ރީ ރަޖިސްޓްރޭޝަން ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

ޚަބަރު ފަހުގެ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓް ދިނުމަށް ރަޖިސްޓްރީ ކުރި މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހޮނިހިރު ދުވަހުގެ ރޭގަނޑު 9 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ. އެ ލިސްޓް އީސީގެ ވެބްސައިޓުން ފެންނަން ހުންނާނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

މި ލިސްޓަށް އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމުންނެވެ. ޝަކުވާ ހުށަހަޅާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ އެވެ.

ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިންނެވެ. މާލޭގައި ނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ.

ރާއްޖެއިން ބޭރުގައިނަމަ، ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކުރެވިފައިވާ ޤައުމުތަކުގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓް އޮފީސްތަކުންނާއި ރާއްޖޭގެ ހައި ކޮމިޝަންތަކުން، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 ގެ ނިޔަލަށެވެ.

އީސީން ވަނީ ކުރިޔަށް އޮތް 48 ގަޑިއިރުގެ ތެރޭގައި، ވޯޓުލާ މީހުންގެ ލިސްޓު ޗެކް ކުރުމުގެ ފަރުދީ ޒިންމާ އަދާކުރުމަށް އިލްތިމާސްކޮށްފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ