ހުއްދަ ނެތް ކުންފުނިތަކުން ޢުމްރާއަށް މީހުން ގެންދާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު!

ޚަބަރު ފަހުގެ

ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިނުވާ ކުންފުނިތަކުން ޢުމްރައަށް މީހުން ގެންދާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިސްލާމިކް މިނިސްޓްރީން ދެއްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުއްވި ނޫސް ބަޔާނެއްގައިވަނީ، އެ މިނިސްޓްރީގެ ހުއްދަ ނުނަގައި، ކަނޑައެޅިފައިވާ އުސޫލާއި ޚިލާފަށް ބައެއް ފަރާތްތަކުން ވިޔަފާރި އުސޫލުން، ޢުމްރާއަށް މީހުން ގެންދާކަން ފާހަގަކުރެވޭކަމަށެވެ. އެފަދަ ކަމެއް ކުރާކަން ފާހަގަވެއްޖެނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދެއްވަމުން އިސްލާމިކް މިނިސްޓްރީން ވަނީ، އެ މިނިސްޓްރީގެ ހުއްދައާއި ނުލައި އެއްވެސް ކުންފުންޏަކުން ޢުމްރާއަށް މީހުން ނުގެންދިއުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އެއްވެސް މީހަކު އެފަދަ ކުންފުންޏަކަށް ފައިސާ ނުދެއްކުމަށާއި، ޢުމްރާއަށް މީހުން ގެންދިއުމާއި ގުޅޭ އުސޫލާއި އެއްގޮތަށް ހުރިހާ ފަރާތްތަކުންވެސް ޢަމަލުކުރެއްވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ގޮވާލައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި އުސޫލާ ޚިލާފަށް އެއްވެސް ފަރާތަކުން ޢަމަލުކޮށްގެން ލިބޭ ގެއްލުމެއްގެ ޒިންމާ ނަންގަވަންޖެހޭނީ އެފަރާތަކުން އަމިއްލައަށްކަމަށްވެސް ވިދާޅުވިއެވެ.

ޢުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތަކުގެ ލިސްޓު، އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ޢުމްރާއަށް މީހުން ގެންދިއުމާއި ބެހޭ އުސޫލުގައިވާގޮތުން، ކޮންމެ ކުންފުންޏަކަށްވެސް ޢުމްރާއަށް މީހުން ގެންދިއުމަށްހުއްދަ ދެއްވަނީ 2 އަހަރުގެ މުއްދަތަކަށެވެ.

ޢުމްރާއަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ވަނީ 41 ކުންފުންޏަކަށް ހުއްދަ ދެއްވާފައެވެ. މި ކުންފުނިތަކުގެ ތެރެއިން މިއަހަރުގެ ނޮވެންބަރާއި ހަމައަށް 12 ކުންފުންޏެއްގެ ހުއްދައިގެ މުއްދަތު ހަމަވާނެކަމަށް އިސްލާމިކް މިނިސްްޓްރީން ވިދާޅުވިއެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ