ފްލެޓާއި ގޯތި ދިނުމަށް ސަރުކާރުން އަލަށް ހުޅުވާލާ ހައުސިން ސްކީމްގެ ދަށުން އުތުރު ތިލަފަޅުން ގޯތިވެސް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިކަން އިއުލާން ކުރެއްވީ ރޭ އެމްޑީޕީގެ ސޯސަން ޖަގަހައިގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައިސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވީ އާ ސްކީމަށް ކުރިމަތިލުމަށް ރޭގެ ވަގުތެއްގައި ހުލުވާލާނެކަމަށާއި، އެމަޝްރޫއުގެ ދަށުން 4000 ގޯއްޗާއި، 6000 ފްލެޓަށް ހުޅުވާލާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވީ މާލޭގެ ރައްޔިތުންނޭ އެއްގޮތަށް، މާލެއަށް ހިޖުރަކޮށް ދިރިއުޅެމުންދާ އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް މާލެ ސަރަޙައްދުން ހިޔާވަހިކަން ލިބޭނެކަމަށެވެ. އެގޮތުން މި ސްކީމްގައި، ދަފްތަރުގައި ޖެހިފައިވާ މީހުންނާއި، އަދި މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާ މީހުންނަށްވެސް ތަފާތުކުރުމެއް ނެތި ބިން މިލްކުކުރުމުގެ ފުރުޞަތު ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި މަޝްރޫޢުން ގޯތި ދޫކުރަން ނިންމާ އެއް ތަނަކަށް ވާނީ އިންޑިޢާއަށް ދީފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ އުތުރު ތިލަފަޅުކަމަށެވެ. އަދި އުތުރު ތިލަފަޅުގައި އުޅޭނީ ބޭރު މީހުން ނޫންކަމަށާއި، ދިވެހި ރައްޔިތުންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި މަޝްރޫޢުއާއެކު، ސަރުކާރުން މިހާރު ތަރައްޤީކުރަމުންދާ ތިލަމާލެ ބްރިޖް ގޮސް ނިމޭނީ އުތުރު ތިލަފަޅުކަމަށެވެ.