ދަރިމައިނުވުމުގެ މައްސަލައަށް ބޭސްކުރަމުންދާ ފަރާތްތަކަށް އާސަންދަގެ ދަށުން ފޯރުކޮށްދެވޭނެ ޚިދުމަތްތަކަކީ ކޮބައިތޯ ދެނެގަނެ، އެ ޚިދުމަތްތައް ފޯރު ކޮށްދެވޭނެ ހަރުދަނާ އުސޫލެއް އަދި މިންގަނޑެއް ކަނޑައެޅުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މިއަދު ފާސް ކޮށްފިއެވެ.
ދަރިމައިނުވުމުގެ މައްސަލަތައް ރާއްޖޭގައި އިތުރު ވަމުންދާ ކަން ފާހަގަކުރައްވައި މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަޙްމަދު ނަސީމްއެވެ.
ގަރާރުގައި ބުނެފައި ވަނީ އިޖްތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމުގެ ގާނޫނު އަދި ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ދިވެހި ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ރަނގަޅު ފެންވަރުގެ އަސާސީ ޚިދުމަތް ލިބިގަތުމުގެ ހައްގު ކަށަވަރު ކޮށްދޭން ޖެހޭ ކަމަށެވެ. އަދި، ދަރިމައިނުވުމުގެ މައްސަލައާ ގުޅިގެން ދެވޭ ބައެއް އަސާސީ ފެންވަރުގެ ބޭސް ވެސް އާސަންދައިން ނުލިބޭ އިރު، އެ މައްސަލައަށް ހައްލެއް ގެނައުމަށް މި މައްސަލާއި ގުޅޭ ރަނގަޅު ގައުމީ ފެންވަރުގެ ދިރާސާއެއް ހެދުމުގެ މުހިއްމުކަން ފާހަގަކޮށްފައިވެއެވެ.
އިޖުތިމާއީ ކޮމިޓީއިން ގަރާރު ދިރާސާ ކޮށްފައި ވަނީ ހެލްތް މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ އާއި އާސަންދަ އާއި އެންސްޕާގެ އިތުރުން 311 މެމްބަރުން ހިމެނޭ ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ބޭފުޅުންނާ ބައްދަލުކޮށް އެ ފަރާތްތަކުގެ ލަފަޔާއި އިރުޝާދުގެ މަތީންނެވެ. ދަރިމައިވާ ރޭޓު 2017 ވަނަ އަހަރު 2.1 ޕަސެންޓަށް ދަށްވެފައިވާތީ އާބާދީގެ ނިސްބަތް އެއް ޖީލުން އަނެއް ޖީލަށް އިތުރުނުވެ އެއް ވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް ކޮމިޓީގައި ހެލްތް މިނިސްޓްރީން ބުނެފައި ވެއެވެ.
ގަރާރާ ގުޅިގެން ކޮމިޓީއިން ވަނީ ތިން ކަމެއް ހުށަހަޅާފައެވެ.
- ދަރިމައިވާ ރޭޓް ދަށްވުމުގައި އިންފާޓިލިޓީއާ ގުޅުންހުރި ސަބަބުތައް ހިމެނޭތޯ ބެލުމަށް ކަމާ ގުޅޭ ވުޒާރާތަކުން އިސްނަގައިގެން ގައުމީ ފެންވަރުގެ ދިރާސާއެއް ކުރުން.
- އާސަންދަ ސްކީމަށް ބަދަލު ގެނެސް، ދަރިމައިނުވުމުގެ މައްސަލަތަކަށް ދެވޭ ފަރުވާގެ ބާވަތްތައް ހިމެނުން.
- ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ހޮސްޕިޓަލުތަކުން ދަރިމައިވުމުގެ މައްސަލައަށް ފަރުވާ ލިބޭނެ ގޮތް ހަމަޖެއްސުން.
މި ގަރާރު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 45 މެންބަރުންގެ އިއްތިފާގުންނެވެ.
ރާއްޖޭގެ އިޖްތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމު ބައްޓަންވެފައި އޮތް ގޮތުން އެ ނިޒާމުގެ ދަށުން ދަރިމައިނުވުމުގެ މައްސަލައަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތުތައް ވަނީ އިންތިހާއަށް ހަނިވެފައެވެ. އެ މައްސަލައަށް ބޭސްފަރުވާ ކުރާ ފަރާތްތަކަށް ގަވައިދުން ބޭނުންވާ ބައެއް ބޭހުގެ ބާވަތްތައް ރާއްޖެއިން ހޯދުމުގައި ތަފާތު އުނދަގޫތައް ކުރިމަތިވާ ކަމަށް އެފަރާތްތަކުން ފާހަގަ ކުރަމުންދާ ކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ.