ދެވަނަ ބުރުގެ ވޯޓު ކަރުދާސް ރަށްރަށަށް ފޮނުވަން ފަށައިފި

ޚަބަރު ފަހުގެ

ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ބޭނުންވާ ވޯޓު ކަރުދާހާއި އެހެނިހެން ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފަށައިފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މާލެއަތޮޅު ފިޔަވައި އެހެން އަތޮޅުތަކަށް މިއަދު ހެނދުނު ތަކެތި ފޮނުވަން ފަށާފައިވާ ކަމަށެވެ. އޭނާވިދާޅުވީ މާލެއަތޮޅަށް ތަކެތި ފޮނުވާނީ މާދަމާ ކަމަށެވެ. ވޯޓުކަރުދާހާއި ވޯޓުލާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ތަކެތި ފޮނުވަނީ، ފުލުހުންގެ ބެލުމުގެ ދަށުން،އެންމެމަތީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއެކު ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ހަމައެއާއެކު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އުތުރާއި ދެކުނުގެ ރަށްރަށަށް ދިއުމަށް ހަމަޖެހިފައިވާ ފުލުހުންވެސް މިއަދު ވަނީ ފުރައިފައެވެ.

ދެވަނަ ބުރުގައި 586 ވޯޓްފޮށި ބަހައްޓާ އިރު، ވޯޓު ލުމުގެ ހައްގު 282،804 މީހަކަށް ލިބިގެންވެ އެވެ. އެއީ، 138،394 އަންހެނުންނާއި 144،410 ފިރިހެނުންނެވެ. މިފަހަރު ލިސްޓަށް ވަނީ ފުރަތަމަ ބުރުގެ އަދަދަށް ވުރެ 408 މީހުން އިތުރު ވެފައެވެ.

އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓްފޮށި ބަހައްޓަނީ ފަސް ގައުމެއްގަ އެވެ. އެއީ އިންޑިއާ، ސްރީ ލަންކާ، މެލޭޝިއާ، ޔޫއޭއީ އަދި އިނގިރޭސިވިލާތުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ