި ކަމަށް ނިންމާ ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ.

މި މެޗުގައި ބަޔާނުން ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީއެވެ. އަދި ބަޔާނުން ލީޑު ފުޅާކޮށްފައިވަނީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ޑަގްލަސް ކޮސްޓާ ކާމިޔާބުކުރި ލަނޑުންނެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ބަޔާން މޮޅުވިއިރު، އެ ޓީމާ އެންމެ ވާދަވެރި ޑޯޓްމުންޑް ބަލިވީ އަމިއްލަ ދަނޑުގައި ކޮލޯން އަތުން 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި ކޮލޯނުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިލައިސް ސަޚީރީއެވެ. އަދި މެޗުގެ ވަނަ މިނެޓުގައި ސަޚީރީ ވަނީ އިތުރު ލަނޑެއް ޖަހާ ކޮލޯނަށް ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި ޑޯޓްމުންޑުން ފަރަގު ކުޑަކޮށްފައިވަނީ 74 ވަނަ މިނެޓުގައި ތޯގަން ހަޒާޑް ކާމިޔާބުކުރި ލަނޑުންނެވެ.

މި ނަތީޖާތަކާއެކު ބަޔާން އެއްވަނައިގައި އޮތީ ނުވަ މެޗުން 22 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އާރްބީ ލެއިޕްޒީގަށް ނުވަ މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޑޯޓްމުންޑަށް ނުވަ މެޗުން ލިބިފައިވަނީ 18 ޕޮއިންޓެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ