އިއްޔެ ކުރިއަށްދިޔަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދިޔަ ވަގުތު މާލޭގައި ފައިސާ ބަހަމުންދިޔަ މީހެއްގެ މައްސަލަ ބަލަމުންދާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބުނެފިއެވެ.
މާލޭގެ އެކި ސަރަހައްދުތަކުގައި ފައިސާ ބަހަމުންދިޔަ މައްސަލައިގައި އޭނާ ހައްޔަރުކޮށް، މައްސަލަ ބަލައިދިނުމަށް ފުލުހުން ވަނީ އޭސީސީއަށް ފޮނުވާފައެވެ. އެކަމާ ގުޅިގެން އޭސީސީން މިއަދު ބުނީ، މާލޭގެ އެކި ސަރަހައްދުތަކުގައި ފައިސާއާއެކު އޭނާ ހަރަކާތްތެރިވެފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އެމީހާގެ އަތުންވެސް ގިނަ އަދަދެއްގެ ފައިސާ ފެނިފައިވެއެވެ. އެމީހާއާ ގުޅޭ އަދި މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން އަދި އޭސީސީންވެސް ހާމަކޮށްފައެއްނުވެއެވެ.
އޭސީސީން ބުނީ، އޭނާގެ މައްސަލަ މިހާރު އެކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ.