ރާއްޖޭގައި ހުންނަވާ ޔުނިސެފްގެ ވެރިޔާ އާއި މެޑަމް ފަޒްނާ ބައްދަލުކުރައްވައިފި

ޚަބަރު ފަހުގެ

ޔުނިސެފް އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ޑރ. އެޑްވާޑް އެޑައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދާ ބައްދަލުކުރައްވައިފި އެވެ.

މިއަދު މެންދުރު ކުރީގެ ވަގުތެއްގައި ބޭއްވި މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގައެވެ.

އިޝްތިހާރު
އިޝްތިހާރު

މި ބައްދަލުކުރެއްވުމުގައި މެޑަމް ފަޒްނާ ވަނީ ޑރ. އެޑްވާޑް އެޑައި އަށް މަރުޙަބާ ވިދާޅުވެފަ އެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ އެ ހައްގުތައް ކުރިއެރުވުމަކީ ސަރުކާރުން އިސްކަންދޭ މުހިއްމު އެއް ދާއިރާކަން ފާހަގަކުރެއްވި އެވެ. ރާއްޖޭގައި އެކި ދާއިރާތަކުން ކުޑަކުދިންގެ ކުރިއެރުމާއި ގުޅޭ ކަންކަމަށް ޔުނިސެފްގެ ފަރާތުން ދެމުންގެންދާ އެއްބާރުލުން ޝުކުރުވެރިކަމާއެކު އެކަމަނާ ފާހަގަވެސް ކުރެއްވި އެވެ.

މެޑަމް ފަޒްނާ ވަނީ ޔުނިސެފްއާއި ރާއްޖެއާ ގުޅިގެން ރާއްޖޭގެ ކުޑަކުދިންގެ އާންމު ހާލަތު ރަނގަޅުކުރުމަށް ކުރެވިފައިވާ ބައެއް ކަންކަން ހިއްސާކުރައްވާ، އިތުރަށް އެހީތެރިކަން ފޯރުކޮށްދީގެން ހަރުދަނާ ކުރެވިދާނެ ކަންކަންވެސް އެކަމަނާ ހިއްސާކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ޑރ. އެޑައި ވަނީ ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމުގެ ދާއިރާއިން ޔުނިސެފްގެ ފަރާތުން ރާއްޖޭގައި މިހާރު ކުރިޔަށްގެންދާ އަދި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ބައެއް ކަންކަމުގެ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. މީގެ އިތުރުން ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވި އިތުރު ކަންކަމުގެ ތެރޭގައި ޒުވާނުންގެ ނަފްސާނީ މައްސަލަތަކަށް ހައްލު ގެނައުމާއި ބެލެނިވެރިންގެ ޒިންމާ ރަނގަޅު ގޮތުގައި އަދާކުރުމުގެ މުހިއްމުކަމާއި ރަނގަޅު ކާނާއާ އެކު ހަރަކާތްތެރި ދިރިއުޅުމެއްގެ ބޭނުންތެރިކަމާއި ދައުލަތުގެ ބެލެނިވެރިކަމުގެ ދަށުގައި ތިބޭ ކުޑަކުދިންގެ ކުރިއެރުމާއި ގުޅޭގޮތުންނާއި އަދި ކުޑަކުދިންނާއި ގުޅޭ ކަންކަމުގައި މުޅި މުޖުތަމަޢުގެ ބައިވެރިވެރިވުން ހޯދުން މައްސަލަތަކުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

މެޑަމް ފަޒްނާ ވަނީ ޔުނިސެފްގެ ފަރާތުން ފަލަސްތީންގެ ޣައްޒާގައި އެހީތެރިކަން ބޭނުންވެފައި ތިބި ކުޑަކުދިންނަށް ފޯރުކޮށްދެމުންދާ އެހީތެރިކަންވެސް ފާހަގަކުރައްވާފަ އެވެ. އެކަމަނާ ވަނީ އިސްރާއިލާއި ފަލަސްތީނާ ދެމެދު މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ޣައްޒާގައި ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށް އެހީތެރިވުމުގެ މުހިއްމު ކަންވެސް ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ޑރ. އެޑައި ވަނީ ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި އެކަމަށްޓަކައި އެކަމަނާއަށް ހަނދާނީ ފިލައެއް އަރުވާފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ