ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅާފައި ހުރި ހައުސިންގ ޔުނިޓުތަކުގެ ތެރެއިން ރައީސް ޔާމީންގެ ވެރިކަމުގައި އަޅާފައި ހުރި ތަންތަނުގެ މަހުން މަހަށް ދައްކަންޖެހޭ އަގު 3500 ރުފިޔާއަށް ތިރިކޮށްދޭނެ ކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޑރ.މުޢިއްޒު މިހެން ވިދާޅުވީ ރޭ ޅ. ނައިފަރުގައި ބޭއްވި ކެންޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މި ސަރުކާރުން ނިންމާފައި ހުރި ހައުސިންގ މަޝްރޫޢުތަކުގެ އަގު އުޅެނީ މަހުން މަހަށް 5000 ރުފިޔާއިން މަތީގައި ކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ. މިއިމާރާތްތައް އަޅަން ދިޔަ ޚަރަދަށް ބަލާލާއިރު އަގު ހަދާފައި ވަނީ ޕްރޮފިޓެއްވެސް ލާފައި ކަމަށާއި، ރައްޔިތުންގެ ޙައްޤުގައި އެ ޕްރޮފިޓް ކުޑަކޮށްލުމަކީ ވަރަށް އަޢުލާކަން ބޮޑު ކަމެއްކަން ދެކޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ޑރ.މުޢިއްޒު ވިދާޅުވީ 3500 ރުފިޔާއަށް އަގު ކުޑަކޮށްލުމުން ހުރިހާ ޚަރަދުތައް ޗަލާނެ ކަމަށާއި، ފައިދާވެސް ލިބޭނެ ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ވެރިކަމެއްގައި އެކަން ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


