ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲއަށް ޑެންގޫ ހުން ޖެހިވަޑައިގެން އާލާސްކަންފުޅު ފަސޭހަނުވާތީ މިއަދުވެސް ސަލާމް ވިދާޅުވުމާއެކު، މިއަދަށް ތާވަލުކުރި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޖަލްސާ ބޭއްވޭ ގޮތްނުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މަޤާމުން ވަކިކުރުމަށް އިތުބާރުނެތްކަމުގެ ވޯޓެއް ނަގަން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ހުށަހެޅި ޤަރާރު ލިބުމާ ގުޅިގެން މަޖިލީހުން ފޮނުވި ނޯޓިސްގެ މުއްދަތު ހަމަވެ އިއްޔެގެ ޖަލްސާއަށް އެ މައްސަލަ ތާވަލުކުރި ނަމަވެސް، އީވާ އާލާސްކަންފުޅާ އުޅުއްވާތީ އެ ޖަލްސާ ނުބޭއްވުނެވެ.
މަޖިލީހުގެ ހިންގާ ޤަވާއިދުގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ކުރިއަށްގެންދާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަންޖެހޭނީ މަޖިލީހުގެ ނައިބުރައީސެވެ. އަދި މަޖިލީހުގެ ނައިބުރައީސްގެ އިތުބާރުނެތްކަމުގެ ވޯޓު ނަގާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަންޖެހޭނީ މަޖިލީހުގެ ރައީސެވެ.
އިއްޔެ ތާވަލުކުރި ޖަލްސާ ފެއްޓެވުމާއެކު މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާވަނީ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހުގެ ޖަލްސާއަށް ވަޑައިނުގެންނެވޭކަން މަޖިލީހުގެ ނައިބުރައީސް އަންގަވާފައިވާކަން ހާމަކުރެއްވުމާއެކު، އިއްޔެގެ ޖަލްސާ ކުރިއަށްނުގެންދެވޭނެކަމަށް ވިދާޅުވެފައެވެ. އަދި އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށްގެންދަން މިއަދަށް އެޖެންޑާކުރައްވައި، ރިޔާސަތު ބެލެހެއްޓުމަށް އީވާއަށް ދަންނަވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް މިއަދު ހެނދުނު މަޖިލީހުގެ އިދާރާއިން މެންބަރުންނަށް ފޮނުވި މެސެޖެއްގައި ވަނީ މިއަދުވެސް އާލާސްކަންފުޅުގެ ސަބަބުން އީވާއަށް މަޖިލީހަށް ވަޑައިނުގެންނެވޭނެކަން އަންގަވައި ސަލާމް ވިދާޅުވެފައިވާތީ، މިއަދު ބާއްވަން ތާވަލުކުރި މަޖިލީހުގެ ޖަލްސާ ނޯންނާނެކަން އަންގާފައެވެ.
އިއްޔެ މަޖިލީހުގެ ޖަލްސާ ކެންސްލުވިކަން އިއުލާނުކުރުމާއެކު އެމްޑީޕީގެ މެންބަރުންވަނީ މަޖިލީހުގެ އިދާރީ މުވައްޒަފުންނާ ދިމާލަށް ހުތުރު ބަސްތައް ގޮވައި، މަޖިލީހުގެ މުދަލަށް ގެއްލުންދީ އަޑުގަދަކޮށް މަޖިލީހުގެ ތަޅުމުގައި ހަމަނުޖެހުން ހިންގާފައިވެއެވެ.