ކުޅުދުއްފުށީގައި އެއްޗެއް ގޮވައި ހާލު ސީރިއަސްވީ މީހާ އިންޑިއާއަށް ގެންދަނީ

ޚަބަރު ފަހުގެ

ހދ. ކުޅުދުއްފުށި އެއާޕޯޓުގައި އެއްޗެއް ގޮވައި އަނިޔާވި މީހުންގެ ތެރެއިން ހާލު ސީރިއަސްވީ މީހާ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ނިންމައިފި އެވެ.

ކުޅުދުއްފުށީގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި މިހާދިސާގައި ހަތަރު މީހަކަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފަ އެވެ. އަނިޔާވި މީހުންގެ ތެރެއިން ހާލު ސީރިއަސްވީ 37 އަހަރުގެ ފިރިހެނެކެވެ. މި މީހާގެ އިތުރުން ދެން އަނިޔާވީ އަންހެނަކާއި ދެ ފިރިހެނަކަށެވެ.

އިޝްތިހާރު
އިޝްތިހާރު

ހާލު ސީރިއަސްވި މީހާއަށް އިތުރު ފަތުރުވާ ދިނުމަށް ބުރާސްފަތި ދުވަހުގެ ރޭ މާލެ ގެނައީ ދިވެހި ސިފައިންގެ ޑޯނިއާ މަތިންދާ ބޯޓު ގައެވެ.

މިޑިޔާއަށް މައުލޫމާތު ދެމުން އެއާއިލާގެ މެމްބަރަކު ބުނީ، އޭނާ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދިއުމަށްޓަކާ ވާންޖެހޭ ތައްޔާރީތައް މިހާރުވަމުން އަންނަ ކަމަށާއި އެގޮތުން ޓިކެޓާއި އެކޮމޮޑޭޝަން ހަމަޖެއްސުން ފަދަ ކަންކަން މިހާރު ކުރަމުން އަންނަ ކަމަށެވެ.

އަނިޔާވި މީހާއަށް ކުޅުދުއްފުށީ ސިޓީ ހޮސްޕިޓަލުން ވަރަށް ރަނގަޅަށް ފަރުވާދީފައިވާކަން އޭޑީކޭ ހޮސްޕިޓަލުން ފާހަގަކުރާ ކަމަށާއި އޭނާ މާލެ ގެނައީ ކުޅުދުއްފުށީ ސިޓީ ހޮސްޕިޓަލުން ކުޑަ ސާޖަރީއެއްވެސް ހަދާފައި ކަމަށް އާއިލާއިން މައުލޫމާތުދިން ފަރާތުން ބުންޏެވެ. އަދި އޭޑީކޭގައި ތަންކޮޅެއް ޑީޓެއިލްޑް ސާޖަރީއެއް ހެދުމުގެ ކަންކަން މިހާރު ކުރިއަށްދާ ކަމަށްވެސް މައުލޫމާތު ދިނެވެ.

އާއިލާއިން ނިންމާފައިވަނީ ސާޖަރީ ނިންމުނުހާ އަވަހަކަށް ނޫނީ މާދަމާގެ ވަގުތެއްގައި އޭނާ ގޮވައިގެން ރާއްޖޭން ބޭރަށް ފުރުމަށެވެ. އޭނާއަށް ފަރުވާދޭން އާއިލާއިން ނިންމާފައިވަނީ އަވަށްޓެރި އިންޑިއާއަށެވެ.

އާއިލާއިން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ސިލިންޑަރު ގޮވި ހާދިސާގައި ޒަހަމްވެފައި ވަނީ އޭނާގެ ކަނާތުގެ އުޅަބޮށި މަތިންނެވެ. އެ އަތް ވަރަށް ބޮޑަށް ޒަހަމްވެފައިވީ ނަމަވެސް އިނގިލިތައް ހަރަކާތްކުރެވޭ ކަމަށާއި، އެހެން ކަމުން އަތް ރަނގަޅުވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް އާއިލާއިން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ