ބާސާ ބަލިވިއިރު، ރެއާލަށް މޮޅެއް

ކުޅިވަރު ފަހުގެ

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން މިއަހަރު ލީގަށް އަލަށް ޕްރޮމޯޓުވި ކަޑިޒް އަތުން ބާސެލޯނާ ބަލިވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުން ބާސާ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މިއީ 1991 ވަނަ އަހަރަށް ފަހު ބާސާ އަތުން ކަޑިޒށް ލިބުނު ފުރަތަމަ މޮޅެވެ. އެ ޓީމުން މީގެ ކުރިން ވަނީ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުވެސް ބަލިކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗު ފަށައިގެން އަށްވަނަ މިނެޓުގައި ކަޑިޒްއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލްވާރޯ ހިމެނޭޒެވެ. މި މެޗުގައި ބާސާއިން ނަތީޖާ އެއްވަރުކުރީ ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ކަޑިޒްގެ ޕެޑްރޯ އަލްކަލާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެކަމަކު މެޗުގެ 63 ވަނަ މިނެޓުގައި އަލްވާރޯ ނެގްރޭޑޯ ވަނީ ކަޑިޒްއަށް އަލުން މެޗުގައި ލީޑު ނަގައިދީފައެވެ. މި މެޗުގައި ބާސާގެ ކެޕްޓަން ލިއޮނަލް މެސީ ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް، ކަޑިޒްގެ ގޯލްކީޕަރު ޖެރެމައިސް ލެޑެސްމާ ވަނީ އެ ހަމަލާތައް ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ބާސާ ބަލިވިއިރު، އެ ޓީމާ އެންމެ ވާދަވެރި ރެއާލް މެޑްރިޑް މޮޅުވީ ސެވިއްޔާ އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ރެއާލުން ޖަހާފައިވަނީ ދެވަނަ ހާފު ފަށައިގެން 10 ވނަ މިނެޓުގައެވެ. މި ލަނޑަކީ ސެވިއްޔާގެ ގޯލްކީޕަރު ޔަސީން ބޯނޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިއީ 1991 ވަނަ އަހަރަށް ފަހު ސްޕެނިޝް ލީގުގައި ގޯލްކީޕަރެއް އަތުން ބައިކޮޅަށް ލަނޑެއް ވަން ފުރަތަމަ ފަހަރެވެ.

މި ނަތީޖާތަކާއެކު ކުޅުނު 10 މެޗުން ލިބުނު 14 ޕޮއިންޓާއެކު ބާސާ އޮތީ ލީގުގެ ހަތްވަނައިގައެވެ. ލީގުގެ އެއްވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ ހޮނިހިރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި ރެއާލް ވަޔަޑޮލިޑް އަތުން 2-0 ން ހޯދި މޮޅާއެކު 10 މެޗުން 26 ޕޮއިންޓް ހަމަކޮށްގެންނެވެ. އަދި ދެވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް 11 މެޗުން 24 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ރެއާލް މެޑްރިޑާއި ހަތަރުވަނައިގައި އޮތް ވިޔަރެއާލަށް ވަނީ 11 މެޗުން 20 ޕޮއިންޓް ލިބިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ