ޤާނޫނީ ހުރަހެއް ނެތްނަމަ ނޮވެމްބަރު 11 ގައި ޑރ. މުއިއްޒު ހުވާ ކުރައްވާނެ: ރައީސް

ޚަބަރު ފަހުގެ

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުހައްމަދު މުއިއްޒަށް އަންނަ ނޮވެމްބަރު 11ގައި ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެވޭނެ ގޮތް ހަދަން މަސައްކަތް ކުރަމުންދާކަމަށް ރައީސުލްހުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ނޮވެމްބަރު 11 ގައި މުއިއްޒަށް ރައީސްކަމުގެ ހުވާ ކުރެވޭނެ ގާނޫނީ މަގެއް ހޯދޭތޯ މިހާރު ސަރުކާރުން ގާނޫނީ ލަފާ ހޯދަމުންދާކަން ރައީސް ވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ އެއީ ޤާނޫނީ ހަމަތަކުގެ މަތީން ކުރެވޭ ކަމެއްވާނަމަ އެކަން ކޮށް ދެއްވާނެކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ގާނޫނު އަސާސީގެ 107 ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ދައުރަކީ ފަސް އަހަރެވެ. މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުގެ ހުވާ ކުރައްވައި، ވެރިކަމާ ހަވާލުވެވަޑައިގަތީ ނޮވެމްބަރު 17، 2018 ގަ އެވެ. އެހެންކަމުން އެމަނިކުފާނުގެ ދައުރު ހަމަވާނީ ނޮވެމްބަރު 17، ގަ އެވެ.

ނޮވެމްބަރު 11، ގައި ޑރ. މުއިއްޒަށް މަގާމުގެ ހުވާ ކުރެއްވޭ ގޮތް ހަދަން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ދެން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކަށް އެ ދުވަހު ހުވާ ކުރެއްވޭނެ ގޮތް ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މީގެ 55 އަހަރު ކުރިން 1968 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖޭގެ ރިޔާސީ ދައުރު ފެށޭ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ ނޮވެމްބަރު 11 އެވެ. ނަމަވެސް ރިޔާސީ ދައުރު ފެށޭ ދުވަސް ނޮވެމްބަރު 17 އަށް ބަދަލުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ބުރެއް ސުޕްރީމް ކޯޓުން ބާތިލް ކުރުމުން، އިންތިހާބު ބޭއްވި ތާރީހު ބަދަލުވުމުންނެވެ. އެ އަހަރުގެ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުނީ ނޮވެމްބަރު 11 ގަ އެވެ. ދެ ވަނަ ބުރު ބޭއްވީ ނޮވެމްބަރު 16، ގަ އެވެ. އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް ޔާމީން މަގާމުގެ ހުވާ ކުރެއްވީ ޖެހިގެން އައި ދުވަހެވެ.

ކުރިން، 2018 ގެ ރިޔާސީ އިންތިހާބަށްފަހު ނޮވެމްބަރު 11 ގައި ރައީސް ސޯލިހަށް މަގާމުގެ ހުވާ ކުރެއްވޭތޯ ވެރިކަން ހިންގާ ޕާޓީން މަސައްކަތް ކުރި އެވެ. އަދި އެކަމުގައި ހުރަހެއް ނެތް ކަމަށް އެއިރު އިލެކްޝަންސް ކޮމިޝަނުން ވެސް އޮތީ ބުނެފަ އެވެ.

ނޮވެމްބަރު 11 ގައި ހުވާ ރައީސް ސޯލިހަށް ހުވާ ކުރެއްވޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވައްދައި، ކޮމެޓީއެއްގައި ބަހުސް ވެސް ކުރި އެވެ. އެކަމަކު، ގާނޫނާ ހިލާފަށް މަގާމުގެ ހުވާ ކުރެއްވިކަމުގެ ތުހުމަތު ކުރުމުގެ ޖާގަ ނުދިނުމުގެ ގޮތުން ރައީސް ސޯލިހު ނިންމެވީ، ނޮވެމްބަރު 17 ގައި ހުވާ ކުރެއްވުމަށެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒު ކާމިޔާބު ކުރެއްވީ ވޯޓުލީ އާބާދީގެ 54 ޕަސެންޓް ހޯއްދަވައިގެނެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 46 ޕަސެންޓެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ