އިންތިގާލީ މަރުހަލާގައި އެސްއޯއީތައް ހިންގަން ދަތިވާ މައްސަލަ ބަލަން ފަށައިފި

ޚަބަރު ފަހުގެ

ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯސީ) ތަކުން އިންތިގާލީ މަރުހަލާގައި ބައެއް ކަންކަން ނުކުރަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން އެދިވަޑައިގެންފައި އޮތުމާ ގުޅިގެން ބައެއް ކުންފުނިތައް ހިންގަން ދަތިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން މިއަދު ބަލަން ފަށައިފިއެވެ.

އެސްއޯއީ ކޮމިޓީއަށް މިކަންކަމުގެ ޝަކުވާތައް ލިބުނީ ކުންފުނިތަކުގެ ވެރިންނާއި މަޖިލިސް މެމްބަރުންގެ ފަރާތުންނެވެ. އެ ކޮމިޓީން މައްސަލަ ބަލަމުން ގެންދަނީ ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި އިދާރާ ކަމަށްވާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އެ ކޮމިޓީއަށް ހާޒިރުކޮށްގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން ކުރިއަށް ދިޔަ ބައްދަލުވުމުގައި އެސްއޯއީ ކޮމިޓީގެ މުގައްރިރު ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި ބައެއް ކަންކަން ނުކުރަން ސަރުކާރު ކުންފުނިތަކަށް އެންގުމުން، މެނޭޖްމަންޓުން އަންގާ އެންގުންތަކަށް މުވައްޒަފުން ބޯނުލެނބުން ފަދަ މައްސަލަތައް ފެންމަތިވަމުން އަންނަ ކަމަށެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި ބައެއް ކަންކަން ނުކުރެވޭނެ ކަމަށް އެ ބޭފުޅުން އަންގަމުން ގެންދާ ކަމަށާއި އެ އެންގުންތަކުގެ ސަބަބުން ކުންފުނިތަކުގެ ހިންގުމަށް ހުރަސްތައް ކުރިމަތިވެ ހީނަރުކަން އަންނަމުންދާ ވާހަކަ އާއި، އަދި ކުންފުނިތަކުގެ މިޑްލް މެނޭޖްމަންޓް ލެވަލް ހިސާބުގައި ތިބި މުވައްޒަފުން، މެނޭޖްމަންޓުން އަންގާ އެންގުންތަކަށް ކަންކަން ކުރަން ފަސް ޖެހޭ ވާހަކަކޮމިޓީއަށް ލިބިފައިވާ ޝަކުވާތައް ފާހަގަކުރައްވަމުން އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި އެސްއޯއީ ކޮމިޓީން އޮޅުންފިލުވަން މަސައްކަތް ކުރަމުންދަނީ މިފަދަ އެންގުންތައް އަންގަނީ ކޮން ގަވާއިދަކުން ބާރު ލިބިގެންތޯ ނުވަަތަ ކޮން އުސޫލެއްގެ ދަށުންތޯއެވެ.

އިންތިހާބީ ރައީސްގެ ފަރާތުން ސަރުކާރު ކުންފުނިތަކުން ބައެއް ކަންކަން ހުއްޓާލަން އެންގީ އަންނަން އޮތް ސަރުކާރު ހިންގަން ދަތިވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ކުންފުނިތަކުން އާ ކަމެއް ނުފެށުމާއި އާ މުވައްޒަފުން ނުނެގުން ފަދަ ކަންކަމެވެ.

އިންތިހާބީ ރައީސްގެ ފަރާތުން ވަނީ އިންތިގާލީ މަރުހަލާގައި މިނިސްޓްރީތަކުންނާއި ސަރުކާރުގެ އިދާރާތަކުން ވެސް ބައެއް ކަންކަން ނުކުރަން އެދިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ