ހުޅުމާލޭގެ ބިންތަކަކާގުޅޭ މުޢާމަލާތްތަކެއް ހިންގާކަމަށްބުނެ އިންތިހާބީ ރައީސްގެ ކަންބޮޑުވުން!

ޚަބަރު ފަހުގެ

ވެރިކަން ބަދަލުވުމުގެ މަރުހަލާ ހިނގަމުން ދަނިކޮށް އާބަންކޯ އިން ހުޅުމާލޭގެ ބިންތަކެއްގެ ވިޔަފާރީގެ މުއާމަލާތްތަކެއް ނިންމުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިންތިހާބީ ރައީސްގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އާބަންކޯއިން ހުޅުމާލޭގެ ބިންތަކާއި ގުޅޭ ވިޔަފާރީގެ މުއާމަލާތްތަކެއް ނިންމުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އެކި މަރުހަލާތަކާ ގުޅޭ 40 އައިޓަމެއް އާބަންކޯގެ ދެން އެންމެ އަވަހަށް ބާއްވާ ބޯޑު ބައްދަލުވުމަށް އެޖެންޑާކޮށްފައިވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ހުޅުމާލޭގެ ބިންތަކަކީ ދައުލަތުގެ ރައުސުލްމާލުގައި ހިމެނޭ އެންމެ އަގުބޮޑު އެސެޓްތައްކަން ފާހަގަކުރަމުން އިންތިހާބީ ރައީސްގެ އޮފީހުން ބުނީ އަވަސް އަރުވާލައިގެން އެ ބިންތަކާއި ގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަކީ ނިހާޔަތަށް ކަންބޮޑުވާކަމެއް ކަމަށެވެ.

ހާއްސަކޮށް މި މުއާމަލާތްތަކުގެ ތެރެއިން ބޭރުގެ ފަރާތްތަކަށް ބިން ކުއްޔަށްދޫކުރުމުގެ މުއާމަލާތްތައް ހިމެނޭތީވެ، އިތުރަށް ކަންބޮޑުވާކަމަށްވެސް ވަނީ ބުނެފައެވެ.

އިންތިހާބީ ރައީސްގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ މިކަމުގެ ސަބަބުން އަލަށް އަންނަ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ހުރަސްއެޅި ދިވެހި ދައުލަތަށް އެކަމުގެ ގެއްލުންތައް ލިބުމުގެ ފުރުސަތު އޮންނާނޭ ކަމަށެވެ. އެގޮތުން އިންތިގާލީ މަރުހަލާގައި އެފަދަ މުއާމަލާތްތައް ނުކުރުމަށް އިންތިހާބީ ރައީސްގެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި މިފަދަ ކަންކަން ހުއްޓާނުލައި ކުރިއަށްގެންދާނަމަ، ގާނޫނީ ނިޒާމުގެ ތެރެއިން އެކަންކަން ހުއްޓުވާނޭކަމުގެ އިންޒާރުވެސް އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ދީފައެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ