އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރެވޭނެ – އީސީ

ޚަބަރު ފަހުގެ

ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައިވެސް އޮންލައިންކޮށް ރީ-ރެޖިސްޓްރީ ކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެކޮމިޝަނުގެ ނާއިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ އިންތިޚާބުގެ ދެވަނަ ބުރުގައިވެސް ރީ-ރަޖިސްޓްރީވުމަށް، ފޯމު ފުރައިގެން އަދި އޮންލައިންކޮށްވެސް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ހަބީބު ވިދާޅުވީ މިމަހުގެ 30 އަށް 18 އަހަރު ފުރޭ ޒުވާނުންނަށްވެސް ދެވަނަބުރުގައި ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އަލަށް ވޯޓުލެވޭ މީހުންގެ މަޢުލޫމާތު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ހޯދުމަށް ފަހު، ވަރަށް އަވަހަށް އާންމުކުރައްވާނެކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްޤުލިބިފައިވަނީ 282،395 މީހުންނަށެވެ. ނަމަވެސް ވޯޓު ލާފައިވަނީ 225486 މީހުންނެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި މިއަދަދަށް ބަދަލުތަކެއް އަންނާނެއެވެ. ބަދަލު އެންމެ ބޮޑަށް އަންނާނީ އަލަށް 18 އަހަރު ފުރޭ މީހުންނާއެކު ލިސްޓަށް ގެެނެވޭ ބަދަލުންނެވެ.

އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ މިމަހުގެ 16 އަދި 17 ގައި ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލުމަށެވެ. އެއަށްފަހު އިންތިޚާބުގެ ވޯޓުލާ މީހުންގެ ލިސްޓަށް ޝަކުވާއަށް ހުޅުވާލައި، ދާއިމީ ލިސްޓު ޢާންމު ކުރާނެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަނީ ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށްވުރެ ގިނައިން ވޯޓު ލިބިވަޑައި ނުގެންނެވުމުންނެވެ. އިންތިޚާބުން އެންމެ ގިނަ ވޯޓު ހޯއްދެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒެވެ. އެމަނިކުފާނު ވަނީ 101635 ވޯޓު ހޯދަވައި އިންތިޚާބުގެ %46 ހޯއްދަވާފައެވެ.

ޑރ.މުޢިއްޒާއި އެންމެ ކައިރިން ވާދަކުރައްވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ރައީސް ޞާލިޙްއަށް ލިބިވަޑައިގެންނެވީ 86161 ވޯޓެވެ. އެއީ ވޯޓު ލި މީހުންގެ ތެރެއިން %39 މީހުންގެ ވޯޓެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ