ކޯރަމް ހަމަނުވެގެން މަޖިލިސް ހުއްޓާލައިފި

ޚަބަރު ފަހުގެ

ކޯރަމް ހަމަނުވެގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހުއްޓާލައިފިއެވެ.

ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީގެ ގިނަ މެންބަރުން މަޖިލީހަށް ހާޟިރުވީ ނަމަވެސް، މަޖިލީހުގެ ތަޅުމަށް ވަޑައިނުގަނެ މަޖިލީސް ގޯތިތެރޭގައި ކުޑަދަށުގައި ތިއްބެވި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަދު ތަޅުމަށް ވަޑައިގަތީ 20 މެންބަރުންނެވެ. 22 މެންބަރުންގެ ކޯރަމް ހަމަނުވުމާއި ގުޅިގެން މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން ހުއްޓާލިކަން މަޖިލީހުގެ ރައީސް ވަނީ އިޢުލާން ކުރައްވާފައެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާގައި ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުމަށް މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީގެ މައްސަލައެވެ. ކޮމިޝަނުން ވަނީ ނިޒާމީ ވޯޓާއި ގުޅޭ ޤާނޫނީ ބައެއް ސުވާލުތަކާއި ބަޖެޓްގެ ކަންތައްތަކުގެ ލަފާއަށްވެސް މަޖިލީހުގައި އެދިފައެވެ.

ނިޒާމާބެހޭ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން އަންގާފައިވާ އެންގުމާ އެއްގޮތަށް އަންނަ މަހުގެ 29 ވަނަ ދުވަހު އެއިންތިހާބު ބާއްވަން އިލެކްޝަނުން ނިންމާފައިވާ ނިންމުމާއި އެއްގޮތަށް ނިޒާމަށް އާއްމުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ބޭނުންކުރާނެ ވޯޓު ކަރުދާހުގައި އޮންނާނެ އިބާރާތް ކަނޑައެޅުމުގެ މަސައްކަތް މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދަވަން ނިންމާފައިވާކަމަށް ރައީސް ނަޝީދު ވަނީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރައްވާފައެވެ.

މިިދިޔަ ހަފްތާގައި ބޭއްވި ޖަލްސާ ތަކުގައިވެސް އެމްޑީޕީ މެންބަރުން މިފަދައިން އަމަލުކުރައްވާފަވެއެވެ. އެހެންކަމުން، ރިޔާސަތުން ވަނީ މާދަމާގެ ޖަލްސާ ތާވަލުކުރާނީ އެމްޑީޕީ މެންބަރުން ކުރެން އައްސަވާފައި ކަމަށް ވިދާޅުވެފައެވެ.

މިކަމަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ ބުރާސްފަތި ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި މެންބަރުން ކުރައްވަމުން ގެންދަވަނީ މަޖިލީހުގެ މަސައްކަތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ