ދަރިވަރުންނަށް ކިޔަވައިދޭ ވަގުތު ޓީޗަރުން މޫނު ބުރުގާ އެޅުން މަނާކުރި އުސޫލު ބަދަލުކޮށް، މޫނު ބުރުގާ އަޅައިގެން ކިޔަވާ ދެވޭ ގޮތަށް މިއަދު ހަމަޖައްސައިފި އެވެ.
ޓީޗަރުންގެ ސުލޫކީ މިންގަނޑު އާންމުކުރީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެ އުސޫލުގައި ކުރިން އޮންނަ ގޮތުން ކިޔަވައި ދިނުމުގެ ހަރަކާތްތައް ކުރިއަށްގެންދާ އިރު އަދި ދަރިވަރުންނާ މުއާމަލާތް ކުރާއިރު ޓީޗަރު ހުންނަން ޖެހޭނީ ތިމާއަކީ ކާކުކަން އެނގޭ ގޮތަށެވެ.
އެހެން އޮތުމުން މޫނު ބުރުގާ އަޅައިގެން ކިޔަވައި ދިނުމުގެ ފުރުސަތު އޮތީ ބަންދުވެފަ އެވެ. އެކަމާ މޫނު ބުރުގާ އަޅާ ޓީޗަރުންގެ ކަންބޮޑުވުންތަކެއްވެސް އޮތެވެ.
އެ އުސޫލަށް މިއަދު ގެނައި އިސްލާހުގައި ބުނެފައިވާ ގޮތުން، އުމުރުން 10 އަހަރުން ދަށުގެ ކުދިންނަށް ކިޔަވާ ދޭއިރު މޫނު ހާމަކުރަން އެކަށީގެންވާ މާހައުލުތަކުގައި ހުންނަންވާނީ ކާކުކަން އެނގޭ ގޮތަށް ސްޓާފް ކާޑު އަޅައިގެން، ކިޔަވައިދޭން ވާނީ މޫނު ފެންނަ ގޮތަށެވެ.
ނަމަވެސް އެ ނޫން މާހައުލުތަކުގައި އެފަދަ ކުދިންނަށް ކިޔަވާ ދޭއިރު މޫނު ބުރުގާ އެޅިދާނެ އެވެ. ނަމަވެސް އެ ހުރިހާ ވަގުތެއްގައިވެސް ޓީޗަރުން ތިބެންޖެހޭނީ މޫނުބުރުގާ އަޅާ ސްޓާފް ކާޑު އަޅައިގެންނެވެ.