ދެވަނަ ބުރުގެ ކެންޕެއިންގެ ތެރެއިން މާލޭގެ ގޭގެއަށް ޒިޔާރަތްކޮށްލުމުން ފެންނަނީ މި ސަރުކާރުން ފަސް އަހަރު ބޭކާރުކޮށްލާފައިވާތަން ކަމަށް ޕީޕީއެމް–ޕީއެންސީގެ ރިރާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ ޕީޕީއެމް–ޕީއެންސީން ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ.މުޢިއްޒު ވިދާޅުވީ ދިވެހި ރައްޔިތުން އުޅެމުންދަނީ ނިކަމެތި ހާލުގައިކަމަށާއި، ގެދޮރުގެ ދަތިކަން ވަނީ އިންތިހާއަށް ބޮޑުވެފައި ކަމަށެވެ. އެގޮތުން އާމްދަނީ ލިބުމުގެ ފުރުޞަތުތައް ވެސް ގެއްލި، ޒުވާނުން ބިކަވެ، ކަނބަލުންކުރާ މަސައްކަތުގައި ކުރި ނުލިބި، އިސް ރަށްވެހިން ބާކީވެފައިވާ މަންޒަރު މިއަދު ފެންނަ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ކަން މިހެން ހުރުމުން، މުސްތަޤުބަލު ބިނާކުރާނީ ކިހިނެއްތޯ ނިންމާނީ ރައްޔިތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު، މި ހުރިހާ މައްސަލަތައް ހައްލުކުރުމުގައި މި ފަސް އަހަރު ދިޔަ ގޮތަށް ދާނީތޯ ޑރ. މުޢިއްޒު ސުވާލު ކުރެއްވިއެވެ.
އަދި ރައްޔިތުން އިތުބާރުކުރައްވާ އެމަނިކުފާނަށް ފުރުޞަތު ދެއްވައިފި ނަމަ ރައްޔިތުންގެ ކަންކަން ހަމަޖައްސައިދެއްވާނެ ކަމުގެ ޔަޤީންކަން ޑރ. މުޢިއްޒު ދެއްވިއެވެ.