މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ދިވެހި ތިންފިރިހެނުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެއްގެ އިތުރުން 35 އަހަރުގެ މީހެކެވެ.
މި މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 107 ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ތިން މީހުންނަށްވެސް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މިމައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓްއިން ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.