ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިފައި އޮތްނަމަވެސް، އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ: މަޖިލިސް

ފަހުގެ ސިޔާސީ

ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިފައި އޮތްނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

މަޖިލީހުން އެގޮތަށް ބުނެފައިވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ނުނިމެނީސް ޖަލްސާގެ ރިޔާސަތާ ޙަވާލުވެވަޑައިގެންނެވުމަށް އުޒުރުވެރިވެވަޑައިގެން ނައިބްރައީސް އީވާ އަބްދުﷲ މަޖިލީހަށް ސިޓީ ފޮނުއްވާފައިވާތީއެވެ.

އިޝްތިހާރު
އިޝްތިހާރު

ހޮނިހިރު މަޖިލިސް އިދާރާއަށް ފޮނުއްވެވި ސިޓީއެއްގައި އީވާ ވަނީ އަދުލު އިންސާފުގެ ބާރަށް އޮންނަންޖެހޭ އިހުތިރާމް ކުޑަ ނުކުރެއްވުމަށާއި، ބާރުތައް ވަކި ކުރުމުގެ ތަސައްވުރަށް ހިޔަނި ނޭޅުއްވުމަށްކަމަށް ވިދާޅުވެ، ޖަލްސާގެ ރިޔާސަތާ ޙަވާލުވެވަޑައިގެންނެވުމަށް އުޒުރުވެރިވެވަޑައިގެންފައެވެ.

ސިޓީގައި އީވާ ވިދާޅުވީ، ކޯޓުތަކުގެ މިނިވަންކަމާއި ކޯޓުތަކުގެ ހައިބަތާއި ޤަދަރު ހިމާޔަތް ކޮށްދިނުމަށް ކޯޓުތަކަށް އެހީވުމަށް ޤާނޫނުން ދައުލަތުގެ އިދާރާތަކަށް މަތިކޮށްފައިވާކަމަށެވެ. ވީއިރު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަކީ ކޯޓަށް ނުފޫޒު ފޯރުވުންކަމަށް އީވާ ސިޓީގައި ވިދާޅުވެފައިވެއެވެ.

އެކަމާ ގުޅޭގޮތުން މަޖިލީހުން ބުނީ، ސުޕްރީމް ކޯޓުގައި މައްސަލަ އޮތީމަ ޖަލްސާ ބޭއްވޭނެކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށް 31 އޮކްޓޯބަރުގައި ވެސް މަޖިލީހުގެ ނައިބު ރައީސް ސިޓީއަކުން ވިދާޅުވި ކަމަށެވެ.

އޭގެ ޖަވާބުގައި ހަމަ އެ ދުވަހުވެސް މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގައި މައްސަލަ އޮތަސް ޖަލްސާ ބޭއްވުމަށް ހުރަހެއް ނެތްކަމަށް ބުނެ ޖަވާބުދީފައެވެ.

އެހެންނަމަވެސް އެންމެ ފަހުން ހޮނިހިރު ދުވަހުގެ ސިޓީން އީވާ ރިޔާސަތާ ޙަވާލުވެވަޑައިގަންނަވަން އުޒުރުވެރިވެވަޑައިގަތުމާއެކު ދެން ޖަލްސާއަކަށް އެ މައްސަލައެއް އެޖެންޑާއެއް ނުކުރާނެއެވެ. ސަބަބަކީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނާއިބު ރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާތީކަމަށް މަޖިލީހުން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ