ގޯތި ދިނުމަށް އުތުރު ތިލަފަޅުން 215 ހެކްޓަރުގެ ބިން ހިއްކާނެ

ޚަބަރު ފަހުގެ

މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ގޯތިދިނުމަށް އުތުރު ތިލަފަޅުން 215 ހެކްޓަރުގެ ބިން ހިއްކާނެކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަރސްޓްރަކްޗާއިން ވިދަޅުވެއްޖެއެވެ.

“ބިންވެރިޔާ” މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ގޮތުގައި ސަރުކާރުން ކުރިޔަށް ގެންދަވާ މަޝްރޫއުގެ ދަށުން އުތުރު ތިލަފަޅުން ގޯތި ދޫކުރުމަށް ވަނީ ނިންމަވާފައެވެ. އަދި މިހާރު ވަނީ ގޯއްޗަށް އެދުމުގެ ފުރުޞަތުވެސް ހުޅުވާލާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވަނީ އުތުރު ތިލަފަޅު ހިއްކާ ގޮތުގެ ޗާޓެއް އާއްމުކުރައްވާފައެވެ. އެ ޗާޓުން ދައްކާގޮތުގައި ގޯތި ސިފައިންގެ “އެކަތަ” ބަނދަރުގެ މަސައްކަތަށް ކަނޑައަޅާފައިވާ ބައިގެ ފަހަތުން ބިން ހިއްކައިގެންނެވެ. އަކްރަމް ވިދާޅުވީ މީހުން ދިރިއުޅުމަށް ޚާއްސަކޮށްގެން އުތުރު ތިލަފަޅުންް ގޯތި ދިނުމަށް 215 ހެކްޓަރުގެ ބިމެއް ހިއްކުމަށް ހަމަޖެހިފައިވާކަމަށެވެ.

ޕްލޭނިންގ މިނިސްޓްރީން ހާމަކުރައްވާފައިވާގޮތުގައި ގޯތި ދޫކުރަން 5،525،000 (5.5 މިލިޔަން) އަކަފޫޓުގެ ސަރަހައްދެއް ކަނޑައަޅާފައިވެއެވެ. މި ފަހަރު ދޫކުރާ ގޯތީގެ އެންމެ ކުޑަ ސައިޒަކީ، 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަން ނުވަތަ، އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަނުގައި އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭނެއެވެ. އަދި 7 މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ، ޖުމުލަ 4،000 އަކަފޫޓެވެ.

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ބުރުގެ ދަށުން މާލެ ސަރަހައްދުން 4000 ގޯއްޗާއި 6000 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މާލޭގައި އުޅޭތާ 20 އަހަރުވެފައިވާ މީހުންނަށާއި މާލޭގެ ދަފުތަރުގައި ޖެހިފައިވާ މީހުންނަށް މާލެ ސަރަހައްދުން ގޯތިދޭނެއެވެ.

މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދައިދެއްވުމަށް، މި ސަރުކާރުން ފެއްޓެވި ބިންވެރިޔާ އަދި ގެދޮރުވެރިޔާގެ ސްކީމަކީ ފަހުގެ ތާރީޚެއްގައި ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢުއެވެ. މީގެތެރޭގައި ހިމެނޭ ބިންވެރިޔާ ސްކީމްގެ ދަށުން ޖޮއިންޓް އުސޫލު ހިމެނޭހެން 19639 މީހަކަށް 9001 ގޯތި ދޫކޮށްފައިވެއެވެ.

ގޯތީގެ އިތުރުން، ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް ހުށައެޅި 20000 އަށްވުރެ ގިނަ މީހުންގެ ތެރެއިން ޝަރުތު ހަމަވާ 13000 އަށްވުރެ ގިނަ މީހުންނަށް ފްލެޓް ދިނުމަށްވެސް ވަނީ ނިންމަވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ