އަންނަ އަހަރުން ފެށިގެން ނަޞްރުގެ ދުވަހަށް ދޭންޖެހޭ ސަމާލުކަން ސަރުކާރުން ފުރިހަމަޔަށް ދެއްވާނެކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ނަޞްރުގެ ދުވަހުގެ މުނަޞަބަތުގައި ދިވެހި ހުރިހާ ރައްޔިތުންނަށް ފޮނުއްވެވި ދުވަހުގެ ހެޔޮ ދުޢާއާއި ތަހްނިޔާގެ މެސެޖުގައެވެ.
އިންތިޚާބީ ރައީށް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ނަަސްރުގެ ދުވަހުގެ ޒިކުރާ އާކޮށް އެ ދުވަހާއި ބެހޭ މަޢުލޫމާތު، ޚާއްސަކޮށް ޒުވާނުންނަށް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ މުހިއްމު ކަމަށްޓަކައި، 2024 އިން ފެށިގެން ނަސްރުގެ ދުވަހަށް ދޭންޖެހޭ ސަމާލުކަން ސަރުކާރުން ފުރިހަމަޔަށް ދެއްވާނެކަމަށެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިމިވަނީ މީގެ އެތައް އަހަރެއްކުރިންފެށިގެން ނަޞްރުގެ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުން އައިސް، ފާއިތުވި ފަސްވަރަކަށް އަހަރު އެދުވަހަށް ދޭ ސަމާލުކަން ކުޑަވެފައިވާތީއެވެ.
ނަޞްރުގެ ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވީ ޢުދުވާނީ ޙަމަލާގައި ދީނާއި ޤައުމަށްޓަކައި ޝަހީދުވި ޢަބުޠާލުންގެ ޒިކުރާ އާކޮށް އެދުވަހު ލިބުނު ނަޞްރު ޤައުމީ ފެންވަރެއްގައި ފާހަގަކުރުމަށެވެ.
3 ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާއަކީ ފަހުގެ ތާރީޚުގައި ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަރުވާލި އެންމެ ބިރުވެރި ޙާދިޘާއެވެ. ދިވެހިންގެ މަދުބަޔަކު އަޑީގައި ތިބެގެން ހިންގި މި ޢުދުވާނުގައި ސިފައިންގެ ތެރެއިން 8 ބޭކަލަކާއި އާންމު ރައްޔިތުންގެ ތެރެއިން 11 ބޭކަލަކު ޝަހީދުވިއެވެ. މި ދުވަހަކީ ރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި، އެންމެ ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ދިވެހިން ކުރިމަތިލީ ދުވަހެވެ.
މިއީ އޭރު ރާއްޖޭގައި އޮތް ޤާނޫނީ ވެރިކަން ވައްޓާލުމަށްޓަކާ ދިވެހިންގެ މަދުބަޔަކު ހިންގި ޢުދުވާނީ ހަމަލާއެކެވެ. ރާއްޖޭގެ ވެރިކަން އަތުލައިގަތުމަށް ދުޝްމަނުން ދިން މިޢުދުވާނީ ޙަމަލާ ނާކާމިޔާބުވި ދުވަސް ރާއްޖޭގެ ނަސްރުގެދުވަހުގެ ގޮތުގައި ފާހަގަކުރަންފެށީ 1989 ނޮވެމްބަރު 3 ވަނަ ދުވަހުން ފެށިގެންނެވެ.