ހަތިޔާރާއެކު ސިފައިންގެ ތަމްރީނުތަކެއް ގްރޭޓާ މާލޭ ސަރަހައްދުގައި ބާއްވަން ނިންމާފައިވާކަމަށް ޑިފެންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ޑިފެންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބާއްވާ ތަމްރީނުތަކެއް އިއްޔެއިން ފެށިގެން މި މަހުގެ ފަސް ވަނަ ދުވަހަކަށް ކުރިއަށްދާނެ ކަމަށެވެ.
އެ ތަމްރީންތައް ކުރިއަށް ގެންދަނީ މާލެ، ހުޅުމާލެ ފުރަތަމަ ފިޔަވަހި، ހުޅުމާލޭ ދެވަނަ ފިޔަވަހި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަދި މާލެ ކައިރި ކަނޑުގެ ސަރަޙައްދުގައި ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނެފައިވަނީ އެ ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވެ، ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ބްލޭންކް ވަޒަން ބޭނުން ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
އެމްއެންޑީއެފުން ކޮންމެ އަހަރަކު ވެސް ގިނަ ތަމްރީންތަކެއް ހިންގައެވެ. އަދި އެ ތަމްރީންތަކުގައި ހަތިޔާރުވެސް ބޭނުންކުރެއެވެ. ތަމްރީންތައް ހިންގާއިރުގައި އާންމުގެ ސަމާލުކަމަށް އެކަން ގެނައުމަށް އަބަދުވެސް ދުރާލާ އެކަން އަންގައެވެ.