“ކުރިއަށް އަންހެނުން” މަޖިލީހުގައި އަންހެނުން އިތުރު ކުރުމަށް ޕީއެންސީން އެލަވަންސް އެއް ދެނީ

ސިޔާސީ

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުގެ ޓިކެޓުގައި ވާދަކޮށް މަޖިލީހަށް ހޮވޭ އަންހެން މެންބަރުންނަށް، އެ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން ހާއްސަ އިނާޔަތެއް ދޭނެކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

“ކުރިއަށް އަންހެނުން” މިނަމުގައި އާންމުކުރެއްވި އެކްސް ޕޯސްޓެއްގައި ޑރ. މުއިއްޒު ވަނީ، ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވެ ހޮވިގެން ދިޔުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އެދުމެއްކަމަށް ވިދާޅުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން ޕީ.ޕީ.އެމް/ޕީ.އެން.ސީ ކޯލިޝަނުގެ ފަރާތުން މަޖިލީހަށް މަދުވެގެން 20 އިންސައްތަ ގޮޑިއަށް އަންހެން ބޭފުޅުން ކުރިމަތިލައި ހޮވުމަށް މަސައްކަތްކުރުމަށް ޑރ. މުއިއްޒު ވަނީ ގޮވާލައްވާފައެވެ.

އަދި މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން ޕީ.ޕީ.އެމް/ޕީ.އެން.ސީ އިން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެންބަރަކަށް މަޖިލީހުން ލިބޭ މުސާރަޔާއި އެލަވަންސްގެ އިތުރުން ޕާޓީއިން ޚާއްސަ އެލަވަންސެއް ދޭގޮތަށް ހަމަޖައްސަން މަސައްކަތް ކުރާނެކަމަށް މުއިއްޒުވަނީ ވިދާޅުވެފައެވެ.

ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ 87 މެންބަރުންނެވެ. ނަމަވެސް އަންނަ އަހަރު ފެށޭ 20 ވަނަ މަޖިލީހުގައި 93 މެންބަރުން ހިމެނިވަޑައިގަންނަވާނެއެވެ. އަންނަ އަހަރު މަޖިލީހަށް ޖުމްލަ ނުވަ ދާއިރާއެއް އިތުރުވާނެއެވެ.

އެއާއެކު ގިނަ އަދަދެއްގެ ބަޔަކު މިހާރުވެސް އަންނަނީ މަޖިލީހަށް ވާދަކުރާނެކަން ހާމަކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގައިވާ ގޮތުގެ މައްޗަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބޭއްވޭނީ އަންނަ އަހަރުގެ މާޗް މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލް މަހުގެ ކުރީކޮޅު ކަމަށް އިލެކްޝަން ކޮމިޝަނުން ލަފާކުރެއެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ