އައު ސަރުކާރުގެ “ޕްރޯ-މޯލްޑިވްސް” ޚާރިޖީ ސިޔާސަތަށް އޮސްޓްރޭލިއާގެ ތަޢުރީފް

ޚަބަރު ފަހުގެ

އިންތިޚާބީ އައު ސަރުކާރުގެ “ޕްރޯ-މޯލްޑިވްސް” ޚާރިޖީ ސިޔާސަތަށް އޮސްޓްރޭލިއާއިން ތަޢުރީފުކޮށްފިއެވެ.

އޮސްޓްރޭލިއާއިން އައު ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ތަޢުރީފުކޮށްފައިވަނީ އެޤައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޕޯލް ވެސްލީ ސްޓެފަންސް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިއަހަށް ކުރެވި އިޙްތިރަމްގެ ޒިޔާރަތުގެ ތެރެއިން ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުމުގައި، އިންތިޚާބީ ނައިބު ރައީސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިޝްތިހާރު
އިޝްތިހާރު

އޮސްޓްރޭލިއާގެ ސަފީރުގެ އިންތިޚާބީ ރައީސްއާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ދެބޭފުޅުންވެސްވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ޑރ. މުޢިއްޒުވަނީ އެމަނިކުފާނުގެ ޒަޢާމަތުގައި އޮސްޓްރޭލިއާއެކު އޮތް ގުޅުން އިތުރު ޙަރުފަތަކަށް ދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

ތަޢުލީމީ ދާއިރާއިން ދިވެހި ދަރިވަރުންނަށް އޮސްޓްރޭލިއާއިން ފޯރުކޮށްދެމުންދާ މަތީ ތަޢުލީމުގެ ފުރުޞަތާއި، އިންސާނީ ވަޞީލަތް ބިނާކުރުމަށް ވެދެއްވަމުންގެންދަވާ އެހީތަކަށްޓަކައި ޑރ. މުޢިއްޒުވަނީ އޮސްޓްރޭލިއާގެ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ. ދެޤައުމުގެ ދެމެދުގައި މިހާރުވެސް އެކި ދާއިރާތަކުން އުފެދިފައިވާ ގާތް ގުޅުން ފާހަގަކުރައްވާ ފެށިގެންދާ އައު ދައުރުގައި މިގުޅުންތައް އިތުރަށް ފުޅާވެ ބަދަހިވުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

އޮސްޓްރޭލިއާ ސަފީރުގެ ވާހަކަފުޅުގައި، ދެޤައުމުގެ ގުޅުންއިތުރަށް ބަދަހިކުރުމަށް ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކުގައި އޮސްޓްރޭލިއާގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ސަފީރުވަނީ ދެއްވާފައެވެ. އަދި އައު ސަރުކާރުން ގެންގުޅުއްވުމަށް ނިންމަވާފައިވާ “ޕްރޯ-މޯލްޑިވްސް” ޚާރިޖީ ސިޔާސަތަށް އޮސްޓްރޭލިއާ ސަފީރުވަނީ ތަޢުރީފުކުރައްވާފައެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިއަހަށް އެކި ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުން ގެންދަވަނީ ޒިޔާރަތްކުރައްވާ ބައްދަލުކުރައްވަމުންނެވެ. ރާއްޖެއާއި އޮސްޓްރޭލިއާއިން ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1974 ވަނަ އަހަރުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ