އިންތިޚާބީ ރައީސްއާއި ނައިބު ރައީސް ހުވާކުރައްވާ ރަސްމިއްޔާތަށް 3500 މީހުންނަށް ދަޢުވަތު

ޚަބަރު ފަހުގެ

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރައްވާ ރަސްމިއްޔާތަށް 3500 އެއްހާ މީހުންނަށް ދަޢުވަތު ދެއްވުމަށް ނިންމާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުން ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައީސްކަމުގެ ހުވާކުރެއްވުމުގެ ޖަލްސާ އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމުގެ ތައްޔާރީތައް ރައްޔިތުންގެ މަޖިލީހުން އަންނަނީ ކުރައްވަމުންނެވެ. ގިނަ ފަރާތްތަކަކަށް މި ރަސްމިއްޔާތުގައި ބައިވެރިވެވޭނެހެން ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުމްހޫރީ މައިދާނުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރައްވާ ރަސްމިޔާތަށް ދަޢުވަތު ދެއްވާނެ ބޭފުޅުންނާއި ގުޅޭގޮތުން އިންތިޚާބީ ރައީސްގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ހުވާކުރައްވާ ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވާނެ ޤައުމުތަކުގެ ވެރިންނާއި ޤައުމުތަކުގެ އިސް ފަރާތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި މިރަސްމިއްޔާތަށް 3500 އެއްހާ ފަރާތަށް ދަޢުވަތު ދެއްވުމަށް ތައްޔާރުވަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުން ވިދާޅުވެއެވެ.

މި ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ނިންމާފައިވީނަމަވެސް، މޫސުން ގޯސްވުން ފަދަ ކަމެއް ދިމާވެއްޖެނަމަ މިރަސްމިއްޔާތު ރައްޔިތުންގެ މަޖިލީހުގައި ބޭއްވުމަށްވަނީ ނިންމާފައެވެ. އަދި މިރަސްމިއްޔާތު އޮންނާނީ 17 ވާ ހުކުރު ދުވަހުގެ ހަވީރު 16:45 ގައިކަމަށް ރައްޔިތުންގެ މަޖިލީހުންވަނީ ވިދާޅުވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ