ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރު ކަމުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާ އެކު އެ ޕާޓީގެ ގިނަ މެމްބަރުންތަކެއް، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ރޭ ތާއީދުކު ރައްވައިފި އެވެ.
ޖިހާދު ވަނީ ޕީޕީއެމަށް ސޮއިކުރައްވައި އޭނާގެ ފޯމު ރޭ ވަނީ މުއިއްޒާ ހަވާލު ކުރައްވައިފަ އެވެ.
ޖިހާދާ އެކު ޕީޕީއެމަށް ރޭ ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ ސަރުކާރުގައި ޔޫތު މިނިސްޓަރުކަމާއި ހެލްތު މިނިސްޓަރުކަން ކުރެއްވި އިރުތިޝާމް އާދަމާއި ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔާމީން ރަޝީދާއި މި ސަރުކާރުގައި ސްޓެލްކޯގެ އެމްޑީ ކަމާއި އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން އަދާކުރެއްވި ހަސަން މުޣުނީ ވެސް ހިމެނެ އެވެ. އަދި ފިލްމީ ތަރި ރިޝްފާ ވެސް ވަނީ ރޭ ޕީޕީއެމަށް ސޮއިކޮށްފަ އެވެ.
ޕީޕީއެމަށް ސޮއިނުކުރައްވައި، ޖުމްހޫރީ ޕާޓީގެ އިތުރު ބައެއް ކައުންސިލް މެންބަރުން ވެސް ވަނީ މިރޭ މުއިއްޒަށް ތާއީދުކުރައްވައިފަ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ޖުމްހޫރީ ޕާޓީން މިމަހުގެ 16 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ 160 ވަނަ ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ނިންމި ފަހުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ އިންތިހާބުގެ ދެވަނަ ބުރުގައި ޖޭޕީގެ ކޮންމެ މެންބަރަކަށްވެސް އެ މެންބަރަކު ވޯޓުލާން ބޭނުންވާ ކެންޑިޑޭޓަކަށް ވޯޓުލެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
މިޔާއެކު އެޕާޓީގެ އިސްސަފުގައި ހަރަކާތްތެރިވާ ބޭފުޅުން އަންނަނީ ވާދަކުރައްވާ ދެ ކެންޑިޑޭޓުންނަށް ތާއީދުކުރަމުންނެވެ. އެހެންވެ، އެ ޕާޓީގެ މެމްބަރުން މިހާރު ވަނީ ދެ ކެންޑިޑޭޓުންނަށް ބެހިފަ އެވެ