ރިޔާސީ އިންތިހާބުގައި ހަރަކާތްތެރިވި ރާއްޖެއިން ބޭރުގެ އޮބްޒާވަރުންތަކަކަށް ފުރައްސާކުރި މައްސަލައިގައި ސިޔާސީ ޕާޓީއެއްގެ މަންދޫބަކާއި އޮބްޒާވަރަކު ސަސްޕެންޑުކޮށް، އެ މީހުން ހުއްދަ އިލެކްޝަންސް ކޮމިޝަނުން ބާތިލުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބު އޮބްޒާވްކުރަން އައި އިންޑިއާގެ އޮބްޒާވަރުންނަށް ފުރައްސާރަކުރީ ދިވެހި އޮބްޒާވަރަކާއި މަންދޫބެއް ކަމަށާއި އެއީ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށެވެ.
އީސީން ބުނީ، ބުދަ ދުވަހު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި އެ ދެ މީހުންނަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ދެވަނަ ބުރާއި ކުރިއަށް އޮތް ބޮޑު ދެ އިންތިހާބުގެ އެއްވެސް ކަމެއްގައި އެއްވެސް ހައިސިއްޔަތަކުން ހަރަކާތްތެރި ނުވެވޭ ގޮތަށް ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށް ބުންޏެވެ.
އެ ދެ މީހުންގެ ބަދަލުގައި އޮބްޒާވަރެއް އަދި މަންދޫބެއް ނެގުމުގެ ފުރުސަތު އެ ޕާޓީއަށް ދިނުމަށް ވެސް އީސީން ވަނީ ނިންމައިފައެވެ. ނަމަވެސް އެއީ ކޮން ޕާޓީއެއްގެ އޮފިޝަލުންތަކެއް ކަމެއް އީސީން ހާމަކޮށްފައެއް ނުވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެންނަ ގޮތުގައި އިންޑިއާގެ ދެ އޮބްޒާވަރަކާ ދިމާލަށް ވަރަށް ހަޑިކޮށް އެއްޗެހި ގޮވުމުގެ އިތުރުން އެމީހުން އެތަނުން ނެރެލާފައިވަނީ ވޯޓު ފޮށްޓާ ކައިރިއަށް ދިޔަ ކަމަށް ބުނެއެވެ.