ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ވަކިކުރަން މިއަދަށް އެޖެންޑާކުރި ޖަލްސާ ބޭއްވޭ ގޮތެއް ނުވި އެވެ.
އެ ޖަލްސާ ނުބޭއްވުނީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ގޮތަށް އޮތް ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ އެވެ.
އީވާ އަކީ ނަޝީދަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. ނަޝީދުގެ އިތުރުން، އީވާ ވެސް މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ވަކިކުރަން އެމްޑީޕީން ކުރިން ހުށަހެޅި އެވެ.
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން ހުށަހެޅީ އެމްޑީޕީގެ 49 މެމްބަރުން ސޮޔާ އެކީގަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމުގެ ގޮތުން މަޖިލީހުގެ އަމީން އާންމު ފާޠިމަތު ނިއުޝާ ވިދާޅުވީ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލައިގެ ނޯޓިސް ފޮނުވުމަށްފަހު ނޯޓިސް ހަމަވުމާއެކު އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހަށް މައްސަލަ އެޖެންޑާކުރަންޖެހޭކަމަށެވެ.
އަދި މަޖިލީހުގެ ޤަވާއިދުގައި މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ނާއިބު ރައީސް ބަލަހައްޓަންވާނެކަމަށް ބަޔާޏްކުރާކަމަށާއި، ނަމަވެސް މަޖިލީހުގެ ނާއިބު ރައީސް އާލާސްކަންފުޅަ އުޅުއްވާކަމަށް ވިދާޅުވެ ސަލާމް ފޮނުއްވާފައިވާކަމަށް ނިއުޝާ ވިދާޅުވިއެވެ.
އެހެންކަމުން މާދަމާގެ ޖަލްސާއަށްވެސް މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކުރާނެކަމަށް ވިދާޅުވެ ވަނީ ޖަލްސާ ނިންމާލާފައެވެ.