ރާއްޖޭގައި އޮންނަންވީ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން އަންނަ ނޮވެމްބަރު މަހުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަން އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އެކަން މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް އަންގައިފިއެވެ.
މި މަހުގެ ބާރަވަނަ ދުވަހު މަޖިލީހަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރުގައި އެންމެ ފުރަތަމަ އޮތީ ނޮވެމްބަރު 30 ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމެވެ. ނަމަވެސް، މިދިޔަ އަންގާރަ ދުވަހު މަޖިލީހަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އެ ގަރާރު ހުށަހެޅުއްވީ އިސްލާހަކާއެކުގައެވެ. އެއީ، ނޮވެމްބަރު 30 ގެ ކުރިން ވޯޓު ނެގުމަށް ގަރާރުގައި އޮތް ނަމަވެސް، އޮކްޓޯބަރު 30 އަށް ތާރީޚު ބަދަލު ކުރުމަށް ހުށަހެޅި އިސްލާހެކެވެ.
އެ ގަރާރަށް ކޮމިޓީގައި ވޯޓަށް އެހިއިރު ހާޒިރުވެތިބި 34 މެންބަރުންގެ ތެރެއިން 31 މެންބަރުން ވަނީ އިލްޔާސްގެ އިސްލާހާ އެކު ގަރާރު ފާސްކުރަން ތާއާދުކޮށްފައެވެ. މަޖިލީހުގެ ތަޅުމުން އެ ގަރާރު ފާސްކުރީ ބަހުސްކުރަން ހުޅުވައިލި ފުރުސަތުގައި އެއްވެސް މެންބަރަކު ފުރުސަތަށް ނޭދުމުން، އެ ގަރާރުގެމަސައްކަތް ނިމުނީ ކަމަށް ބަލައި ވޯޓަށް އަހައިގެންނެވެ. އެގޮތުން ހާޒިރުވެ ތިބި 39 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 35 މެންބަރުން ވެސްގަރާރު ފާސްކުރަން ފެންނަ ކަމަށް ވަނީ ވޯޓު ދީފައެވެ.
އިންތިޚާބުތަކާ ބެހޭ އާއްމު ގާނޫނުގައި ބުނާގޮތުން އިންތިޚާބެއް ބޭއްވުމަށްޓަކައި 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް އީސީއަށް ލިބެންޖެހޭނެއެވެ. އީސީން ބުނީ ގާނޫނީ ގޮތުން އެ ކޮމިޝަނުން ކުރަން ލާޒިމް ކުރާ ކަންތައްތަކެއް ހުންނަ ކަމަށެވެ. އޭގެ ތެރޭގައި ވޯޓުލާ މީހުންނަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ދިނުމާއި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ދިނުންފަދަ އެތައް ކަމެއް ހުންނަ ކަމަށް ބުންޏެވެ. އަދި، މިފަދަ އިންތިޚާބެއް ބޭއްވުމަށް 40 މިލިއަން ރުފިޔާ އާއި 50 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.
ނިޒާމު ބަދަލުކުރުމަށް ވަކާލާތު ކުރަނީ ރިޔާސީ އިންތިޚާބުގައި ވޯޓުލީ ދެ ލައްކަ މީހުންގެ ތެރެއިން 15،000 ވޯޓު ލިބުނު ޕާޓީ ދަ ޑިމޮކްރެޓްސް އިންނެވެ. އެ ނޫން ސިޔާސީ ޕާޓީތަކުން ނިޒާމު ބަދަލު ކުރަން ބޭނުމެއް ނުވެއެވެ. އެކަމަކު، ރިޔާސީ އިންތިޚާބަށް ފަހު ނިޒާމާ ބެހޭ ފެންނަ ނުފެންނަ ވޯޓެއް ނަގަންތާއީދު ކުރާ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމް-ޕީއެންސީން ވެސް ވަނީ ބުނެފައެވެ.