ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްއޮތް ދައުރުގައިވެސް މަސައްކަތް ކޮށްދެއްވާ: ނައިބު ރައީސް

ޚަބަރު ފަހުގެ

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން ކުރަން ފަށާފައި ހުރިކަންކަން ކުރިޔަށް އޮތް ދައުރުގައިވެސް އިތުރަށް ފުރިހަމަކޮށް ކުރިޔަށް ގެންގޮސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެދިވަޑައިގަންނަވައިފިއެވެ.

ފުލުހުންގެ ކިބައިން އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ މާލޭ އޭރިޔާގެ ކުރީ ސަފުގައި މަސައްކަތްކުރާ ފުލުހުންނާއެކު ސަރޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގައި ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މި ނިމިގެންދާ 5 އަހަރަކީ، ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއްވެސް ކުރެވުނު 5 އަހަރު ކަމަށެވެ.

އެގޮތުން، ފުލުހުންގެ ކުރިއެރުމާއި ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރައްވިއެވެ. ވަކިން ޚާއްސަކޮށް ”ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް” ހުޅުވުމަކީ ލިބިގެންދިޔަ ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުންކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން، ޚާއްސަކޮށް، ކޯވިޑް-19ގެ ހާލަތުގައި، ފުލުހުން ކުރި މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

މިގޮތުން ކޯވިޑް-19އިން އަރައިގަތުމަށް ކުރެވުނު މަސައްކަތްތަކުގައި ޢަމަލީގޮތުން ފުލުހުން އަދާކުރެއްވި ދައުރުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ އަލިއަޅުއްވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ސަރުކާރުގެ ސިޔާސަތުތަކާއި އެކު މަގުމައްޗާއި، ކަނޑުދަތުރާއި، މަސައްކަތުގެ މާހައުލާއި، ގޭތެރޭގައި ދިމާވާ ކަންކަމުގައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފެށިފައި ހުރި މަސައްކަތްތަކާއި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ފެށިފައި ހުރި މަސައްކަތްތައް ކުރިޔަށް ގެންގޮސް ދެއްވުމަށްވަނީ އެދިވަޑައިގަންނަވާފައެވެ.

ޚާއްސަގޮތެއްގައި މަސްތުވާތަކެތީގެ މައްސަލައަށް ވަށައިޖެހޭ ހައްލެއް ހޯދުމަށްޓަކައި، ރިހެބިލިޓޭޝަން އައިލެންޑެއްގެ ގޮތުގައި ހައްދުންމަތީ ކަޅައިދޫ ތަރައްޤީކުރުމަށް ކުރެވެމުން ދިޔަ މަސައްކަތްތައް ފާހަގަކުރައްވާ އެމަސައްކަތް ކުރިއަށް އޮތް ދައުރުގައިވެސް ފުރިހަމަގޮތުގައި ކުރިއަށްގެންގޮސްދެއްވުމަށް ނައިބު ރައީސްވަނީ އެދިވަޑައިގަންނަވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި ހޭލުންތެރިކަން އިތުރު ކުރުމަށާއި، އަމާން މުޖުތަމަޢެއް ޤާއިމް ކުރުމަށް ފުލުހުންނާއިއެކު ކުރެވުނު މަސައްކަތްތައް ފާހަގަކުރައްވާ ދިވެހި ފުލުހުންގެ ޚިދުމަތަށް ޝުކުރު އަދާކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ