އަމާޒަކީ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެއްވުން ކަމަށާއި، އެއަށްފަހު 2028 ގައި އަލުން އަނބުރާ އެޕާޓީއަށް ވެރިކަން ހޯއްދަވައި ދެއްވުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.
ނިޒާމީ ވޯޓާ މެދު ގޮތް ނިންމުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ބާއްވާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ވޭތުވެ ދިޔަ ފަސް އަހަރު އެމަނިކުފާނުގެ ސަރުކާރުން މުޅި ރާއްޖޭގެ ތަރައްގީ އަށްޓަކައި ކޮށްދިން ހިދުމަތްތައް ބަލައިގަނެ އެވާހަކަ ރައްޔިތުން ދައްކަން ފަށާނެ ކަމަށެވެ.
މި ފަސް އަހަރު ތެރޭގައި ރައްޔިތުންގެ ހެވާ ލާބައަށް އެމްޑީޕީގެ ސަރުކާރުން ގިނަ ހިދުމަތްތަކެއް ކޮށްދިން ކަމުގައި ވީ ނަމަވެސް ވޭތުވެ ދިޔަ ރިޔާސީ އިންތިހާބުގައި ނާކަމިޔާބީއާ ކުރިމަތިލާން ޖެހުނީ ވަކި ބަޔަކު ސަރުކާރަށް ނިސްބަތްކޮށް ދެއްކި ދޮގު ވާހަކަތަކާއި އޮޅުވާލުންތަކެއްގެ ސަބަބުން ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.
“އަޅުގަނޑުގެ ކުރިއަށް އޮތް ތަނުގެ އަމާޒަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް މި ޕާޓީއަށް ހޯދައިދިނުން. އަދި 2028 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް މިޕާޓީ ގެނައުމަށްޓަކައި ކޮށްދެެވެން އޮތް ހުރިހާ މަސައްކަތެއް މިއަދުން ފެށިގެން ކުރުން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުގެ އެހީތެރިކަމާއި އެއްބާރުލުން ތިޔަހުރިހާ ބޭފުޅުންނަށް ލިބިގެން ދާނެ. އަޅުގަނޑުމެންގެ އަމާޒަކަށް ވާން ވާނީ އަނެއްކާވެސް ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަން ތައްޔާރުވުން.” ރައީސް ސޯލިހު ވިދާޅުވިއެވެ.
އިތުރަށް ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީއަށް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ، މާ ރަނގަޅު މަސައްކަތްތަކެއް މީގެ ކުރިން ކުރެވިފައިވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ރައްޔިތުންނަށް އަނެއްކާވެސް އެ މަންޒަރު ފެނިގެން ދާނެ ކަމަށެވެ.
އެގޮތުން އިންތިޚާބެއް ކާމިޔާބު ނުވުމުން އެހެން ޕާޓީތަކާ ހިލާފަށް އެމްޑީޕީ ހިމޭނުން ނޯންނަ ކަން ފާހަގަކުރައްވައި، އެމަނިކުފާނު ވިދާޅުވީ 2018 ވަނައަހަރު ސަރުކާރު ބަދަލުވެގެން ދިޔަ އިރު، އޭރު އިދިކޮޅުގައި އޮތް ޕާޓީން މަސައްކަތް ފަށައިގަތީ އަހަރެއްހާ ދުވަސް ފަހުން ކަމުގައި ވީ ނަމަވެސް އިންތިޚާބަށްފަހު ޖެހިގެން އައި ދުވަހު އެމްޑީޕީ މިއަދު މި އޮތީ ނުކުމެ ކަމަށެވެ.
މީގެއިތުުރުން، އެމްޑީޕީ ވަރުގަދަ އޮޕޮޒިޝަނެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ބޭނުންވާ ހުރިހާ އެހީތެރިކަމެއް ލިބިގެންދާނެ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ. ރައީސް ވަނީ ޕާޓީގެ ތެރޭގައި ޒުވާން ރޫހު އާލާ ކުރުމަށް ބޭނުންވެލައްވާކަން ފާހަގަކުރައްވައި އެމްޑީޕީގެ ކުރީސަފަށް ޒުވާނުން ނުކުތުމަށް އެދިވަޑައިގެންފައެވެ.