ޕާސްޕޯޓު ގެއްލުމުން ކުރާ ޖޫރިމަނާ 2،000ރ. އަށްވުރެ ބޮޑު ނުވާ ގޮތަށް ހަދައިފި

ޚަބަރު ފަހުގެ

ޕާސްޕޯޓް ގެއްލުމުން އަލުން ޕާސްޕޯޓް ހެއްދުމަށް ނަގަމުން އައި ބޮޑު ޖޫރިމަނާ 2،000ރ. އަށް ވުރެ ބޮޑު ނުވާ ގޮތަށް ދިވެހި ޕާސްޕޯޓާ ބެހޭ ގަވައިދު އިސްލާހުކޮށްފިއެވެ.

މީގެ ކުރިން އޮންނަނީ ޕާސްޕޯޓު ގެއްލިއްޖެ ނަމަ 5،000ރ. އާއި 20،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާށެވެ. އެއީ ފުރަތަމަ ފަހަރު 5،000ރ. އަދި ދެވަނަ ފަހަރު 10،000ރ. އަދި ތިން ވަނަ ފަހަރު 20،000ރ. އެވެ.

އިޝްތިހާރު
އިޝްތިހާރު

ނަމަވެސް މިހާރު ގަވައިދުގައި ވަނީ ޕާސްޕޯޓު ގެއްލުނީ އިހުމާލުން ނޫންކަން އެނގޭ ޕޮލިސް ރިޕޯޓަކާ އެކު ހުށަހެޅުމުން 2،000ރ. އަށްވުރެ ބޮޑު ނޫން އަދަދަކު ޖޫރިމަނާކުރާ ގޮތަށެވެ. އަދި ގެއްލުނު ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ނަމަ ޖޫރިމަނާއެއް ނުނަގާ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފައެވެ.

އަލަށް ގެނައި އިސްލާހުތަކުގައިވާ ގޮތުން، ޕާސްޕޯޓުގެ މައްސަލައެއްގައި ކޮށްފައިވާ ޖޫރިމަނާއެއް އެ ވަގުތު ދެއްކެން ނެތް ނަމަ އިމަޖެންސީ ހާލަތުގައި ރާއްޖެއިން ބޭރަށް ފުރާއިރު ޖޫރިމަނާ ފައިސާ ނުދެއްކިޔަސް ދަތުރުކުރުމުގެ ވަގުތީ ލިޔުން ދޫކުރާނެ އެވެ.

ގަވައިދަށް ގެނައި އެހެން ބަދަލުތަކުގެ ތެރޭގައި 18 އަހަރުން ދަށުގެ ކުދިންނާއި ދިގު މުއްދަތަކަށް ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ހިއްސުގެ ނުވަތަ ސިކުނޑީގެ އުނިކަން ހުންނަ މީހުންގެ ޕާސްޕޯޓް ބެލެހެއްޓުމަކީ އެ މީހުންގެ ބެލެނިވެރިން ނުވަތަ ޝަރުއީ ބަލަދުވެރިންގެ ޒިންމާއެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.

އަދި އެއް ޕާސްޕޯޓަށްވުރެ ގިނަ ޕާސްޕޯޓް ދޫކުރެވޭނެ ހާލަތްތަކާއި އޮފިޝަލް ޕާސްޕޯޓް އަދި ޑިޕްލޮމެޓިކް ޕާސްޕޯޓް ދޫކުރުމާއި އެއާ ގުޅޭ އެކި ކަންކަން ވެސް ގަވައިދުގައި ވަނީ އިސްލާހުކޮށްފައެވެ.

އިމިގްރޭޝަނުން ހިއްސާކުރި ތަފާސްހިސާބަށް ބަލާއިރު، މިދިޔަ އަހަރު 56،326 ޕާސްޕޯޓް ހެއްދި އެވެ. އަދި މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް 32،500 ޕާސްޕޯޓް ހައްދާފައިވެ އެވެ. މިދިޔަ އަހަރު 800 ޕާސްޕޯޓް ގެއްލިގެން ހުށަހަޅާފައި ވާއިރު މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 500 ޕާސްޕޯޓް ގެއްލިގެން ހުށަހެޅި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ