އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.
މިކަން އިޢުލާނު ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމުގައެވެ.
ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އަންނަ މަހުގެ އެއްވަނަ ދުވަސް ހަމަޖެއްސީ އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފައި ވާތީ ކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖައްސަވައިދެއްވާފައި ވަނީ ސެޕްޓެންބަރު މަހުގެ 30ވާ ހޮނިހިރު ދުވަހަކީ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބާއްވާ ދުވަސް ކަމަށް ވުމާއެކު، އިންތިޚާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި، ސަރުކާރުގެ ގިނަ ޢަދަދެއްގެ މުވައްޒަފުންނާއި ޢާންމު ރައްޔިތުން ޙަރަކާތްތެރިވާނެތީއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ ގުޅިގެންވެސް ޖެހިގެން އައި ދެ ދުވަސް ސަރުކާރު ބަންދުކޮށްފައިވެއެވެ.
ރާއްޖެއަށް މަލްޓިޕާޓީ ނިޒާމު ތައާރަފުވީ ފަހުން ބާއްވާ ހަތަރުވަނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ އެމްޑީޕީގެ ފަރާތުން އެޕާޓީގެ އިސްލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން އެޕާޓީގެ މެމްބަރު އަދި މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒުއެވެ.