ޓޮޓެންހަމާއި މިލާން ދެވަނަ ބުރަށް

ކުޅިވަރު ފަހުގެ

ޔުއެފާ ޔޫރޮޕާ ލީގުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުތަކަށްފަހު ޓޮޓެންހަމް ހޮޓްސްޕާ އާއި އޭސީ މިލާން ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރި ޓޮޓެންހަމް ވަނީ ބުރާސްފަތި ދުވަހުގެރޭ ރަށުން ބޭރުގައި ލާސްކްއާ 3-3 ން އެއްވަރުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގައި އެންމެ ފުރަތަމަ ލަނށޑު ޖަހާ ލީޑު ނެގީ ލާސްކުންނެވެ. ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕީޓާ މިކޯލްސްއެވެ. އެކަމަކު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ގެރެތު ބޭލް ވަނީ ޓޮޓެންހަމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި ދެވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައި ސޮން ހުއެން-މިން ވަނީ ޓޮޓެންހަމަށް ލީޑު ނަގައިދީފައެވެ. އެކަމަކު މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ލާސްކަށް ނަތީޖާ އެއްވަރުކޮށްދިނީ ޔޮހާނެސް އެގެސްޓެއިންއެވެ. އޭގެ ތިން މިނެޓު ފަހުން ޕެނަލްޓީއަކުން ޑެލޭ އަލީ އަނެއްކާވެސް ޓޮޓެންހަމަށް ލީޑު ނަގައިދީފައިވަނިކޮށް، އިތުރު ވަގުތުގައި ލާސްކަށް ނަތީޖާ އެއްވަރުކޮށްދިނީ މަމަދޫ ކަރަމޯކޯއެވެ.

މި ނަތީޖާއާއެކު ޓޮޓެންހަމަށް ލިބެނީ ގްރޫޕް ޖޭގެ ދެވަނައެވެ. އެ ޓީމަށް ވަނީ ކުޅުނު ފަސް މެޗުން 10 ޕޮއިންޓް ލިބިފައެވެ. މި ގްރޫޕުގެ އެއްވަނައިގައި އޮތީ ދެވަނަ ބުރަށް ކޮލިފައިވެފައިވާ ރޯޔަލް އެންޓްވާޕެވެ. އެ ޓީމަށް ވަނީ ފަސް މެޗުން 12 ޕޮއިންޓް ލިބިފައެވެ. ތިންވަނައިގައި އޮތް ލާސްކަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ލުޑޮގޮރެޓްޒް ރަޒްގްރަޑަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މީގެ އިތުރުން މި މުބާރާތުގެ ދެވަނަ ބުރުން މިލާން ޖާގައެއް ކަށަވަރުކުރީ ބުރާސްފަތި ދުވަހުގެރޭ އަމިއްލަ ދަނޑުގައި ސެލްޓިކް އަތުން ފަހަތުން އަރައި 4-2 ން މޮޅުވެގެންނެވެ.

މި މެޗު ފަށައިގެން މިނެޓު ތެރޭ ސެލްޓިކުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ ހަތްވަނަ މިނެޓުގައި ޓޮމް ރޮޖިކް ސެލްޓިކަށް ލީޑު ނަގައިދިންއިރު، އޭގެ ހަތް މިނެޓު ފަހުން އެ ޓީމަށް ލީޑު ފުޅާކޮށްދިނީ އޮޑްސޯނޭ އެޑޮއާޑެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން މިލާނުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އެގޮތުން މެޗުގެ 24 ވަނަ މިނެޓުގައި ހަކަން ޗަނޮނޮގްލޫ މިލާނަށް ފަރަގު ކުޑަކޮށްދިންއިރު، އޭގެ ދެ މިނެޓު ފަހުން އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދިނީ ސަމުއެލް ކަސްޓިލޭހޯއެވެ. އަދި ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ޔެންސް ޕެޓާ ހޫގާ މިލާނަށް ލީޑު ނަގައިދިންއިރު، އެ ޓީމަށް ލީޑު ފުޅާކޮށްދިނީ 82 ވަނަ މިނެޓުގައި ބްރަހިމް ޑިއާޒެވެ.

މި މޮޅާއެކު މިލާން ދެވަނަ ބުރަށް ދަތުރުކުރިއިރު، އެ ޓީމު އޮތީ ގްރޫޕް އެޗްގެ ދެވަނައިގައި ފަސް މެޗުން 10 ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ އެއްވަނައިގައި އޮތީ ދެވަނަ ބުރަށް ކޮލިފައިވެފައިވާ ލިލްއެވެ. އެ ޓީމަށް ވަނީ ފަސް މެޗުން 11 ޕޮއިންޓް ލިބިފައެވެ. ތިންވަނައިގައި އޮތް ސްޕާޓާ ޕްރާގަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ސެލްޓިކަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ޔޫރޮޕާ ލީގުގެ ދެވަނަ ބުރަށް ޓޮޓެންހަމާއި މިލާން ދަތުރުކުރިއިރު، މިހާތަނަށް 18 ޓީމެއް ވަނީ ދެވަނަ ބުރުން ފުރުސަތު ހޯދާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ