ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
ކޯރަމް ހަމަނުވެގެން މިދިޔަ ހަފުތާގެ ޖަލްސާތައް ނުބޭއްވި ދިއުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ އެންމެ މައްސަލައެކެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން، މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު ކުރިއަށް ގެންދާނެ ގޮތަކާމެދު ގޮތެއް ނިންމުމުގެ މައްސަލައެވެ.
މަޖިލިހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރަން އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ އެމްޑީޕީގެ 54 މެމްބަރުން ސޮޔާ އެކު މިދިޔަ ޖޫން މަހުއެވެ.