ދިވެހިން ފަލަސްޠީނާއެކު ތިބިކަން ހާމަކުރުމަށް ބާއްވާ ބޮޑު އެއްވުން މާދަމާ

ޚަބަރު ފަހުގެ

ފަލަސްޠީނާއެކު ދިވެހިން ތިބިކަން ހާމަކުރުމަށް ބާއްވާ “ދިވެހިންގެ ބޮޑު އެއްވުން” ހުކުރު ދުވަހުގެ ހަވީރު އޮންނާނެކަމަށް، އެ ހަރަކާތް އިންތިޒާމުކުރާ ފަރާތުން ބުނެފިއެވެ.

“ދިވެހިންގެ ބޮޑު އެއްވުން“ މި ހަރަކާތުގައި ރާއްޖޭގެ ގިނަ އަދަދެއްގެ ޖަމުޢިއްޔާ ޖަމާޢަތްތަކުން ވަނީ ބައިވެރިވެފައެވެ. މި އެއްވުމާއި ގުޅޭގޮތުން މައުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންޓަނޭޝަނަލް އެއިޑް ކެންޕެއިންގެ ފަރާތުން ވާހަކަދައްކަވަމުން މުޙައްމަދު އަލީ ވިދާޅުވީ، މިއީ ޤައުމީ ކެމްޕެއިނެއްކަމަށެވެ. ފަލަސްޠީނުގައި މިވަގުތު ކާބޯތަކެއްޗާއި ތެޔޮ، އަދި ފެނާއި ކަރަންޓުވެސް ކަނޑާލެވިފައިވާކަމަށާއި، މިވަގުތަކީ އިސްލާމީ އުންމަތުގެ ގޮތުގައި ދިވެހީން ތެދުވަންވީ ވަގުތުކަމަށް އޭނާ ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނާއި، އިސްރާ އެސޯސިއޭޝަނާއި، މިހަރަކާތުގައި މިވަގުތު ބައިވެރިވާ ޖަމްޢިއްޔާ ޖަމާއަތްތަކުގެ ފަރާތުން ވަނީ ދިވެހިރާއްޖޭގެ ހުރިހާ ޖަމްޢިއްޔާ ޖަމާއަތްތަކާއި، ހުރިހާ ސިޔާސީ ޕާޓީތަކާއި، ހުރިހާ ފަންތިއެއްގެ ހުރިހައި ގިންތިއެއްގެ ކުދި ބޮޑު އެންމެހާ ފަރާތްތަކުން މި އެއްވުމުގައި ބައިވެރިވުމަށް އެދިފައެވެ.

“މި އެއްވުން އޮންނާނީ އާޓިފިޝަލް ބީޗްގައި. ހުރިހައި ބޭފުޅުންވެސް ވަޑައިގަންނަވާނީ ހަވީރު 4 ޖަހާއިރު. ވަޑައިގަންނަވާއިރު އެންމެ ބޭފުޅުންވެސް ފަލަސްތީނުގެ ދިދައިގައި ހިމެނޭ ކުލަތައް ފެއްސާއި، ރަތާއި، ހުދާ އަދި ކަޅު ތުރުކުރެވިދާނެ. ނުވަތަ ދިދައެއް އޮތިއްޔާ ދިދަ ހިފައިގެން އާދެވިދާނެ. ދިދައެއް ނެތީވިއްޔާ ފޮތިކޮޅެއްވެސް ގެނެވިދާނެ. އަދި އެއްވެސް އެއްޗެއް ނެތީއާމު ތިއަ ލޮބުވެތި ރައްޔިތު ވަޑައިގަތުމަކީވެސް މިވަގުތުގައި އިސްލާމީ އުންމަތައް ކުރެވިގެންދާނެ ވަރަށް މުހިންމު ކަމެއް.” މުޙައްމަދު ޢަލީ ވިދާޅުވިއެވެ.

މި އެއްވުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ ދިވެހިންގެ ހިތުގައި ފަލަސްތީނަށް އޮތް ލޯބި ހާމަކޮށްދޭނެކަމެކެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭސީން ބުނީ ޣައްޒާއަށް އެހީވުމަށް އެ ޖަމުޢިއްޔާއިން ފެށި ކެމްޕެއިނަށް މިހާރު ގާތްގަނޑަކަށް 3 މިލިއަން ދިވެހި ރުފިޔާ ލިބިފައިވާކަމަށެވެ.

މިވަގުތުވެސް 8 މަސްދުވަހަށް ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އެންމެ ޒަރޫރީ ތަކެތި އެއްކުރެވިފައި އެބަހުރިކަމަށާއި، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިތުރު އެހީގެ ތަކެތި އެތެރެވެވޭނެ މަގެެއް ފެނިއްޖެނަމަ އެހިތެރިވެދެވޭނީ ދިވެހި ރައްޔިތުން މިކަމުގައި ތިބެގެންކަން އިންޓަނޭޝަނަލް އެއިޑް ކެންޕެއިނުން ވަނީ ބުނެފައެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ދިވެހި މީޑިއާތަކާއި، އައިއޭސީ ގުޅިގެން ޓެލެތޯނެއް ކުރިއަށް ގެންދިޔުމަށްވެސް ވަނީ ނިންމާފައެވެ. މި ޓެލެތޯން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުން ފެށިގެން މިމަހުގެ 17ވާ އަންގާރަ ދުވަހުގެ ނިޔަލަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ