ކުރިއަރ އަދި އެއަރކާރގޯ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ތިން ޝިޕްމެންޓެއް ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން ބުނީ، މީގެ ތެރެއިން ފުރަތަމަ ޝިޕްމެންޓް އަތުލައިގަނެފައިވަނީ ސެޕްޓެމްބަރ 27 ވަނަ ދުވަހު ކުރިއަރ ސަރވިސް މެދުވެރިކޮށް ޖަރުމަންވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރު، އޭގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ކުނޑިތަކެއް ފެނުމުން އިތުރަށް ޗެކްކުރުމުގެ ތެރޭގައިކަމަށެވެ.
މިތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން އަށް ވަނީ ޕޮޒިޓިވްވެފައެވެ. އަދި މި ތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު ޖުމްލަ 2،250 ގްރާމް ހުރިކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.
މީގެ އިތުރުން، މިމަހުގެ ފަސް ވަނަ ދުވަހު އިންޑިޔާއިން އިން ރާއްޖެ އައިސްފައިވާ އެއާރކާގޯ ޝިޕްމަންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން، އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައި ޝިޕްމަންޓުގެ ތެރޭގައި ހިމެނޭ ޖުމްލަ ފަސް ދާގީނާގެ އެތެރޭގައި ހުރި އިލްކްޓްރޯނިކް އާލާތްތަކުގައި މަސްތުވާތަކެތި ހުރި ޕެކެޓްތަކެއް ފޮރުވާފައިހުރިކަން ފާހަގަކުރެވުނުކަމަށް ކަސްޓަމްސްއިން ބުނެއެވެ. ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މިތަކެތި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ވަނީ ޕޮޒިޓިވް ވެފައެވެ. ކަސްޓަމްސްއިން ބުނީ، މި ތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު ޖުމްލަ 3،040 ގްރާމް ހުރިއިރު މިތަކެތީގެ މަގުމަތީ އަގު 3.8 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށެވެ.
މަސްތުވާތަކެތި ހިމެނޭ ތިންވަނަ ޝިޕްމެންޓް އަތުލައިގަނެފައިވަނީ، މިމަހުގެ ހަތް ވަނަ ދުވަހު ތައިލެންޑުން ރާއްޖެ އައިސްފައިވާ އެއާރކާގޯ ޝިޕްމަންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން، އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ. މި ތަކެތި ފުރަތަމަ މަރުޙަލާގައި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ވަނީ ޕޮޒިޓިވް ވެފައެވެ. މި ތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު ޖުމްލަ 3550 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 4.2 މިލިއަން ރުފިޔާއަށް އަރައެވެ.
މި މައްސަލަތައް އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، އަތުލައިގަތް މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކުރެވިފައެވެ.